ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.1 މިލިއަން ފަތުރުވެރިންނަށްވުރެ 10.4 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

ޗައިނާއިން މި އަހަރުގެ މިހާތަނަށް 184،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރަޝިއާއިން 139،000 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 112،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިޓަލީވިލާތާއި ޖަރުމަނުވިލާތުންނެވެ.

އެގޮތުން އިޓަލީވިލާތުން 95،900 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 91،800 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އަވަށްޓެރި އިންޑިއާއިން މިއަހަރުގެ މިހާތަނަށް 77،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިމަހު އެކަނިވެސް 121،179 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 1،220 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 879 ގެސްޓްހައުސް އާއި 153 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.