ބޭރު ކުޅިވަރު

އަވަސް އަރުވާލައިގެން ކުލަބް ބަދަލުކުރަން ޕޮގްބާ ތައްޔާރެއް ނޫން: އެޖެންޓް

ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އަވަސް އަރުވާލާއިގެން ކުލަބް ބަދަލު ކުރަން ޕައުލް ޕޮގްބާ ބޭނުންނުވާ ކަމަށާއި ޔުވެންޓަސްގައި މަޑުކުރަން އޭނާ އިސްކަންދޭ ކަމަށް ކުޅުންތެރިޔާގެ އެޖެންޓް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާގެ އެޖެންޓް މިހެން ބުނީ އޭނާ ގަތުމަށް ކުރީގެ ކުލަބް މެންޗެސްޓާ ޔުނައިޓެޑުން 100 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ބުނެފައި ވަނިކޮށެވެ. ދުނިޔޭގެ ރެކޯޑް ފީއަކަށް މި އަދަދުވާއިރު މިހާތަނަށް ޕޮގްބާ އަށް ޝައުގުވެރިކަން ފާޅުކުރަމުން އައި ރެއާލް މެޑްރިޑުން ވަނީ އޭނާ ގަތުމުގެ ރޭހުން ވަކިވެފަ އެވެ.

"އޭނާ ނޫޅޭ ކޮންމެހެން އަވަސް އަރުވާލައިގެން ކުލަބު ބަދަލު ކުރަން. ޔުވެންޓަސްގައި ހުރުމަކީ ވެސް އޭނާ އިސްކަންދޭ ކަމެއް. އޭނާ އުޅެނީ ޔުވެންޓަސް ދޫކޮށް ނުވެގެނެއް ނޫން. އަދި ކުލަބުން ވެސް އޭނާ ވިއްކާލާކަށް ނޫޅޭ. އަހަރުމެން ވަރަށް އުފާވޭ ޔުވެންޓަސް އިން ވެސް އޭނާ ބަހައްޓަން ބޭނުންވާތީވެ. ޓީމުގައި ތިބި މޮޅު ކުޅުންތެރިން ހިފަހައްޓަން ބޭނުންވާ ކުލަބެއް ޔުވެންޓަސްއަކީ،" ޕޮގްބާގެ އެޖެންޓް ބުންޏެވެ.

ނިމިގެންދިޔަ ޔޫރޯގައި ޕޮގްބާ އަށް މާ އެދެވޭ ކުޅުމެއް ދެެއްކިފައި ނުވުމުން ބޮޑު އަގުގައި އޭނާ ގަތުމަށް މީގެ ކުރިން ކުލަބުތަކުން ގެންގުޅުނު ޝައުގުވެރިކަން މިހާރު ވަނީ ކުޑަވެފަ އެވެ.