ހަބަރު

ރޯދަމަހު މާޅޮސް ގެތަކުގެ ކަރަންޓު ބިލްގެ 50 ޕަސަންޓު ކައުންސިލުން ދައްކަނީ

އއ. މާޅޮހުގެ ގޭބިސީތަކުގެ ރޯދަ މަހުގެ ކަރަންޓް ބިލްގެ 50 ޕަސެންޓް ކައުންސިލުން ދައްކައިދޭން ނިންމައިފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު "އަވަސް" އަށް ވިދާޅުވީ މިގޮތަށް ނިންމީ ރޯދަމަހަކީ ކަރަންޓު ބިލު އާންމުކޮށް ބޮޑުވާ މަހަކަށްވާތީ އާންމު ރައްޔިތުންނަށް އިތުރު ލުއި ފަސޭހައެއް ހޯދައިދޭން ކަމަށެވެ. މި ފައިސާ ދައްކައިދޭން ނިންމާފައިވަނީ ކައުންސިލްގެ މާލިއްޔަތުން ނެވެ.

"މިއީ ރައްޔިތުންނަށް އަޅުގަނޑުމެން ރޯދަ މަހުގެ ތެރޭގައި ކަމެއް ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް. މިއީ ބޮޑު ލުޔަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ނަސީރު ވިދާޅުވި އެވެ.

މާޅޮހު ކައުންސިލުން އެގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ މިއަދު ބޭއްވި ޖަލްސާގައި މެންބަރުންގެ އިއްތިފާގުންނެވެ. ނަސީރު ވިދާޅުވީ މި ފައިސާ ދައްކައިދޭން ނިންމާފައިވަނީ ރައްޔިތުންނަށް އެންމެ ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި ސްޓެލްކޯ އާ މަޝްވަރާކުރުމަށްފަހު އެ ކަމަށް ރޭވިފައިވާ އިންތިޒާމް ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށެވެ.

"ދެގޮތެއް އަޅުގަނޑުމެން އަދި މި ކިޔަނީ، ސްޓެލްކޯ އާ މަޝްވަރާކުރުމަށްފަހު ވަކި ގޮތެއް ނިންމާނީ. އެއީ ރޯދަމަހުގެ ކަރަންޓު ބިލު ނުވަތަ ބިލުގެ ކޮޕީއެއް ހިފައިގެން ކައުންސިލަށް ދިއުމުން ބިލުގެ 50 ޕަސަންޓު ފައިސާ ދޫކުރުން ނުވަތަ ސްޓެލްކޯ އާ މަޝްވަރާކޮށްފަ ޖުމްލަ އަގުގެ 50 ޕަސަންޓު ކައުންސިލުން ސްޓެލްކޯއަށް ދައްކާގޮތަށް" ނަސީރު ވިދާޅުވި އެވެ.