ލައިފްސްޓައިލް

މާބަނޑު ދުވަސްވަރު މާބޮޑަށް ހާސްވަނީތަ؟

ތިއިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ދޯ އެވެ. ކުރެވޭ އިހުސާސްތައް ވަރަށް ތަފާތެއް ނޫން ހެއްޔެވެ؟ ތިއީ ހަމައެކަނި ފުރަތަމަ ފަހަރު ވީމަ ވާގޮތެއް ނޫނެވެ. ބަލިވެ އިންނަ ކޮންމެ ފަހަރަކު ތި އިހުސާސްތައް އައިސް ވަށާލައި ފިއްތާލާނެ އެވެ. އެކަމަކު ފުރަތަމަ ފަހަރު މާ ތަފާތުހެން ހީވާނެ އެވެ. އެންމެ ބޮޑު މައްސަލައަކީ ސްޓްރެސް ވުން ދޯ އެވެ.

ވާނީވެސް އެހެން ނޫން ހެެއްޔެވެ؟ އަލަށް މަންމައަކަށް ވާން އުޅޭއިރު ވަރަށް ގިނަ އެއްޗެހި ހިތަށް އަރާނެ އެވެ. ވިސްނޭނެ އެވެ. ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި މެދު އެވެ. ހިތަށް އަރަ އެވެ. މޫޑީވެފައި މިހުންނަ ދުވަސް ދުވަހު ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ރަނގަޅަށް ދަރިފުޅަށް އަޅާލެވޭނެ ހެއްޔެވެ؟ ނުވަތަ އަމިއްލަ އަށް އެންމެ ރަނގަޅު މަންމަ އަށް ވެވިދާނެ ހެެއްޔެވެ؟ ގެންގުޅެނިކޮށް ދަރިފުޅަށް ކަމެއް ވެއްޖެޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް ހުރެވެނީ މިކަހަލަ ހިޔާލީ ދުނިޔެއެއްގައި ނޫން ހެއްޔެވެ؟

މިގޮތަށް އަބަދު ފިކުރުގެ ކަނޑެއްގައި ފީނަން އުޅުމަކީ ދަރިފުޅަށްވެސް ގެއްލުން ހުރި ކަމެކެވެ. އެކަމަކުވެސް ވިސްނޭނެ އެވެ. މިކަމަށް އޮތް ހައްލެއް ކަމަށް ގިނަ ގައިނީން ބުނަނީ ޝައުގުވެރި އެހެން ކަމެއްގައި ގިނަ ވަގުތު މަޝްއޫލުވެގެން އުޅުމެވެ. އޭގެ ތެރޭގައި ބޭނުންތެރި ފޮތްތައް ކިޔުމާއި ލަވަ އަޑުއެހުން އަދި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުން ހިމެނެ އެވެ.

ދެފައި މައްޗަށް ނަގައި ވަރަށް ރަނގަޅަށް ހަމަޖެހިލާފައި އަރާމުކޮށްލާށެވެ. ތިހެން ބިޒީކޮށް އުޅޭއިރު މިހެން ހަމަޖެހިލާފައި އިންނަން ވަގުތެއް ނުވާނެ އެވެ. ވަގުރު އައިސް ޖެހެނީ އެވެ. ނިންމަން ހުރި މަސައްކަތް ބޮލުގައި ހުރި އިސްތައްޓަށްވުރެން ގިނަހެން ހީވެ އެވެ. ގޭތެރެވެސް އޮތީ ހަމައަކަށް އަޅުވަން ވެފަ އެވެ. ވަގުތެއް ނެތެވެ. މިހެން ހިތައި މަސައްކަތުގައި އުޅޭނެ ކަމެއް ނެތެވެ. ހުރިހާ ކަމަކަށްވުރެ ލިބެން ތިއުޅޭ ދަރިފުޅު މުހިންމެއް ނޫން ހެއްޔެވެ؟ ތިހުރިހާ ކަމެއް ހަމަ ތިކުރަނީ ދަރިފުޅަށްޓަކައެއް ނޫން ހެއްޔެވެ؟ އެހެން ވީމަ ތި ބޭކާރު ވިސްނުންތައް ނުވިސްނާ ހަމަޖެހިލާފައި ދަރިފުޅާއި ދޭތެރޭ ހިޔާލުކޮށްލާށެވެ. އެ ކުޑަ ކުޑަ ފުރާނަ ހިނިތުން ވެލާގޮތް ހިޔާލު ކޮށްލާފައި ހިނިތުންވެލާށެވެ.

ބޭރަށް ނުކުމެލާ

މިހެން ބުނާއިރުވެސް އެނގެ އެވެ. މި މާލޭގައި ބޭރަށް ނުކުމެގެން އިތުރަށް މީހާ ވާނީ ހާހެވެ. އެކަމަކު ހިތް ފަސޭހަ ޕާކުތައްވެސް މަދެއް ނޫނެވެ. ރަސް ފަންނުވެސް އެއޮތީ އެވެ. ސުނާމީ ބިނާވެސް އެއޮތީ އެވެ. ނުވިތާކަށް އާޓިފިޝަލް ބީޗުވެސް އޮތީ އެވެ. ގުދުރަތީ ސާފު ވައި ލިބުމަކީވެސް ސްޓްރެސް ފިލުވާލައި މީހާ ހަމައަކަށް އަޅުވާލާ ކަމެކެވެ. ތިހެން ކަންނެއްވެފައި ގޭގައި ނޯވެ ރައްޓެއްސަކާއެކު ނިކަން މިކަހަލަ ތަނަކަށް ނުކުމެލާ ހިނގާލަ ބަލާށެވެ. ވާގޮތެއްވެސް އެނގިދާނެ ނޫން ހެއްޔެވެ؟

ގޭގައި އިނދެގެން އިންޓަނެޓު ހާވާ ބާޒާރުގައި އޮތްހާ ފޮތެއް ގަނެގެން ކިޔަކަށް ތިހުރިހާ ސުވާލުގެ ޖަވާބު އަދި ނުލިބިދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ މިކަމުގައި ތަޖުރިބާ ހުރި މީހަކާ ހިއްސާކޮށްލުމެވެ. ކޮންމެހެން އެއީ ޑިގްރީ ފާސް ހިފައިގެން ހުރި ގައިނީއަކަށް ވާކަށް ނުޖެހެ އެވެ. މަންމަ، ދައްތަ ނުވަތަ ގާތް ރަހުމަތްތެރިޔަކާވެސް ހިއްސާކޮށްލެވޭނެ އެވެ. ބޮޑަށް ރަނގަޅުވާނީ ތަޖުރިބާ ހުރި ފަރާތަކާއި ހިއްސާކޮށްލުމެވެ. ނުވަތަ ކައުންސިލިން ސެޝަނެއްގައި ބައިވެރިވެލުމަކީވެސް ބުއްދިވެރި ގޮތެކެވެ.

ޗުއްޓީއެއް ހޭދަކޮށްލާ

އެކަމަކު ވަރަށް މަސައްކަތް ގިނަ އެވެ. ވިހަން ވާއިރަށް ހުރިހާ ކަމެއް ނިންމަން ޖެހެ އެވެ. ފިރިމީހާ އަށްވެސް މިހާރު ޗުއްޓީ ނަގައިފިއްޔާ ފަހުން ނުލިބިދާނެ އެވެ. މާބޮޑަށް ނުވިސްނާށެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. ހަފްތާ ބަންދުތައްވެސް އެއޮތީ ނޫން ހެއްޔެވެ؟ އެދުވަސްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާށެވެ. މިއީ ޑޮކްޓަރުންވެސް އެންމެ ބޮޑަށް އިރުޝާދު ދޭ އެއް ކަންތަކެވެ. ވީހާވެސް ބޮޑަށް ސްޓްރެސް ކުޑަކުރުމަށެވެ.

އެކަމަކު އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމެވެ. އެކަނި ވުމުން ސްޓްރެސްވާތީ އަބަދު މީހުންގެ ތެރޭގައި އުޅުނަސް އެކަނިވެލަން ވަގުތުކޮޅެއް ހޯދުންވެސް މުހިންމެވެ. އެވަގުތުކޮޅު ނިދާލެވިވެސްދާނެ އެވެ. އަމިއްލަ ނަފްސަށް ވިސްނުމަކީވެސް މުހިންމު ކަމެކެވެ.