ބޭރު ކުޅިވަރު

ސޮލަވަކް މައްޗަށް ކުރި ހޯދައި ވޭލްސްއާއެކު ބޭލް ތާރީހްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރަތަށް މުޅިން އަލަށް ކޮލިފައިވި ވޭލްސްއިން ސޮލަވާކިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި ޔޫރޯގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މެޗްގެ 10 ވަނަ މިނެޓްގައި ވޭލްސްގެ ފުރަތަމަ ލަނޑު ސޮލަވާކިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑްގެ އިތުބާރު ފޯވަޑް ގެރެތު ބޭލް އެވެ. އެހެން ކަމުން ބޭލް ވެފައިވަނީ ޔޫރޯގެ ތާރީޚްގައި ފުރަތަމަ ވޭލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ.

އަދި އޭނާއަކީ 58 އަހަރު ފަހުން ބޮޑު މުބާރާތެއްގައި ވޭލްސްއަށް ލަނޑެއް ކާމިޔާބު ކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށް ވެސް ވަނީ ވެފައެވެ.

ބޯލް ޕޮޒިޝަން ޑޮމިނޭޓްކޮށްގެން ކުޅުނު ސޮލަވާކިއާގެ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޫޑާއެވެ. ޔޫރޯގެ ފުރަތަމަ މޮޅު ވޭލްސްއަށް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބު ކުރީ ރޮބްސަން ކާނޫއެވެ.

ގުރޫޕް "ބީ" ގެ އަނެއް މެޗްގައި ރާއްޖޭ ގަޑިން މިރޭ 12:00 ގައި ބައްދަލު ކުރާ މެޗްގައި މުބާރާތުގެ ހޮޓް ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އިންގްލެންޑް ނިކުންނާނީ ރަޝިއާއާ ދެކޮޅަށެވެ.