ލައިފްސްޓައިލް

އިސްތަށިގަނޑާއި ހަމަށް ޔޯގަޓް ވަރަށް ފައްކާ!

May 27, 2016
2

ގިނަބަޔަކު ދުވަސް ފަށަނީ ހެނދުނުގެ ނާސްތާގައި ޔޯގަޓް ހިމަނައިގެންނެވެ. ތަފާތު ގިނަގުނަ ވިޓަމިންސްތައް އެކުލެވިގެންވާ މި މީރު ކާނާގައި ހަށިގަނޑަށް ފައިދާކުރާ އެތަކެއް މާއްދާއެއް ހިމެނެ އެވެ.

ހަށިގަނޑަށް ފައިދާކުރަނިވި މާއްދާތައް ހިމެނޭ ޔޯގަޓަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށާއި އިސްތަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާތަކުގެ ތެރޭގައި ހިމެނޭ "ކެލްސިއަމް" އާއި "ބީ-ވިޓަމިންސް"، "ލެކްޓިކް އެސިޑް" އަދި "ޒިންކް" ހިމެނޭ އެއްޗެކެވެ. އެހެންކަމުން ޔޯގަޓާއި އެހެން ބާވަތްތައް އެއްކޮށްގެން ގޭގައި ފަސޭހައިން ތައްޔާރުކޮށްލާ އެއްޗިހިން ހަންގަނޑާއި އިސްތަށިގަނޑަށް އަޖައިބުކުރުވަނިވި ފައިދާތައް ހޯދިދާނެ އެވެ.

ޑޭންޑްރަފަށް މިވަރެއްނެތް

ބޮލުގައި ހަން ފޮޅުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބާޒާރުގައި ހުންނަ އަގު ބޮޑު ޝޭމްޕޫ އާއި ކޮންޑިޝަނާ ބޭނުން ކުރިޔަސް ނުވަތަ ގަވާއިދުން ސެލޫންތަކުން ޓްރީޓްމަންޓް ނެގިޔަސް މިކަމަށް ހައްލެއް ނުލިބިދެ އެވެ. ގިނައިން ބޮލުގައި ހަން ފޮޅޭނަމަ ބޮލުން އިސްތަށި ފޭބުން ވެސް ގިނަވެ އެވެ. ބޮލުގެ ހަންގަނޑުގައި ހާކާލެވޭނެ ވަރުގެ ޔޯގަޓް ކޮޅެއްގެ ތެރެއަށް ކުޑަ ލުނބޯ ހުތްކޮޅަކާއި އިނގިލިކުރިއަށް ނަގާލެވޭ ވަރުގެ ލޮނުކޮޅެއް އަޅައި، ޕޭސްޓެއް ތައްޔާރުކުރުމަށްފަހު ބޮލުގައި، އިސްތަށިތަކުގެ ބުޑުތަކުގައިވާ ގޮތަށް އުނގުޅާށެވެ. ފަނަރަ ވަރަކަށް މިނިޓް މަޑުކުރުމަށްފަހު ރީތިކޮށް ފެނުން އިސްތަށިގަނޑު ދޮވެލާށެވެ. މީގެއިތުރުން ވެސް ބޮލުގެ ހަންގަނޑުގައި ހާކާލެވޭނެ ވަރުގެ ޔޯގަޓް ކޮޅެއްގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ އޮލިވް އޮއިލް އަޅައި އެއްކުރުމަށްފަހު ހަމަކުރީގެ ޕޭސްޓްވެސް ބޮލުގައި އުނގުޅި ގޮތަށް އުނގުޅާފައި ފަނަރަ ވަރަކަށް މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އެންމެ ދުވަހަކު ބޭނުންކޮށްގެން މިކަމުގެ ނަތީޖާއެއް ނުލިބިދާނެ އެވެ. ނަމަވެސް ދެތިން ހަފްތާ ވަންދެން ބޭނުންކުރަން ފެށުމުން ބޮލުން ހަންފޮޅޭލެއް މަދުކަން ފާހަގަކުރެވޭނެ އެވެ. ބޮލުން ހަންފޮޅި، ހެދުމުގެ ކޮނޑުމައްޗަށް ޑޭންޑްރަފް ފައިބައިފައި ހުންނާތީ ލަދުގަންނަނަމަ މިއީ އެކަމަށް ހައްލެކެވެ.

ނެޓުރަލް އެކްސްފޮލިއޭޓާ

ޔޯގަޓްގައި ހިމެނޭ ލެކްޓިކް އެސިޑަކީ ހަންގަނޑު އޮމާންކޮށްދީ ސާފުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މޫނުގައި ހުންނަ ކަޅުލައްތައް ނުފިލައިގެން ކަންބޮޑުވާނަމަ އުނގުޅަންވީ ޔޯގަޓެވެ. މޭޒުމަތީ ސަމުސަލެއްގެ ޔޯގަޓްގެ ތެރެއަށް ސަމުސަލެއްގެ އޯޓްމީލް ޕައިޑަރާއި އެއްބިހުގައި ހުދުބައި އަޅައި އެއްކުރުމަށްފަހު ޕޭސްޓެއް ތައްޔާރުކޮށް މޫނުގައި އުނގުޅުމަށްފަހު އަތުގެ ދެއިނގިލީގެ ކުރިން ވައްބުރަކަށް ވާނެހެން މޫނުގެ އެކި ހިސާބު މަސާޖު ކުރާށެވެ. މިގޮތަށް ހެދުމަށްފަހު ރީތި ފެނުން މޫނު ދޮވެލާށެވެ. މޫނުގެ ހަންގަނޑު އޮމާންކަން ފާހަގަ ކުރެވޭނެ އެވެ.

ބްލީޗިން އެޖެންޓް

އަވީގައި އުޅެންޖެހުމުގެ ސަބަބުން ހަންގަނޑު އަނދާފައިވާނަމަ އެކަމަށްވެސް ފަރުވާއެއް އެބައޮތެވެ. ކާޑް އަކީ ވަރަށް ހަންގަނޑު އަލިކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން އަނދާފައިވާ ހަންގަނޑަށް ފަރުވާއެއް ހޯދުމަށް ބޭނުންވަނީނަމަ އެއް ސަމުސާ ޔޯގަޓް އާއި އޮރެންޖްގެ ތޮށި މިކްސް ކުރުމަށްފަހު ޕޭސްޓެއް ތައްޔާރުކުރާށެވެ. މިޕޭސްޓް މޫނުގައި ހާކާފައި 15 ވަރަކަށް މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ޔޯގަޓްގައި ހިމެނޭ ޒިންކް ސެލްސްތައް އަލުން އުފެއްދުމަށް އެހީތެރިވުމުގެ އިތުރަށް ހަންގަނޑުގައި ހުންނަ އާ ޓިޝޫސްތައް ވެސް އުފެއްދުމަށް އެހީތެރިވެދެ އެވެ. އެހެންކަމުން ހަންގަނޑުގައި އުފެދޭ ތެޔޮ އުފައްދައިދިނުން ކޮންޓްރޯލްކޮށް ހަންގަނޑު ތެޔޮވުމާއި ހަންގަނޑު ކުރަކިވުން ކޮންޓްރޯލްކޮށްދެ އެވެ.

ތުންފަތް ހިކުމަށްވެސް ފަރުވާއެއް

ހޫނު ދުވަސްވަރު ގިނައިން ފެނާއި ދިޔާއެއްޗެހި ނުބޮވި މީހާ ޑީހައިޑްރޭޓްވާނަމަ އެކަން އެންމެ ބޮޑަށް ފެންނަން ހުންނާނީ މީހާގެ މޫނުމަތިންނެވެ. ވަކިން ހާއްސަކޮށް ތުންފަތް ހިކިފައި ހުރުމަކީ އާންމުކަމެކެވެ. ކުޑަ ޔޯގަޓް ކޮޅެއްގެ ތެރެއަށް ދެތިން ސެފްރޮން ކޮޅު އަލައި އެއްކުރުމަށްފަހު ތުންފަތުގައި އުނގުޅާފައި 20 މިނިޓް ވަންދެން ބަހައްޓައި ދޮވެލާށެވެ. ކުރިއަށްވުރެން ތުންފަތް މަޑުކަން އަދި އޮމާންކަން ފާހަގަވާނެ އެވެ. ސެފްރޮން ނެތްނަމަ ހާސްވާނެ ކަމެއް ނެތެވެ. ޔޯގަޓް ކޮޅެއްގެ ތެރެއަށް މަސްޓަޑް އޮއިލްކޮޅެއް އަޅައިގެން ވެސް ޕޭސްޓެއް ތައްޔާރުކުރެވޭނެ އެވެ. މިޕޭސްޓްވެސް ތުންފަތުގައި އުނގުޅާފައި 20 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. އަވަސް އަދި ރަނގަޅު ނަތީޖާއެއް ބޭނުންނަމަ ދުވާލަކު ދެފަހަރު މިޕޭސްޓް ތުންފަތުގައި އުނގުޅާށެވެ.