ވިޔަފާރި

ހައިޑަވޭ ބީޗް ރިސޯޓްގެ މުވައްޒަފުން ކަނޑުމައްޗަށް ހޭލުންތެރި ކުރުވައިފި

May 31, 2016

ހައިޑަވޭ ބީޗް ރިސޯޓްގެ މުވައްޒަފުންނަށް "ކަނޑުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމުގެ" ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

ހައިޑަވޭ ބީޗް ރިސޯޓުން ބުނި ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޮދަން އޭރިޔާގެ ފަރާތުން ހައިޑަވޭ ބީޗް ރިސޯޓްގެ މުވައްޒަފުނަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި އެ ރިސޯޓްގެ 21 މުވައްޒަފަކު ތަމްރީން ކޮށްފައިވާ ކަމަށެވެ.

ހައިޑަވޭ ބީޗް ރިސޯޓްގެ މެނޭޖްމަންޓްގެ ފަރާތުން ލިލީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއީއޯ މައިކަލް ވީޒާ ވިދާޅުވީ މި ތަމްރީން ޕްރޮގްރާމަކީ ކަނޑުމަތީގެ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ދުރާލާ ދެނެގަނެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ޕްރައޯރިޓީ އަކީ މުވައްޒަފުންނާ، ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން. މި ޕްރޮގްރާމުން، ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް މުވައްޒަފުންނަށް ބޭނުންވާ މުހިއްމު އެތަކެއް ހުނަރަކާ މައުލޫމާތެއް ލިބިގެން ދިޔަ. މިފަދަ އެތައް ޕްރޮގްރާމްތަކެއް ކުރިމަގުގައިވެސް ބޭއްވިގެން ދާނެ،" މައިކަލް ވިދާޅުވި އެވެ.

"މެރިޓައިމް އެވެއަރނެސް ޕްރޮގްރާމް" ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމްގައި ސްވިމިންގް އެންޑް ރެސްކިއު އާއި، ޗާޓް ވޯކް އަދި ނެވިގޭޝަންގެ އިތުރުން ސީމެންޝިޕް ފަދަ މުހިއްމު ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފައިވެ އެވެ.