ޓޫރިޒަމް

ފަތުރުވެރިންނަށް އެންމެ ބޮޑު ޑިސްކައުންޓެއް ދޭ ގައުމަށް ރާއްޖެ

ޓޫރިސްޓުންނަށް އެންމެ ބޮޑު ޑިސްކައުންޓެއް ދޭ ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދަތުރުކުރާ މީހުންގެ މެދުގައި މަޝްހޫރު ޓްރެވަލް ވެބްސައިޓެއް ކަމުގައިވާ ބައުންސްގެ ތަޖުރިބާކާރުން ހަދާފައިވާ ދިރާސައަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބައެއް ހޮޓާތަކުން ބައެއް ދުވަސްވަރު، އާންމުކޮށް އޮގަސްޓް ހިސާބުގައި 85 ޕަސަންޓް ވަރުގެ ޑިސްކައުންޓެއް ދެ އެވެ. ނަމަވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުގައިވާ ޑިސެމްބަރު / ޖެނުއަރީ ހިސާބުގައި ރާއްޖޭގައި ފަތުރުވެރިން މަޑުކުރާ ތަންތަނުގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖެއަށް ފަހު މި ލިސްޓްގެ ދެވަނައިގައި ހިމަނާފައިވަނީ ޔޫރަޕަށް ނިސްބަތްވާ ގްރީސް އެވެ. އެ ގައުމުގައި ފަތުރުވެރިކަން އެންމެ ދަށް ދުވަސްވަރު 78 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭ ކަމަށް ދިރާސާގައި ހާމަކޮށްފައިވެ އެވެ. ގްރީސްގައި ފަތުރުވެރިކަމުގެ ޕީކް ސީޒަން ފަށަނީ ސެޕްޓެމްބަރުގައި ކަމަށްވާތީ އެ ދުވަސްވަރު އެ ގައުމުގައި އަގުތައް މައްޗަށް ޖައްސާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ބައުންސްގެ ދިރާސާގައި ތިންވަނަ އަށް ފަތުރުވެރިންނަށް އެންމެ ބޮޑު ޑިސްކައުންޓެއް ލިބޭ ގައުމެއްގެ ގޮތުގައި ހިމަނާފައިވަނީ މިސްރުގެ ވެރިރަށް ގާހިރާ އެވެ. އެ ގައުމުގައި ފަތުރުވެރިކަން އެންމެ ދަށް ދުވަސްވަރު އެވްރެެޖުކޮށް 77 ޕަސަންޓްގެ ޑިސްކައުންޓެއް ދެއެވެ.

މިލިސްޓްގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި ތައިލެންޑް، އިޓަލީ ފަދަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ގައުމުތައް ހިމެނެ އެވެ.

ފަތުރުވެރިންނަށް އެންމެ ބޮޑު ޑިސްކައުންޓެއް ދޭ ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިޔައިރު ރާއްޖެ އަކީ ފާއިތުވި ހަތަރު އަހަރުވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ހޯދާފައިވާ ގައުމެވެ. މިއެވޯޑް ރާއްޖެ ފިޔަވާ އެއްވެސް ގައުމަކަށް ޖެހިޖެހިގެން ހަތަރު އަހަރު ލިބިފައެއް ނުވެ އެވެ.