ރިޕޯޓް

އޯގަނައިޒޭޝަނެއްގައި ލީޑަރެއްގެ ދައުރާއި މުހިންމުކަން!

Jun 5, 2016
1

ލީޑަރެއްގެ ދައުރާއި، އޯގަނައިޒޭޝަން އެއްގައި އޭނާ އަދާކުރަންޖެހޭ ރޯލްތައް ވަރަށް މުހިންމެވެ. މީގެ ކުރީގެ ލިޔުމެއްގައި، ހެޔޮގޮތުގައި މެނޭޖް ކުރުމާއި، މައިކްރޯ މެނޭޖްކުރުމާ ބެހޭގޮތުން ކުޑަގޮތަކަށް ނަމަވެސް އަލިއަޅުވާލާފައިވާނެއެވެ. މިގޮތުން ކުޅަދާނަ ލީޑަރަކީ، މެނޭޖްމަންޓް ދާއިރާގެ މިފަދަ ކަންތައްތަކަށް ލޯހުޅުވިފައިވާ މީހަކަށް ވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ލީޑަރޝިޕަކީ ކޮބައިތޯ ބަލާލަމާތޯއެވެ. މެނޭޖްމަންޓް ދާއިރާގައި ލީޑަޝިޕް ވަރަށް ގިނަ ގޮތްގޮތަށް މާނަކޮށްފައި ހުރެއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ލީޑަޝިޕް އޭ ބުނާބަހުގެ މާނައަކީ، ބަޔަކު ގޮވައިގެން އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކުރުވުން، ނުވަތަ އެކަން ކުރުމުގެ ޤާބިލްކަން ހުރުމަށެވެ. ދިވެހި ބަހުން ލީޑަޝިޕް މިބަސް ތަރުޖަމާކުރާއިރު، އިސްނަގާ ފަރާތް، ނުވަތަ އިސްނެގުން ފަދަ ބަސްތައް ބޭނުންކުރެވިދާނެއެވެ. އެހެން ނަމަވެސް މިފަދަ ޓެކްނިކަލް އެހެން ބައެއް ބަސްތަކާއި އެއްގޮތަށް، މިބަސްވެސް ތަރުޖަމާކުރުމުން، ބަހުގެ މާނައިން ކޮންމެވެސް މިންވަރެއް އުނިވާކަމުގައި އަޅުގަނޑަށް ފެންނާތީ، އަދި ލީޑަރު، މިބަހަކީ މިހާރު ދިވެހިންވެސް ޢާންމުކޮށް ބޭނުންކޮށްއުޅޭ ބަހަކަށް ވާތީ، އަޅުގަނޑުގެ މިލިޔުމުގައިވެސް މިބަސް ބޭނުންކުރަމުން ގެންދާނަމެވެ.

ލީޑަޝިޕް އަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ކޮންމެވެސް މިންވަރަކަށް ހުންނަ އަދި ހުންނަންޖެހޭނެ ހުނަރެކެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ބައެއްގެ (ބަޔަކުމީހުންގެ) ލީޑަރެކެވެ. އެހެންނަމަވެސް، ކޮންމެ އޯގަނައިޒޭޝަން އެއްގައިވެސް އިސް ލީޑަރަކު ހުންނާނެއެވެ. މިލިޔުމުގައި މިބަލާލަނީ މިގޮތުން އިސްލީޑަރު ދައުރާއި މެދުގައެވެ. މިހެން ދެންނެވި ކަމުގައިވީނަމަވެސް، މި ލިޔުމުގައި މިބަޔާންކުރާ ކަންތައްތަކަކީ ކޮންމެ ފެންވަރެއްގެ ލީޑަރަކަށްވެސް ބޭނުންހިފޭނެ މަޢުލޫމާތު ތަކެކެވެ.

އޯގަނައިޒޭޝަނެއް ފުރިހަމަ ގޮތުގައި ހިންގުމަށްޓަކައި ލީޑަރެއް އަދާކުރަންޖެހޭ ރޯލްތަކަކީ ކޮބައިތޯ ބަލާލަމާ ތޯއެވެ. އާދެ ލީޑަރަކީ އޯގަނައިޒޭޝަން އެއް ހިންގުމުގެ އެންމެ އިސްރޯލު އަދާކުރާ ފަރާތްކަމުގައި ވާނަމަ، އެފަރާތަކުން އަދާކުރަންޖެހޭނެ މުހިންމު ރޯލް ތަކުގެ ތެރޭގައި، އެންމެ މުހިންމު އެއްކަމަކީ، އެ އޯގަނައިޒޭޝަނެެއްގެ ޕޮލިސީތަކާއި ޕްލޭންތައް އެކުލަވާލާ، އެއާއި އެއްގޮތަށް އެއޯގަނައިޒޭޝަން ހިންގުމެވެ. މިގޮތުން އެތަނަކީ ވިޔަފާރި ކުރާ ތަނެއްކަމުގައިވިޔަސް، ނުވަތަ ޢާންމުންނަށް ޚިދުމަތްދޭ އޮފީހެއް ކަމުގައިވިޔަސް މެއެވެ.
ލީޑަޝިޕްގެ ރޯލްތަކަކީ ވަކިވަކިން ލިޔަންވެއްޖެ ނަމަވެސް ވަރަށް ދިގުވެގެން ހިގައިދާނެ ލިސްޓެކެވެ. ކުރު އަދި ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، މަތީގައި ދެންނެވުނު ރޯލު ފިޔަވާ ދެން ލީޑަރަކު އަދާކުރަން ޖެހޭނެ ރޯލަކީ، އެއޯގަނައިޒޭޝަން އެއްގެ ޕޮލިސީ އާއި ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި، އޯގަނައިޒޭޝަން އަށް ލިބެންހުރި ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމެވެ. މި ވަޞީލަތްތަކުގެ ތެރޭގައި، މާލީ، އިންސާނީ، އަދި އެހެނިހެން ވަޞީލަތްތައް ހިމެނޭނެއެވެ.

މީގެތެރެއިން މާލީ އަދި އެހެނިހެން ވަޞީލަތްތަކަށް ބަލާނަމަ، ލީޑަރެއްގެ ރޯލަކަށްވާނީ، އެފަދަ ވަޞީލަތްތައް ލިބޭނެ މަގުތައް ފަހިކުރުމާއި، އެފަދަ ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމެވެ.

އިންސާނީ ވަޞީލަތް ތަކަށް ބަލާނަމަ، އެވަޞީލަތް ތަކަކީ އެލީޑަރެއްގެ ދަށުން މަސައްކަތް ކުރަން ތިބި މުވައްޒަފުންނެވެ. މިގޮތުން އެފަދަ މުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރުވުމާއި، މަސައްކަތް ކުރަންވީ ގޮތުގެ ތަމްރީނުތައް ދިނުމާއި މިންގަނޑުތައް ކަނޑައެޅުމާއި، މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދިނުމާއި، މިފަދަ ހުރިހާކަމެއް މީގެތެރޭގައި ހިމެނިގެންދާނެއެވެ.

އާދެ މިދެންނެވުނު ކަންތައްތަކުގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމެއްގެގޮތުގައި ފަހަގަ ކުރެވެނީ، މުވައްޒަފުން މޯޓިވޭޓް ކުރުން، ނުވަތަ މަސައްކަތަށް އަހުލުވެރިކުރުވުމެވެ. މުވައްޒަފުން ހެޔޮގޮތުގައި މަސައްކަތް ކުރުމަށް އަހުލުވެރި ވެފައިވާ އޯގަނައިޒޭޝަނަކާއި މިފަދަ އަހުލުވެރިކަމެއް އުފެއްދިފައި ނެތް އޯގަނައިޒޭޝަނަކީ، އެތަނަަކުން ކުރާ މަސައްކަތުގެ ފުރިހަމަކަމުގައި އުޑާ ބިމާހާ ތަފާތު ދެތަނަކަށް ވާނެއެވެ.
ލީޑަރޝިޕްގެ ވަރަށް ގިނަ ވައްތަރުތައް، މެނޭޖްމަންޓާއި ބެހޭ ފޮތްފޮތުގައި ބަޔާންކޮށްފައި ހުރެއެވެ. މިގޮތުން މިލިޔުމުގައި މިބަލާލަނީ މީގެތެރެއިން އެންމެ ޢާންމުގޮތެއްގައި ބަޔާންކޮށްފައި ހުންނަ 5 ވައްތަރެއްގެ ލީޑަރްޝިޕް ސްޓައިލްތަކާއި މެދުގައެވެ.

1. ލެސެއިފެއަރ ލީޑަރޝިޕް: މިވައްތަރު ލީޑަރުންނަކީ ކަންތައްތައް މާބޮޑަށް ބަލަން ނޫޅެ، ދަށުން މަސައްކަތް ކުރާ މީހުން "ކުރާނެ ގޮތަކަށް" ކުރަން ދޫކޮށްލާ ލީޑަރުންނެވެ. މިގޮތުން މިލިޔެވުނު ޖުމްލަ ކިޔާލުމުން، މިއީ ވަރަށް ކަމުނުދާ ގޮތެއްކަމުގައި ހީފުޅުވީ ނަމަވެސް، ބައެއް ކަހަލަ ޙާލަތްތަކުގައި މިފަދަ ލީޑަރޝިޕަކީ ވަރަށް އެކަށޭނެ ލީޑަރޝިޕެކެވެ. މިސާލަކަށް ވަރަށް ތަޖުރިބާކާރު ހުނަރުވެރި ޓެކްނިކަލް ޓީމެއްގެ ލީޑަރަކު، އެމީހެއްގެ ދަށުގައި މަސައްކަތް ކުރާމީހުން އަމިއްލައަށް މަސައްކަތް ކުރަން ދޫކޮށްލުމަކީ، ހުނަރުވެރި އުފެއްދުންތެރި މަސައްކަތްތަކުގައި ރަނގަޅުގޮތެއް ކަމުގައި ވެދާނެއެވެ.

2. އޮޓޯކްރެޓިކް ނުވަތަ ޚުދުމުޙުތާރު ލީޑަރޝިޕް: ނަމުންވެސް ދޭހަވާ ފަދައިން މި ގޮތަށް މަސައްކަތް ކުރާ ލީޑަރުން ހުރިހާ ކަމެއް ކަނޑައަޅާ ނިންމާނީ އަމިއްލައަށް، ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ ލަފައެއް އަހާލުމެއް ނެތިއެވެ. ބައެއްކަހަލަ ޙާލަތްތަކުގައި މިފަދަ ލީޑަރޝިޕަކީވެސް ވަރަށް އެކަށޭނެ ލީޑަރޝިޕް އެކެވެ. މިސާލަކަށް މިލިޓަރީ އޮޕަރޭޝަން ތަކުގައި މިފަދަ ލީޑަރޝިޕް ގެ މުހިންމުކަން ފެނިގެންދާނެއެވެ.

3. ޑިމޮކްރެޓިކް ނުވަތަ ބައިވެރިވުން އޮންނަ ލީޑަރޝިޕް: މިފަދަ ލީޑަރޝިޕް ގައި ކަންތައްތައް ނިންމާނީ ދަށުން މަސައްކަތްކުރާ މިޙުންގެ ބައިވެރިވުމާއި ލަފާ އަހައިގެންނެވެ.

4. ޓްރާންސެކްޝަނަލް ލީޑަރޝިޕް: މިފަދަ ލީޑަރޝިޕްގައި، ލީޑަރާއި، ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާއި ދެމެދު އެއްބަސްވެވޭ ލަނޑުދަނޑި ތަކެއް ކަނޑައަޅާ، އެލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރެއެވެ. އަދި ލަނޑުދަނޑި ޙާޞިލް ވާ މިންވަރަށް ބަލާ، އެމުވައްޒަފަކަށް ބޯނަސް ފަދަ "ހަދިޔާ" ދިނުމާއި، ނުދީ ހިފެހެއްޓުމުގެ ބާރު ލީޑަރަށް ލިބިދެވެއެވެ.

5. ޓްރާންފޯމޭޝަނަލް ލީޑަރޝިޕް: މިވައްތަރުގެ ލީޑަރޝިޕް ގައި ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާއި ލީޑަރާއި ދެމެދު، މަޝްވަރާތައް ކުރެވި، މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރެވެއެވެ. އަދި މަސައްކަތް ކުރަމުންގެންދާގޮތް ދުވަހުން ދުވަހަށް ލީޑަރު ބެލުމުގެ ބަދަލުގައި، ލީޑަރ ބަލަހައްޓާނީ، ބޮޑުމަންޒަރާއި، މަޤްޟަދުތައް ޙާޞިލްވަމުންދާ މިންވަރަށެވެ.

މިދަންނަވާލެވުނީ، ލީޑަރޝިޕްގެ ބައެއް ސްޓައިލްތައް ނުވަތަ ވައްތަރުތަކެވެ. އެތަނެއްގައި ކުރާ މަސައްކަތާއި މަސައްކަތް ކުރަންޖެހޭ ގޮތާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަމަށް ބަލާ، މިއިން ކޮންމެ ވައެއްތަރެއްގެ ލީޑަރ ޝިޕެއްގައިވެސް ރަނގަޅު ސިފަ ތަކާއި އެންމެ ރަނގަޅުނޫން ސިފަތައް ހުރެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މިއިން އެއްވެސް އެއް ލިޑަރޝިޕް ސްޓައިލަކީ އެހެން ލީޑަރޝިޕް ސްޓައިލްތަކަށްވުރެ މޮޅު ނުވަތަ ދެރަ ވައްތަރެކޭ ނުދެންނެވޭނެއެވެ. މެނެޖްމަންޓާއި ލީޑަރޝިޕާއި ބެހޭ ފޮތްފޮތުގައި މިނޫން އެހެން ގޮތްގޮތަށާއި މިނޫން އެހެން ވައްތަރު ތަކުގެ ލިޑަރޝިޕް ވެސް ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް މިދަންނަވާލެވުނީ ލީޑަރޝިޕްގެ ވައްތަރުތަކުގެ އެންމެ ޢާންމު ފަސް ވައްތަރުކަމުގައި ބަލައި އުޅޭ ވައްތަރުތަކެވެ. އަދި މިވަރުންވެސް ލީޑަރޝިޕް ސްޓައިލްތަކާއިމެދު އިތުރަށް ވިސްނާވަޑައިގަތުމަށް ފުދޭނެކަމުގައި އުންމީދު ކުރަމެވެ.

މިދެންނެވުނު މަޢުލޫމާތުކޮޅުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕެވުމަށްޓަކައި، މި ދެންނެވުނު ވައްތަރުތަކުގެ ލީޑަރޝިޕް އާއި މެދު ވިސްނާވަޑައިގަތުމަށް ފަހު ތިބާގެ ލިޑަރޝިޕް ސްޓައިލާއި މެދު ވިސްނަވާ ވަޑައިގަންނަވާށެވެ. ތިބާ ފެތެނީ މިއިން ކޮން ސްޓައިލަކަށް ކަން ވިސްނިވަޑައިގަންނަވާނެއެވެ. އެއަށްފަހު ތިބާ ގެ އޯގަނައިޒޭޝަންގައި ކުރާ މަސައްކަތްތަކުގެ ޒާތަށް ވިސްނާވަޑައިގެން، އެމަސައްކަތް ލީޑްކުރެއްވުމުގައި އެންމެ އެކަށީގެންވާ ގޮަތަކީ ކޮބައިކަމާއިމެދު ވިސްނާވަޑައިގަންނަވާށެވެ. އޭރުން، ކުރިމަގުގައި ތިބާގެ އޯގަނައިޒޭޝަނަށް އެންމެ ފައިދާ ބޮޮޑުވާނެ ލީޑަޝިޕް ސްޓައިލަކީ ކޮބައިކަން ކަނޑައަޅުއްވާ، އެގޮތަކަށް ތިބާގެ ލީޑަރޝިޕް ބަދަލުކޮށްލެވުމުގައި މަގުފަހިވެގެން ދާނެއެވެ.
މިފަހަރުގެ ލިޔުމަކީވެސް ކިޔުންތެރިންނަށް ފައިދާކުރަނިވި ލިޔުމަކަށް ވާނެކަމުގައި އުންމީދު ކުރަމެވެ.

އަލީ އާމިރު

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.