ފ. މަގޫދޫ

މަގޫދޫ ފަޅުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަނީ

ފ. މަގޫދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މަގޫދޫ ކައުންސިލުން މިއަދު ކޮސްފައިވާ އިއުލާނެއްގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބީލަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.

މަގޫދޫ ފަޅުގެ އިރުމަތިކޮޅުގައި ރިސޯޓް ހެދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ކުރިމަތިލެވެ އެވެ.

ރިސޯޓް ހެދުމަށް 10 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް މަގޫދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މަގޫދޫ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެއާޕޯޓެއް ތަރައްގީކުރުމަށްޓަކައި ބިން ހިއްކާފައިވާ ރަށެކެވެ. މަގޫދޫ ބިން ހިއްކުމާއި އަދި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެމްޓީސީސީ އަށެވެ.

އެއާޕޯޓް މަޝްރޫއުގައި ކުރާނެ މަސައްކަތްތައް

  • 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުން
  • ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުން
  • ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުން
  • ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުން
  • ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން (ފެންސް ޖެހުން، ގޭޓް، ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން)
  • ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން
  • ގުރައުންޑް ހޭންޑްލިން އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

މަގޫދޫ ފަޅުގައި ރިސޯޓެއް ހެދުމަށް އެ ރަށު ކައުންސިލުން ހުޅުވާލާފައިވާއިރު މަގޫދޫ ފަޅުގައި ތިން ރިސޯޓް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.