މަސްތުވާތަކެތި

29 ކިލޯ މައްސަލާގައި ހިމެނޭ މީހުންގެ ބަންދަށް 15 ދުވަސް

Jun 7, 2016
2

ކަނޑުމަގުން ރާއްޖެ އަށް 29 ކިލޯގެ މަސްތުވާ ތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނޭ ދެ ދިވެހިންނަކީ މ. ރަތްކޮކާގޭ އަޙްމަދު ސަހޫދު ހުސައިން 29، އާއި ލ. މާމެންދޫ އާސްތާނާ، މުހައްމަދު ނިއުޝާދު 29، އެވެ.

މި ދެ މީހުންގެ ތެރެއިން ސަހޫދަކީ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ މައްސަލަ އާއި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ބަރޮސް މޯލްޑިވްސް ރިޒޯޓަށް މާސްކު އަޅައިގެން އަރައި އެރިސޯޓުން ވައްކަން ކުރަން އުޅުނު ކަމުގެ ރެކޯޑް އޮތް މީހެކެވެ.

ނިއުޝާދު އަކީ މާރާމާރީ ހިންގުމާއި އޮރިޔާންކޮށް ގަދަކަމުން އޮރިޔާން ފޮޓޯނެގުން ފަދަ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގަތް މަސްތުވާ ތަކެއްޗަކީ ހެރޮއިން ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަން 29 ކިލޯ ހުރިކަމަށާއި މަގުމަތީގެ އަގުން 145 މިލިއަނަށްވުރެ ގިނަ ރުފިޔާ މިތަކެތީގެ އަގަށް އަރާ ކަމަށެވެ.