ހަބަރު

ހަވީރު މީޑިއާ ގުރޫޕަށް "ހަވީރު" ދިޔަ ގޮތް ސާފުކޮށްދޭން އިތުރު ފުރުސަތެއް

ހަވީރު ނޫހާއި ހަވީރު އޮންލައިން އަދި ލޯމާފާނު ޕްރިންޓްސް އަދިވެސް އިތުރު ވިޔަފާރީތަކަކީ ހަވީރު މީޑިއާ ގުރޫޕްގެ ވިޔަފާރީތަކަކަށްވި ގޮތް ސާފުކޮށްދިނުމަށް އިތުރު ފުރުސަތެއް އެ ކުންފުންޏަށް ދީފި އެވެ.

ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒުކޮށްދިނުމަށް އެދި ހަވީރުގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި އޮތީ، ހަވީރު މީޑިއާ ގުރޫޕަށް ހަވީރު ނޫހާއި ހަވީރު އޮންލައިން އަދި ލޯމާފާނު ޕްރިންޓްސް އަދިވެސް އިތުރު ވިޔަފާރީތަށް ލިބުނު ގޮތް ސާފުކޮށްދިނުމަށް އެ ކުންފުނި ޖަވާބުދާރީވުމެވެ. ނަމަވެސް އެ ކުންފުނީގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ، ކުންފުނީގެ އިސްވެރިންނާ އެކަށީގެންވާ މަޝްވަރާއެއް ކުރެވިފައިނުވާތީ މިއަދު ޖަވާބުދާރީވުމަށް ދަތި ކަމަށެވެ. ތިން ދުވަސް ތެރޭގައި ޖަވާބުދާރީވެވޭ މިންވަރަށް ތައްޔާރުވެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ދެއްވީ ތިން ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ އަޑުއެހުމުގައި ހަވީރުގެ އޮޑިޓެއް ކުރުމަށް ހަތަރު ހިއްސާދާރުންގެ އެއްބަސްވުމާއެކު ހުށަހަޅާފައިވާ އާންސްޓް އެންޑް ޔަންގް އޮޑިޓް ފާމް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އެ އޮޑިޓްކުރުމަށް ތައްޔާރަށް ތިބިތޯ ގާޒީ ވަނީ ސުވާލުކުރައްވާފަ އެވެ. އެ އޮޑިޓް ފާމުން ބުނީ، އޮޑިޓްކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ކުންފުނީގެ ބެލެންސް ސީޓް ވެސް ބޭނުންވާ ކަމަށެވެ. އެ ފާމުން ބުނީ، އެ މަސައްކަތްކޮށްދޭނެ އަގަކާއި މުއްދަތެއް އެނގޭނީ ބެލެންސް ސީޓް ލިބުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ، އެކަންކޮށްދޭނެ އަގެއް އޮޑިޓް ފާމުން ކޯޓަށް އެންގުމުން ހަތަރު ހިއްސާދާރުންގެ އަތުން އެކަމަށް ބޭނުންވާ ފައިސާ ކޯޓަށް ޖަމާކޮށް އެ ފައިސާ ފާމަށް ފޯރުކޮށްދޭނެ ކަމަށެވެ.