ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ފްރާންސްގެ އެންޓޯނިއޯ ގްރިއެޒްމަން ހޯދައިފި އެވެ.
އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އަށް ދޭ މުބާރާތުގެ ރަންބޫޓު އޭނާ އަށް ލިބުނީ ހަ ގޯލު ޖަހާފައިވާތީ އެވެ. މިއީ ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ އަށް ފަހު އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
މި ފަހަރުގެ މުބާރާތުގެ ރިހިބޫޓު ލިބުނޫ ޗެމްޕިއަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ޖުމުލަ ތިން ގޯލު އޭނާ ޖަހާފައިވާއިރު ރިހިބޫޓު ލިބުނީ އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން މަގުފަހިކޮށްދީފައިވާ މިންވަރާއި ކުޅެފައިވާ ވަގުތަށް ބަލައިގެންނެވެ. ރޮނާލްޑޯ ވަނީ ލަނޑު ޖަހަން ތިން ފުރުސަތެއް ފަހިކޮށްދީފަ އެވެ.
ތިން ލަނޑު ޖަހައިގެން މުބާރާތުގެ ރަންވަންލޯ ބޫޓު ލިބުނީ ފްރާންސްގެ ފޯވަޑް އޮލީވިއާ ޖީރޫޑަށެވެ. އޭނާ ތިން ގޯލު ޖެހިއިރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.
މި މުބާރާތުގައި ތިން ލަނޑު ޖަހައިގެން ރަންބޫޓަށް ވޭލްސްގެ ގެރެތް ބޭލް އާއި ސްޕޭނުގެ އަލްވާރޯ މޮރާޓާ ވެސް ވާދަކުރި އެވެ.
މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ޖެހި ތިން ގޯލާއެކު އޭނާ ވެފައިވަނީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގަ އެވެ. 1984 ވަނަ އަހަރުގެ މުބާރާތުގައި ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ ޖެހި ނުވަ ގޯލުގެ ރެކޯޑާ ރޮނާލްޑޯ ހަމަހަމަކުރީ ސެމީ ފައިނަލުގައި ވޭލްސް ކޮޅަށް ޖެހި ގޯލާއެކުގަ އެވެ. ރޭގެ ފައިނަލުގައި މި ރެކޯޑް އަމިއްލަ ކުރަން އޭނާ އަށް ފުރުސަތު ލިބުނަސް ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.
ގްރިއެޒްމަން ބުނީ ރަންބޫޓު ލިބުމުން އޭނާ ފަހުރުވެރިވާ ކަމަށާއި ނަމަވެސް ފައިނަލް މެޗުން ބަލިވެ ތަށި ނުލިބުމުން އެހާމެ ބޮޑަށް ދެރަވެސްވާ ކަމަށެވެ.