ރޯދަ މަހާ ރޯއްޖާ

ދިވެހި ކެރަމްގެ ބޮޑު ފޮތި!

Jun 12, 2016
7

އައްޑޫ ސިޓީ، ފޭދޫ އަށް ނިސްބަތްވާ، މި ޒުވާނާގެ ވާހަކަ ތަފާތެވެ. މުހައްމަދު ސައީދު 35، އަކީ ދިވެހި ކެރަމްގެ ފޮތިބައިގެ އެންމެ ނުފޫޒުގަދަ އެއް ފޮތްޗެވެ. ގައުމީ ބޭންކް، ބީއެމްއެލްގެ އިސް ވަޒީފާއެއް އަދާ ކުރައްވާ ސައީދަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ވެސް ހިމެނި ވަޑައިގަންނަވާ އަދި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލެވެ. ދުނިޔޭގެ ފެންވަރުގައި، ކެރަމްގެ ނިންމުންތައް ނިންމާ، މައި ޖަމްއިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލަކީ ވެސް ސައީދެވެ. ކެރަމްގެ ފޮތިބައިގެ "ބޮޑު ފޮއްޗަ"ކަށް ސައީދު ވެވަޑައިގެންނެވީ ކަރަމް ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބީތަކެއް ހޯއްދަވައިގެނެއް ނޫނެވެ.

"މަޖީދިއްޔާގައި އުޅުނު އިރު، ކެރަމްގެ އިންޓަސްކޫލް މުބާރާތްތަކުގައި ބައިވެރިވާން ފަށައިފިން. އެކަމަކު ދުވަހަކު ވެސް މޮޅެއް ނުވޭ. ސިންގަލްވިޔަސް ޑަބަލް ވިޔަސް ޓީމް ވިޔަސް ކާމިޔާބެއް ނުވޭ. އެހެންވެ މޮޅުވުގެ އަޒުމުގައި ކެރަމް ކުޅެން ހިތްވަރު ލިބުނީ. މޮޅުވާން ވެގެން މި ކުރި ހިތްވަރުގައި އައި ޝައުގުވެރިކަމެއް ކެރަމްއަށް އުފެދުނީ،" އޭނާގެ ހިތް ކެރަމްގެ ތެރެއަށް ދަމައިގަތް ސަބަބު ވިދާޅުވެ ދެއްވި އެވެ.

އެހެން ކަމުން ސައީދުގެ ހަޔާތުގައި ހާއްސަ ކަމަކަށް ކެރަމް ވެގެން އައީ ކުޅުމުގައި ބަލިވުމުގެ ހިތިރަހަ ފިލުވާލުމަށް ފެށި މަސައްކަތުގަ އެވެ.

މަޖީދިއްޔާ ނިންމާލުމަށްފަހު މައުހަދުގެ ޔުނީފޯމް އަޅައިގެން އެ ސްކޫލަށް ވެސް ސައީދު ވަޑައިގަތެވެ، އެއީ ވެސް ކެރަމް އަށް އޮތް ޝައުގުވެރިކަން ބޮޑުވެގެނެވެ. މައުހަދުގެ ދަރިވަރެއްގެ ގޮތުގައި އިންޓަސްކޫލް މުބާރާތުގައި ވާދަކޮށް ސިންގަލްސް އަދި ޑަބަލް ޗެމްޕިއަންސްގައި ކުޅުނު މެޗްތަކުން ކާމިޔާބު ހޯދައި މައުހަދުގެނަން ކެރަމް މުބާރާތުގެ ތާރީހު ލިޔެދެއްވީ ސައީދެވެ.

އެހެން ނަމަވެސް ސައީދަށް މާބަރަށް އޭނާގެ "ފޮތި" ދުއްވާލެވޭ ގޮތެއް ނުވި އެވެ. ކުރެވުނު ވަރަކީ، ޖޫނިއާ ގައުމީ ޓީމްގެ ސްކޮޑްގައި ހިމެނުމެވެ. ކުޅުންތެރިއެއްގެ ކެރިއަރު އެހިސާބަށް ނިމުނީ އެވެ.

"ބޮޑަށް ވަގުތު ނުލިބުނީ. އެއީ އެސްއެސްސީ އަށް ވެސް ދާން ޖެހުމާ އެކަންކަމާ ހުރެ މާ މައްޗަށް ކުޅޭނެ ނަސީބެއް ނުލިބުނު. އެކަމަކު އެ ހިސާބުން ވެސް ކެރަމް އަކީ އަހަރެންގެ ކުޅިވަރަކަށް ވެއްޖެ. އެހެންވެ ހިތަށްއެރީ ކުޅުމާ ދުރަށް ޖެހުނަސް ކެރަމް އަށް ހިދުމަތް ކޮށްދޭން ހުންނާނަމޭ،" ސައީދު ވިދާޅުވި އެވެ.

އެ އަޒުމުގައި ނުކުންނެވި ސައީދަށް ލިބި ވަޑައިގެންނެވި "އިންސްޕިރޭޝަން" އަކީ ކެރަމްގެ ދުނިޔޭގައި ރާއްޖެ ނަން ފަވައިދޭން އެތައް މަސައްކަތްތަކެއް ކުރެއްވި މަރުހޫމް މުހައްމަދު ޒާހިރު ނަސީރު ކަމަށް ސައީދު ވިދާޅު އެވެ. ހަގީގަތުގައި ކެރަމްއާ ގުޅޭ އިދާރީ ގިނަ ކަންކަން ރާވައި ހިންގުމުގައި ޒާހިރުގެ އެހީތެރިއެއްގެ ގޮތުގައި ސައީދުގެ ބޭނުން ކުރައްވަން ފެއްޓެވުމަކީ ކެރަމްގެ އެހީތެރިއަކަށް ބަދަލުވާން އޭނާ އެޅި ފުރަތަމަ ފިޔަވަޅެވެ

"އެއް ދުވަހަކު ޒާހިރު އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވަނީ، މި އުޅެނީ 11 މީހުންނާ ކުޅެފައި މޮޅުވާނެ ކަހަލަ ޑްރޯއެއް ނެހެދިގެންނޭ. ސައީދު 11 މިނެޓް ތެރޭ މިކަން ކޮށްލައިފިއްޔާ ތިމަންނާ 111ރ. ދޭނަމޭ. ދެން އަޅުގަނޑު 11 މިނެޓް ތެރޭ އެކަހަލަ ޑްރޯއެއް ނިންމާލީމާ ޒާހިރު އެ އިނާމު ވެސް ދެއްވި. އެ ދުވަހު ވިދާޅުވި ސައީދަށް މިކަން ވާނޭ. އެއަށް ފަހު އަޅުގަނޑު މުބާރާތްތައް ރޭވުމާއި އިދާރީ އެކި ކަންކަމުގައި ޒާހިރު އަޅުގަނޑު ވަރަށް ބޮޑަށް ޝާމިލް ކުރައްވާ،" ސައީދު ވިދާޅުވި އެވެ.

މިއީ ކެރަމްގެ އެހީތެރިއެއްގެ ގޮތުގައި ސައީދު ފިޔަވަޅު ކުރިޔަށް ވަޑައިގަންނަވަން ފެއްޓެވި ހިސާބެވެ. ޒާހިރުގެ ދައުރު ކެރަމް އެސޯސިއޭޝަން ރަސްމީކޮށް އެކުލަވާލި އިރު ސައީދު ވެގެން ދިޔައީ އެ އެސޯސިއޭޝަންގެ ފުރަތަމަ މެންބަރަށެވެ. މިހާރު އޭނާ އަކީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލަށްވާއިރު އޭނާ ސިފަ ކުރައްވާ ގޮތުގައި ކެރަމްގެ ހިދުމަތްތެރިއެއްގެ ގޮތުގައި އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާ ބަކީ ކެރަމް އަށް ދިވެހި ކުޅިވަރުގައި އޮތް ޖާގަ އިތުރުވުމެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކެރަމްގެ ދުނިޔޭގެ ވޯލްޑްކަޕް ރާއްޖޭގައި ބޭއްވި ކެރަމް އަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދެވުން އެއީ ކާމިޔާބީ އެވެ. އެހެން ނަމަވެސް ސައީދު ގަބޫލު ކުރައްވާ ގޮތުގައި އެންމެ ބޮޑު ކާމިޔާބަކީ، އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަންގައި 26 އަހަރު ރަސްކަން ކުރަމުން އައި އިންޑިއާ ފަހަތަށް ޖައްސާލައި ރާއްޖެއިން އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ގޮނޑިއެއް ނެގުމެވެ.

މި ހާއްސަ އުފުލާއި ނަސީބުވެރިޔަކީ ސައީދެވެ. އެކަމަކު އޭނާ މުޅީން ދެކެވަޑައިގަންނަވަނީ އެއީ ރާއްޖެއަށް އޮތް ފަހުރެއްގެ ގޮތުގަ އެވެ.

"މިއީ އަޅުގަނޑަށް ލިބިފައި އޮތް ކަމެއް ނޫން. މިއީ މުޅި ގައުމަށް ލިބިފައި އޮތް ބޮޑު ޝަރަފެއް. މީގެ ސަބަބުން ކެރަމް އަށް ލިބޭ އެހީތައް ވެސް ވަރަަށް ބޮޑުވެގެން ހިނގައްޖެ. ކުޅުންތެރިންނަށް ދުނިޔޭގެ ލެވަލްގައި ވާދަ ކުރަން އިތުރު ފުރުސަތުތަކެއް ވެސް އެބަ ލިބޭ އަޅުގަނޑު އަދިވެސް ހަމަ ވަކާލާތު ކުރަމުން އަންނާނީ މި ފަދަ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދައިދޭން،"

ދިވެހި ބޭންކުގައި ބުރަކޮށް އުޅުއްވަން ޖެހިވަޑައިގެންނެވި ނަމަވެސް ކެރަމްއާ ދުރަށް ވަޑައިގަތުމުގެ ހިޔާލެއް ސައީދުގެ ނެތެވެ. އޭނާ ހުންނެވީ ކެރަމްއަށް ލިބޭ ކޮންމެ ކުރިއެރުމަކާއި ހީނަރުކަމެއް ގެ ޒިންމާވެސް ނަންގަވައިގެނެވެ. އެކަމަކު ކެރަމްއަށް އަންނަ ހުރިހާ ކުރިއެރުމެއްގެ މެޑަލް އޭނާ ކަރަށް ވައްޓާލަން އޭނާ ބޭފުޅެއް ނުވެ އެވެ.

ކެރަމް އަކީ ސައީދުގެ ހަޔާތުގެ އެކުވެރިޔާ އެވެ. ކެރަމްގެ ދުނިޔެއާ ވަކިވުމެއް އޭނާގެ ނެތެވެ. އޭނާއަކީ ކެރަމްގައި ރާއްޖޭގެ "ބޮޑު ފޮއްޗެ"ވެ.