ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މުވައްޒަފުންގެ ސްކީމް ގައި ޕީޖީ އޮފީހުން ވެސް ބައިވެރިވެއްޖެ

ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ލުއި ފަސޭހަ ނިޒާމެއްގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްދެވޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފައްޓަވާފައިވާ "މުވައްޒަފުންގެ ސްކީމް" ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެ އެވެ.

މި ސްކީމްގައި ބައިވެރިވުމުގެ ގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ޕީޖީ އޮފީހާދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ޕީޖީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސެވެ.

މި އެއްބަސްވުމުގެ ދަށުން ކަންކަން ހިނގާނެ ގޮތުގެ މައްޗަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިންތިޒާމްކުރެވިގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.