ވިޔަފާރި

އެންމެ ހިތްގައިމު ގޮނޑުދޮށުގެ އެވޯޑް ރާއްޖެއަށް

May 29, 2016
  • މި އެވޯޑާ ރާއްޖެއަށް ގިނަ ގައުމުތަކުން ވާދަކުރި
  • މިއީ ބޮޑު ޝަރަފެއް
  • އިޓަލީއަކީ މުހިންމު މާކެޓެއް

އިޓާލިއާ ޓްރެވަލް އެވޯޑުގެ އެންމެ ހިތްގައިމު ގޮނޑުދޮށުގެ އެވޯޑު ރާއްޖެ ލިބިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީއިން ބުނި ގޮތުގައި މިމަހުގެ 26 ވަނަ ދުވަހު އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި "އިޓާލިއާ ޓްރެވަލް އެވޯޑު 2016" ގެ އެންމެ ހިތްގައިމު ގޮނޑު ދޮށުގެ ވަނައަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމަށެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ އިޓަލީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކައުންސެލާ މިސް ޖިއޯރިއާ މަރާޒީ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިޓަލިއާ ޓްރެވަލް އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ރާއްޖެފަދަ ސީޝެލްސް އާއި ޕޮލީޝިއާ ފަދަ ގައުމުތަކާ ވާދަކުރުމަށްފަހު ކަމަށެވެ.

އިޓާލިއާ ޓްރެވަލް އެވޯޑަކީ އިޓަލީގައި ދޭ އެވޯޑުތަކުގެ ތެރެއިން "އޮސްކާ" އެވޯޑުގެ ގޮތުގައި ބަލާ އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ މަގުސަދަކީ އެ ގައުމުގެ ޓޫރިޒަމް ކުރިއަރުވައި ޓޫރިޒަމް ތަރައްގީކުރުމެވެ. މި އެވޯޑުގައި 15 ދާއިރާއެއް ހިމެނޭއިރު 43 އެވޯޑެއްދެ އެވެ.

އިޓަލީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓެވެ. އެ ގައުމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 27،167 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.