ރޯދަ މަހާ ރޯއްޖާ

މަސްބުރި ރިހައިގެ ރަސްގެފާނު!

މިއީ ކޮން ސްޓާއެއް ކަމެއް ނޭނގެ އެވެ. ގައިމުވެސް މިއީ ފައިވް ސްޓާއެއް ނޫނެވެ. ފެންވަރުގެ ގޮނޑިޔާ މޭޒެއް ނެތެވެ. އެންމެ ކުޑަމިނުން އެއާކޯނެއް ވެސް ނުހުރެ އެވެ. ނަމަވެސް "ހަބޭހަށް" މީހުން ތޮއްޖެހި ފުރިފައެވެ. އެންމެ އެކައްޗެއް ކާށެވެ. އެފަދަ ދެވަނައެއް ނުވާ މަސްބުރި ރިހަ އެވެ. މި ހޮޓަލުން މަސްބުރި ރިހަ ކައިގެން އެންމެން އެ ރިހައަށް ތައުރީފު އޮއްސަ އެވެ. އެހެންވެ ކޮންމެހެން ހަދައިފައި ވެސް އެތަނަށް ނުގޮސް ވާކަށް ނެތެވެ. އެންމެނަށް މަޝްހޫރު ނަން އެއް ފަރާތްކޮށްލާފައި ފަސޭހަ ޕޮއިންޓަށް ވަދެ ކުޅި ރިޔަޔާ ރޮއްޓާއި މޮޑެލައި ހޫނު ބިސްގަނޑާއެކު ކަލައިލާ ދެތުންފަތުން ދިލަ އަރުވައިލާން ހިނގާށެވެ.

ފަސޭހަ ޕޮއިންޓަށް ދާކަށް ދައްޗެއް ނުވާނެ އެވެ؛ މަޖީދީމަގު ހެންވޭރު ބެންކް އޮފް މޯލްޑިވްސް ބްރާންޗް ކައިރިއަށް ޖެހިލާފައި ވަންނަންވީ އެވެ. އަހަންނަށްވީ އެހެން ގޮތެކެވެ. ހޮޓަލުގެ މަޝްހޫރު ނަން ހިތުގައި ބާއްވައިގެން ހޯދާ ހޯދާ ފެންނަ ގޮތެއް ނުވި އެވެ. މީހެއްގެ ގައިގައި ކޮއްޓާލައި "އަ... ހޮޓާ" ކޮބައިހެއްޔޭ އެހުމުން އިޝާރަތް ކޮށްލީ "ފަސޭހަ ޕޮއިންޓަ" ށެވެ. ހޮޓާ މަޝްހޫރުވެފައި ވަނީ ހޮޓަލުގެ އަސްލު ނަމުން ނޫންކަން ރޭކާ މިލީ އަދި ކިރިޔާ އެވެ.

މިއޮތީ މަސްބުރި ރިހައިގެ ފަސޭހަ ޕޮއިންޓަށް ވަދެވިފައެވެ. މީހުން ހޭބޯ ނާރަ އެވެ. ބުނަނީ ދޮގެއް ނޫނެވެ. ގަދަ އަޑުފައްގަނޑުގެ ތެރޭގައި އެންމެން މަސްބުރި ރިހައާ ރޮއްޓާ މޮޑެގެން ކަނީ އެވެ. ފޭކޮށްލައި ހަވާލައި ހިސާބަކަށް މީހުން ގަޅުވާލާފައި ގޮނޑިއެއް ދަމާލައިގެން އިށީނދެއްޖައިމެވެ. މަސްބުރި ރިހަގެ ވަހާއެކު ކުޅު ދިޔާވުމާއެކު ވެސް ކުޅިވެ ދިލަ ނަގައިފި އެވެ. ދެން ބުނެވުނީ މަސްބުރިހައާ ރޮއްޓާ ގެންނާށޭ އެވެ.

ހޫނު ތަށީގައި ހޫނު ރޮށި އެ ގެނައީ އެވެ. ކާށީގެ ވަސް ހިފާލާފައި ހުރި ކުޅި މަސް ބުރިހަ އާއި ފިޔާމިރު އެޅި ބިސްގަނޑު އެގެނައީ އެވެ. މީހުން ބުނަނީ ހަމަ ދޮގެއް ނޫނެވެ. ރިހަގަނޑު ވެސް ރަހަގަނޑުވެސް ހަމަ ތަފާތުވެފައި ފައްކަލެވެ. ކުޅި ރަހަގަނޑާއި ފުރިހަމަ ހަވާދު ރަހައާއެކު ކާލުމުން ކުޅީގެ ދިލަޔާއެކު ލޯލިތައް ކޮޅަށް ޖެހިލާ ހަށިގަނޑުން ދާހިއްލާލައިފި އެވެ. އެހެން އެންމެވެސް އެތިބީ އެހާލެއްގައެވެ. ޗޯސް ދަމަ ދަމާފައި ކަނީ އެވެ. ނިތްކުރިން ދާ ފޮހެލާފައި ކަޅު ސައި ތަށި ދަމާލަނީ އެވެ.

ތައުރީފު ކުރަނީއެއް ނޫނެވެ. އެކަމަކު ހަމަ މީރީއެވެ. ކިތަންމެ ގިނަ ހޮޓަލެއް މާލޭގައި ހުއްޓަސް މަސްބުރި ރިހަ މިފެންވަރުގައި ހަދައި ބައެއް ނެތެވެ. މި ހޮޓަލަށް ވަންނަ މީހުންނާއި މި ހޮޓަލުގެ މީހުން ބުނާ ގޮތުންނަމަ "ނުވެސް އުފެދޭނެ" އެވެ. ދުވާލަކަށް އެތައް ހާސް ބަޔަކު ފަސޭހަ ޕޮއިންޓަށް ވަދެ ކުޅި ކޮށްލައި ބަނޑު ފުރާލަނީ ވަންނާނެ ހޮޓާ މަދުވެގެނެއް ނޫނެވެ. މިއީ މަސްބުރި ރިހައިގެ ރަސްގެފާނަށްވީމަ އެވެ.

"މިއީ މަސްބުރި ރިހަ ކާން އަންނަތަނެއް. އަހަރެން ވޭތުވެދިޔަ 10 އަހަރުވެސް މަސައްކަތް ނިންމާލައިފައި އަހަރެން މިއަންނަނީ މިތަނަށް ހަމަ މަސްބުރި ރިހަ ކާން. މިއީ މާލޭގެ މަސްބުރި ރިހައިގެ ރަސްގެފާނު،" ހޮޓަލްގައި އިން މީހަކު ބުންޏެވެ.

މި ހޮޓާ ހިންގާތާ މިހާރު ތިރީހަކަށް އަހަރު ވެދާނެ އެވެ. އޭރުވެސް މިހާރު ވެސް މަސްބުރި ރިހައިގައި މިވަރުގެ ތަނެއް ނެތް ކަމަށް އެންމެން ވެސް ބުނެ އެވެ. ނަން މައްޝޫރު މީހުންނާއި ބައެއް ވެރިން މެންދުރުގެ ހޫނުގައި ވެސް މި ހޮޓަލަށް ނުވަދެއެއް ފުއްދައި ނުލެވެ އެވެ.

ރާއްޖޭގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަވާ މަސްބުރި ރިހައެއް ލިބެނީ 15ރ. އަށެވެ. އާންމުގޮތެއްގައި މި ހޮޓަލަށް އަންނަ މީހުން ނަގަނީ މަސްބުރި ރިހައަކާއި ރޮއްޓާއި ހޫނު ކަޅެކެވެ. ފިޔާ މިރު އެޅި ބިސްގަނޑާއި ލުނބޯ ފިޔަ އާއި ރޯމިރުހުގެ ބައި ވެސް ހިމެނޭ ގޮތަށް މަސްބުރި ރިހަ މޮޑެލާ މީހުން ވެސް މަދެއް ނޫނެވެ. މިތަނުން ކޮންމެހެން ހަދައިފަވެސް ބޭނުންވާ ގޮތަކަށް ހަދައިދޭނެ އެވެ.

"ގިނަ ދުވަސް ދުވަހު ދަނޑަށް ވަންނަމުން ވެސް ދަނޑުން ނުކުމެފައިވެސް މަސްބުރި އަށް އަރާލަން، ނުކައި ހަމަ ނުފުދެނީ،" ކާން އިން އެކަކު ބުންޏެވެ. "މެންދުރު ދަޅައިގަ ހޫނު އިރުވެސް މީހުން ވަދެ އޮންނާނީ ފުރާލާފައި ބައެއް މީހުން މަސްބުރިއޭ ކިޔުމުގެ ބަދަލުގައި 'ގަދަ ހޫނޭ' ވެސް ކިޔާ،"

މި ހޮޓަލުގެ މަސްބުރި ރިހަ އެންމެނަށް މީރުވެފައި ހާއްސަ ވަނީ ކީވެގެން ހެއްޔެވެ؟ މި ރިހަގަނޑުގައިވާ ސިއްރަކީ ކޮބައި ހެއްޔެވެ؟ އަދި ފަސޭހަ ޕޮއިންޓަށް މާ މަޝްހޫރި އެހެން ނަމެއް ކިޔަނީ ކީވެގެން ހެއްޔެވެ؟

މި ހޮޓާ މިހާރު ހިންގަމުން އަންނަ އަހުމަދު ޝާކިރު މި ހުރިހާ ސުވާލަކަށް ޖަވާބު ދެ އެވެ. އޭނާ ބުނި ގޮތުގައި އެންމެނަށް މަޝްހޫރު އެނަން "އަ...." ކިޔަން ފެށީ ފުރަތަމަ އެ ހޮޓާ ހިނގި މީހާއާ ގުޅުވައިގެނެވެ. އޭނާ ބުނި ގޮތުގައި މަސްބުރި ރިހައިގެ ހަވާދުގެ ރެސިޕީ އުފެއްދީ އެމީހާގެ ކޮއްކޮގެ އަންހެނުންނެވެ.

"ކުރީގަ އެތަން ހިނގި މީހާއަށް ނިސްބަތްކޮށް ކިޔުނު ނަމެއް އެއީ. އެހެން އެނަން ކިޔަމުން ގޮސް ނަން ހަރުލީ... އެކަމަކު ފުރަތަމަ ކީ ނަމަކީ 'ސެމީ ޕޯލް ސްޕޮޓް' އަޅުގަނޑު ކީ ނަމެއް، 'ފަސޭހަ ޕޮއިންޓް' މިއީ. ކޮންމެއަކަސް މަސްބުރި ރިހައިގެ މި ރެސިޕީގެ ހަވާދުގަނޑަކީ ކުރިން އުޅުނު މީހާގެ ކޮއްކޮގެ އަންހެނުން ހެދި ހަވާދުގަނޑެއް! އޭނާ މިހާރު ނިޔާވެއްޖެ. އެކަމަކު އޭނައާ އެކީ އުޅުން ކައްކާ އިން އަދިވެސް އުޅެނީ. އެމީހުން ކައިރިން ތަމްރީން ވެގެން. އެހެންވެ އެއް ރަހަ އެ ހުންނަނީ ބަދަލެއް ނައިސް،" ޝާކިރު ބުންޏެވެ.

ޝާކިރު ބުނި ގޮތުގައި މަސްބުރި ރިހައިގެ ކުޅިކަން ކުރިޔަށްވުރެ މިހާރު މައިތިރިވާނެ އެވެ. އެކަމަކު ޝަކުވާއާ ނުލައި ފަސޭހަކޮށް މީރުކޮށް ކޮންމެ ދުވަހަކު އެތަކެއް ހާސް ބަޔަކު މަސްބުރި ރިހައާ ރޮށި މޮޑެލަ އެވެ.