ރިޕޯޓް

މުދަލާއި ޚިދުމަތް މާކެޓްކުރާނީ ކޮން ގޮތަކަށް؟

May 28, 2016

މިފަހަރުގެ ލިޔުމުގައި ސީދާ މެނޭޖްމަންޓާއި ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު މިބަލާލަނީ، ވިޔަފާރީގައި ވަރަށް މުހިންމު ދާއިރާއެއް ކަމުގައިވާ މުދަލާއި ޚިދުމަތް މާކެޓް ކުރުމުގެ ދާއިރާއަށެވެ. ނުވަތަ ދިވެހި ބަހުންނަމަ، އިޝްތިހާރު ކުރުމުގެ ދާއިރާއަށެވެ. މިހާ ހިސާބުން ވެސް ދަންނަވަންޖެހެނީ، ޙަޤީގަތުގައި މާކެޓް ކުރުމާ އިޝްތިހާރު ކުރުމާ މިއީ މުޅިއަކުން އެއްކަމެއް ނޫންކަމެވެ. އެންމެ ކުރުގޮތަކަށް ދަންނަވާނަމަ މާކެޓް ކުރުމަކީ އިޝްތިހާރު ކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެކެވެ. އިޝްތިހާރު ކުރުމަކީ މާކެޓް ކުރުމުގެ ބަޔެކެވެ. މާކެޓް ކުރުމުގައި ހިމެނޭ ވަރަށްގިނަ ކަންތައްތަކުގެތެރެއިން އެއް ކަމެކެވެ. އެހެންކަމުން މިލިޔުމުގައި މާކެޓްކުރުން މިބަސް ބޭނުންކުރަމުން ގެންދާނަމެވެ. މިގޮތުން މިލިޔުމުގައި ބަލާލެވޭތޯ ބަލާނީ ޖުމްލަ ގޮތެއްގައި މާކެޓިންގ އަކީ ކޮބައިތޯ އާއި މާކެޓް ކުރުމުގެ ފައިދާ ތަކާއި މެދުގައެވެ.

މާކެޓް ކުރުމަކީ ކޮބައިތޯ ބަލައިލަމާތޯއެވެ. އާދެ މާކެޓިން އާބެހޭ ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަގޮތުން މާކެޓް ކުރުމަކީ މުދަލެއް ނުވަތަ ޚިދުމަތެއް އުފެއްދުމުގެ ޚިޔާލު އަންނަ ހިސާބުން ފެށިގެން އެމުދަލެއް ނުވަތަ ޚިދުމަތެއް ގަންނަ ފަރާތުގެ އަތްމައްޗަށް އަރަންދެން ކުރާ މަސައްކަތްތަކެވެ. ބައެއް އެހެން ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަގޮތުން މާކެޓިން އަކީ ކަސްޓަމަރަކު ހޯދާ، އެފަރާތާއިއެކު އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރާ ހުރިހާ މަސައްކަތްތަކެވެ. (ތަފާތު ގޮތަކަށް ބުނެފައި ވީނަމަވެސް މައިގަނޑުގޮތެއްގި ބުނެވެނީ އެކައްޗެކޭ އެވެ). މިނޫން އެހެން ގޮތްގޮތަށްވެސް މާކެޓިން ޑިފައިން ކޮށްފައި ހުރެއެވެ.

މާކެޓިން ގެ އެންމެ އަސާސީ އެއް ޓޫލް ނުވަތަ އާލާތް ކަމުގައި ބުނެއުޅެނީ 4 ޕީސް އޮފް މާރކެޓިން (މާކެޓިންގެ ޕީ އަކުރަކުން ފެށޭ ހަތަރު އަސާސް) (ޚިދުމަތެއް ނަމަ ހަތް އަސާސް) އެވެ. މީގެތެރެއިން އެންމެ ފުރަތަމަ އަސާސްއަކީ ޕްރޮޑަކްޓް، ނުވަތަ މުދަލެވެ. އާދެ ވިއްކަން ބޭނުންވާ މުދާ ކަނޑައަޅާ، އުފައްދާ ފައްކާ ކުރުމެވެ. ދެވަނަ އަސާސްއަކީ އެމުދަލެއްގެ އަގު ނުވަތަ ޕްރައިސް އެވެ. ތިންވަނަ އަސާސްއަކީ ޕްލޭސް ނުވަތަ، އެމުދާ ގަންނަމީހާއާއި ހަމައަށް ފޯރުކޮށްދޭނެ ގޮތެވެ. އަދި ހަތަރުވަނަ "ޕީ" ނުވަތަ އަސާސްއަކީީ ޕްރޮމޯޝަން، ނުވަތަ އެ މުދަލެއް ތަޢާރަފްކޮށް އިޝްތިހާރު ކުރާނެ ގޮތެވެ.

މާކެޓް ކުރަނީ ޚިދުމަތެއް ކަމުގައިވާނަމަ، މި 4 ޕީ ގެ ތެރެއަށް 3 ޕީ އިތުރު ކުރެއެވެ. މި 3 ޕީއަކީ، ޕީޕަލް ނުވަތަ ޚިދުމަތް ދިނުމުގައި މަޝްޢޫލުވާ މީހުންނާއި، ޕްރޮސެސް ނުވަތަ ޚިދުމަތް ދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި، ފިޒިކަލް އެވިޑެންސް، ނުވަތަ ދެވޭ ޚިދުމަތުގެ ތެރެއިން ފެންނަން އޮންނަ އެއްޗެކެވެ.

އެންމެ ފުރިހަމަ ގޮތުގައި މުދަލެއް ނުވަތަ ޚިދުމަތެއް މާކެޓް ކުރުމުގައި މި ދަންނަވާލެވުނު އަސާސްތަކަށް ވިސްނުން ގެންގުޅުއްވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިއިން ކޮންމެ ކަމެއް ކުރާނެ ގޮތް ކަނޑައަޅާ، އެގޮތަކަށް މަސައްކަތް ގެންދިއުމަކީވެސް މުހިންމު ކަންކަމެވެ.

ހެޔޮގޮތުގައި މާކެޓް ކުރުމަކީ ހަމައެކަނި ބޮޑެތި ކުންފުނިތަކަށް އޮންނަ ކަމެއް ނޫނެވެ. އެންމެ ކުދި ވެގެން ގޭގައި އަމިއްލައަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ރަނގަޅުގޮތުގައި މާކެޓް ކޮށްފިނަމަ އެކަމުގެ ނަފާ ލިބޭނެއެވެ. މީގެ އިތުރުން މިޒަމާނުގައި އިންޓަނެޓާއި ސޯޝަލް މީޑިޔާ އެންމެންގެ އަތްފޯރާ ފަށުގައި އޮންނައިރު، މާބޮޑު ޚަރަދުތަކެއްނުކޮށް ވެސް މާކެޓް ކުރެވިދާނެ އެވެ. ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މާކެޓިން އާއި މެދު އެހާބޮޑަށް ވިސްނާ ވިޔަފާރިތަކެކޭ ނުދެންނެވޭނެ އެވެ. އެހެން ނަމަވެސް މިއިން ކޮންމެ ވިޔަފާރިއަކީ ވެސް ކޮންމެވެސް މުދަލެއް ނުވަތަ ޚިދުމަތެއް ކޮންމެވެސް ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ވިޔަފާރިތަކެވެ. އެހެންކަމުން އެ ވިޔަފާރިއެއްގެ މުދާ ހެޔޮގޮތުގައި މާކެޓް ކުރުމަކީ، އޭގެ ސަބަބުން އެވިޔަފާރިއެއްގެ ނަފާ އިތުރުވެގެންދާނެ ކަމެކެވެ.

މާކެޓް ކުރުމުގެ ފައިދާތަކަކީ ކޮބައިތޯ ބަލާލަމާ ތޯއެވެ. އާދެ ހެޔޮގޮތުގައި މާކެޓް ކުރުމުގައި ގިނަގުނަ ފައިދާތައް ހިމެނެއެވެ. މިގެތެރޭގައި އެވިޔަފާރިއަކާއި އެމުދާ ގަންނަ ފަރާތާއި ދެމެދު އޮންނަ ގުޅުން ރަނގަޅަށް ފަހުމުވެ އެ ގުޅުން ދެމެހެއްޓުމުގެ މަގު ފަހިވުމާއި، މުދާ ގަންނަ ފަރާތުން އެމުދަލަކާއި މެދު ދެކޭގޮތްތައް ދެނެގަނެވި، ގަންނަފަރާތްތައް އެންމެ ބޭނުންވާގޮތަށް މުދާ ނުވަތަ ޚިދުމަތް ބައްޓަށް ކުރުމުގެ ފުރުޞަތު ތަނަވަސް ވެގެން ދިއުމާއި، ވިޔަފާރި މާޙައުލަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އެބަދަލުތަކަށް ހޭނުމުގެ ފުރުޞަތު ލިބިގެން ދިއުންފަދަ ކަންތައްތައް ހިމެނެއެވެ.

ވިޔަފާރި އާއި މެނޭޖްމަންޓް ދާއިރާގެ މިފަދަ އުފެއްދުންތެރި ކަންކަމުގެ ވާހަކަ ދެއްކުމުން، ވަރަށް ގިނަ ފަހަރަށް ހީވެފައި އޮންނަނީ މިފަދަ ކަންތައްތައް ކުރުމަކީ ވަރަށް ޚަރަދު ބޮޑު، ނުވަތަ އެވިޔަފާރިއަކަށް މިހާރު ކުރަން ނުޖެހޭ ބޮޑު ޚަރަދުތަކެއް ކުރަންޖެހިގެން ދާނެ ކަމެއްކަމުގައެވެ. އެހެން ނަމަވެސް ގިނަފަހަރަށް މިކަން އޮންނަނީ މިގޮތަކަށް ނޫނެވެ. މިސާލަކަށް މާކެޓިން ވާހަކަ ދައްކާއިރު، މިލިޔުމުގައި މިހާތަނަށް މިލިޔުނު ހުރިހާކަމަކީވެސް އަމިއްލައަށްވެސް ކުރެވިދާނެ ކަންތައްތަކެވެ. މުހިންމު ކަމަކީ، މިއީ ކުރަން މުހިންމު ކަންތައްތައް ކަމުގައި ޤަބޫލުފުޅުކުރައްވާ، އެކަންތައްތައް ކުރާނެ ގޮތްތަށް ދެނެގަތުމެވެ. އެހެންނޫނަސް، މިފަދަ ކަންތައްތައް ހިންގުމަށް އިތުރު ޚަރަދެއް ކުރަން (މިސާލަކަށް މާކެޓް ކުރާނެ މުވައްޒަފެއް ހޯދުން) ޖެހުނު ނަމަވެސް، ހެޔޮގޮތުގައި އެކަން ކުރުމުން، އެވިޔަފާރިއެއްގެ ނަފާވެރިކަން، އެކުރަން ޖެހުނު ޚަރަދަށްވުރެ އެތަން ގުނައެއް އިތުރުވެގެން ދާނެެއެވެ.

ވަރަށް ކުޑަގޮތަކަށް މިދަންނަވާލެވުނީ މާކެޓް ކުރުމަކީ ކޮބައިކަމާއި، މާކެޓް ކުރަންޖެހޭ ގޮތާއި، ހެޔޮގޮތުގައި މާކެޓް ކުރުމުގެ ފައިދާތަކުގެ ވާހަކައެވެ. މިލިޔުމުގައި މިބަލާލެވުނީ މާކެޓިންގ ގައި ބޭނުންކުރާ އެންމެ އަސާސީ ޓޫލް ނުވަތަ އާލާތުގެ ވާހަކައެވެ. މިފަދަ އެހެން އާލާތްތައްވެސް މާކެޓިން ގައި ބޭނުންކުރެއެވެ. މާތްﷲ ގެ ވާގިފުޅާއިއެކު އެހެންލިޔުމެއްގައި މާކެޓިން ގެ އިތުރު ކަންތައްތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ.