ބޭރު ކުޅިވަރު

އަހަރެން އުޅުނީ ރޮނާލްޑޯ އަށް އަނިޔާކުރާކަށްނޫން: ޕަޔެޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރޭ އެންމެ ގިނަ ބަޔަކަށް އަޅައިގަތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯގެ ކަކުލަށް ލިބުނު އަނިޔާ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ފްރާންސްގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް ކުރި ފައުލަކާ ގުޅިގެން ރޮނާލްޑޯ އަށް އަނިޔާގެ އަށިގަނޑުގައި އޭނާ ދަނޑުން ބޭލީ 25 ވަނަ މިނިޓްގަ އެވެ. އެއީ ދެ ފަހަރަށް ފަރުވާދީގެން ވެސް ދަނޑުމަތީގައި ކެތްކޮށްލެވޭ ވަރު ނުވެގެންނެވެ.

މިހާދިސާ އަށް ފަހު ޕަޔެޓާމެދު ގިނަ ބަޔަކު ޝައުކުގެ ނަޒަރަކުން ބަލަން ފެށި އެވެ. އެއީ މެޗު ހިނގަމުންދިޔައިރު ރޮނާލްޑޯގެ މަންމަ މި ފައުލާމެދު ހިތްހަމަނުޖެހިގެން ޓުވީޓް ކުރުމުންނެވެ. އޭނާ ބުނެފައިވަނީ ދަރިފުޅު އެފަދަ ހިތްދަތިގޮތަކަށް އުޅެނިކޮށް ދުވަހަކު ވެސް ނުދެކޭ ކަމަށެވެ.

ނަމަވެސް ވަނީ މެޗަށް ފަހު އޭނާ އަށް ކުރާ ޝައްކުތަކަށް ޖަވާބުދީފަ އެވެ. ޕްޔެޓް ބުނީ އޭނާ އަކީ ކުޅުންތެރިއަކަށް ގަސްތުގައި އަނިޔާކުރާ ޒާތުގެ މީހެއް ނޫން ކަމަށެވެ. އަދި ރޮނާލްޑޯއަށް ވެސް އަނިޔާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އޭނާ މަސައްކަތް ކުރީ ރޮނާލްދޯ އަތުން ބޯޅަ ހޯދަން ކަމަށެވެ. އެވަގުތު ރޮނާލްޑޯ އަށް އަނިޔާވުމަކީ އޭނާގެ ކުށަކުންވީ ކަމެއްނޫން ކަމަށެވެ. މިހެންވެ އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށާއި މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރޮނާލްޑޯ ނުލައި ކުޅެ ޕޯޗުގަލް ތަށި ހޯދީ ފައިނަލް މެޗުގެ އިތުރު ވަގުތުގެ ފަހު ހާފުގައި ޖެހި ލަނޑުންނެވެ.

ޕަޔެޓާއި ރޮނާލްޑޯ އަކީ ވެސް ޔޫއޭފާއިން ހޮވި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވާ ދެ ކުޅުންތެރިންނެވެ.