ހަބަރު

ގައިދީން ކަސްރަތު ކުރަން ހާއްސަ ދެ ތަނެއް ދޫނިދޫގައި ހަދައިފި

އެކި މައްސަލަތަކުގެ ތަހުގީގަށް ދޫނިދޫގައި ބަންދުގައި ތިބޭ މީހުން ކަސްރަތު ކުރުމަށް ހާއްސަ ދެ ތަނެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫ ކަސްޓޯޑިއަލްގައި ތިބޭ މީހުން ކަސްރަތު ކުރުމަށްޓަކައި ދެ ތަނެއް ހެދީ، މިދިޔަ ޖެނުއަރީ މަހު 13 ވަނަ ދުވަހު އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ޑިޓެންޝަން ފެސިލިޓީސްތަކަށް ކުރި ޒިޔާރަތަށް ފަހު އެކަމަށް އެދިފައި ވާތީ ކަމަށެވެ. އައިސީއާރު އިން އެދިފައި ވަނީ ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ކަސްރަތު ކުރުމަށް ދޭ ވަގުތު އިތުރު ކުރުމަށެވެ.

އެގޮތުން ރާއްޖެއާ އައިސީއާރުއާ އެކު ހެދުނު އެއްބަސްވުމުގެ ދަށުން ދޫނިދޫ ކަސްޓޯޑިއަލްގައި ދެ ކަސްރަތު ކުރާތަނެއް ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިދިޔަ ބުދަ ދުވަހު އެތަން ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. ދޫނިދޫ ކަސްޓޯޑިއަލްގައި ތައްޔާރުކުރި މި ދެ ތަން ހުޅުއްވައި ދެއްވައި ހިދުމަތް ފައްޓަވައި ދެއްވީ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ލޮޖިސްޓިކް ސާރވިސް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޑެންޓް އޮފް ޕޮލިސް އިބްރާހިމް މަނިކް އެވެ.