ހަބަރު

އިތުބާރު ނެތުމުން ދަރަނބޫދޫ ކައުންސިލްގެ ނައިބު ރައީސް މަގާމުން ދުރުކޮށްފި

ފ. ދަރަނބޫދޫ ކައުންސިލްގެ ނައިބު ރައީސް މަހުމޫދު އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފި އެވެ.

ދަރަނބޫދޫ ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް "އަވަސް"އަށް ވިދާޅުވީ މައްސޫލިއްޔަތާއި ހިލާފަށް އޭނާގެ އަމަލުތައް ހުރުމުން އެތައް ފަހަރެއްގެ މަތިން އިސްލާހު ކުރަން ބުނެ ނުކުރުމުން ކަމަށެވެ. އެގޮތުން މިއަގެ ހެނދުނު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށް އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"ކުރަން ޖެހޭ މަސައްކަތްތަކެއް ނުކުރޭ. މެންބަރުންނާއި އޮންނަން ޖެހޭ ގުޅުމެއް ވެސް ނޯވެ. އެގޮތުން މިއަދުގެ ޖަލްސާގައި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުން ވޯޓު ދެއްވި އޭނަ ވަކި ކުރަން. އަދި މަހުމޫދު ވޯޓުލީ އޭނާ އަމިއްލައަށް ވޯޓު ލާން ނުފެންނަ ކަމަށް ދެން އިން މެންބަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވާ،" މުހައްމަދު ވިދާޅުވި އެވެ.

މަގާމުން ވަކި ކުރި ނައިބު ރައީސް މަހުމޫދު ވިދާޅުވަނީ އޭނާ ވަކި ކުރީ ޒާތީ ކަމެއްގައި ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި އޭނާ މަގާމުން ވަކި ކުރީ ވަރަށް ގިނަ ފުރުސަތުތަކެއް ދިމުމަށް ފަހުގައި ކަަމަށެވެ. އެގޮތުން ފުރަތަމަ 40 ދުވަސް ދިނުމަށް ފަހު އަދި އޭގެ ފަހުން ވެސް އިސްލާހު ކުރުމަށް އިތުރު މަހެއް ދިން ކަަމަށް މުހައްމަދު ވިދާޅުވި އެވެ.