ބޭރު ކުޅިވަރު

Molhuvi Landu Jahan

ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ފައިނަލުގައި ރޭ ޕޯޗުގަލްއިން ޖެހި ހަމައެކަނި ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ އެޑާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަހު ހާފުގައި އޭނާ ލަނޑު ޖެހީ ހާފުގެ މެދުން ލިބުނު ބޯޅަ ކީޕަރު ހޫގޯ ލޮރިސް އަތްނުފޯރާ ފަށުން ފޮނުވާލައިގެންނެވެ.

މެޗަށް ފަހު އެޑާ ބުނީ މި ލަނޑު ޖަހާނީ އޭނާ ކަމަށް ބުނެ، ހިތްވަރުދިނީ އަނިޔާގެ ސަބަބުން މެޗުގެ ފުރަތަމަ 25 މިނިޓަށް ފަހު ބަދަލުކުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ އަހަރެން ގާތުގައި ބުނީ މިގޯލު އަހަރެން ޖަހަން ޖެހޭނެއޭ. އޭނާ އާއި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެހެން ބުނި. އަހަންނަށް މި ލަނޑު ޖަހަން އިތުބާރާއި ހިތްވަރު ދިނީ އޭނާ. މިއީ ވަރަށް މުހިންމު ގޯލެއް. މިއީ ވަރަށް މަސައްކަތުން ލިބުނު ކާމިޔާބީއެއް. އެންމެ ފުރަތަމަ މިނިޓުން ފެށިގެން ވެސް އަހަރުމެން ހިތްވަރުކުރީ ތައްޓަށް. ފްރާންސަކީ މޮޅު ޓީމެއް. ޕޯޗުގަލްގެ ރަޔިތުންނަސް މިއީ ހައްގު ކާމިޔާބީއެެއް،" އެޑާ ބުންޏެވެ.

އޭނާ އަދި ބުނީ ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާގެ ސަަބަބުން އޭނާ ދަނޑުން ބޭލުމުން ކުޅުންތެރިން ދެރަވި ކަމަށާއި ނަމަވެސް ބެންޗުގައި އިނދެ އެހެން ކުޅުންތެރިންނަށް އޭނާ ވަރަށް ބޮޑަށް ހިތްވަރުދީ ހެދި ކަމަށެވެ.