ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުރި ފައުލަކީ ގަސްތުގައި ކުރި ފައުލެއްނޫން ކަމަށް މުބާރާތުގެ ރެފްރީޒް ހެޑް ޕިއަރްލުއިޖީ ކޮލީނާ ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ރެފްރީ މިވާހަކަ ދެއްކީ މުބާރާތުގެ ރެފްރީންގެ އެނަލިސިސް ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ ޕަޔެޓްގެ ފައުލް ކުރުމުން ރޮނާލްޑޯގެ ކަކުލަށް ތަދުވެ، މެޗާ ވަކިވާން ޖެހުނަސް އެއީ ޕަޔެޓް ގަސްތުގައި ކުރި ކަމެއްްނޫން ކަމަށެވެ.
"މިއީ ވަރަށް މަދުން ދިމާވާ ހާދިސާއެއް. އަހަރުމެން ވަރަށް ބޮޑަށް މިހާދިސާ ދިރާސާކުރިން. އެކަމަކު މިއީ ޕަޔެޓް ގަސްތުގައި ކުރި ކަމެއްނޫން. (ރޮނާލްޑޯ)ގެ ކަކުލާއި ޕަޔެޓްގެ ކަކޫ ޖެހުނީ އެކްސިޑެންޓަކުން. ޕަޔެޓްގެ ކިބައިން ނުފެނޭ އަނިޔާކުރުމުގެ ނިޔަތެއް،" ކޮލީނާ ބުންޏެވެ.
އޭނާ ބުނީ މި ހާދިސާއާ ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާ ލިބުނު ކަމަށާއި ހާދިސާ ދިރާސާކޮށް ކޮމެންޓްކުރި މީހުންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ހިމެނޭ ކަމަށެވެ.
މުބާރާތުގެ ރެފްރީންގެ ފެންވަރު ވަރަށް ރަނގަޅުކަން ފާހަގަ ކުރަމުން ކޮލީނާ ބުނީ ދަނޑުގައި މެދުގައ ހުރި ރެފްރީގެ ނިންމުންތައް އެންމެ ބަރާބަރު މުބާރާތަކީ މިފަހަރުގެ ޔޫރޯ ކަމަށެވެ.
ރޮނާލްޑޯ އަށް ގަސްތުގައި ހަމަލާދޭން އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށާއި މިހެންވެ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސްޓް ހޭމަށް ކުޅޭ ޕަޔެޓް ވެސް ވަނީ ކުރިން ބުނެފަ އެވެ.
ޗެމްޕިއަންކަން ހޯދި ޕޯޗުގަލްގެ ރޮނާލްޑޯ އާއި ފްރާންސްގެ ޕަޔެޓަކީ ވެސް މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ.