ޓްރާންސްފާ މާކެޓުގައި މިހާރު އެންމެ ގަދަ އަށް ދެކެވޭ ވާހަކައަކީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ 100 މިލިއަން ޕައުންޑަށް ވެސް ގަންނަ ވާހަކަ އެވެ. ޔުވެންޓެސްގެ 23 އަހަރުގެ ކުޅުންތެރިޔާ މި އަގުގައި ގަތުމަށް ކުރިމަތިލީ ދެ ކުލަބަކުންނެވެ. އެއީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެެވެ. ދުނިޔޭގެ އެންމެ މުއްސަދި ދެ ކުލަބުގެ ތެރެެއިން ރެއާލް މެޑްރިޑް މިހާރު ވަނީ މިރޭހުން ބޭރުވިކަން އިއުލާނުކޮށްފަ އެވެ. ޔުނައިޓެޑް އޮތީ އަދިވެސް ކުޅުންތެރިޔާ ވިއްކާނެ އިރެއްގެ އިންތިޒާރުގަ އެވެ.
ނަމަވެސް މިހާރު ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ ޕޮގްބާ އަށް 100 މިލިއަން ހަރަދު ކުރުމަކީ ރަނގަޅު ކަމެއްތޯ އެވެ. ފްރާންސްގެ ކުރީގެ މިޑްފީލްޑަރު އެމެނުއަލް ޕެޓިޓްގެ ނަޒަރުގައި މިއީ ބޭކާރު ގޮތުގައި ހޭދަކުރާ ފައިސާއެވެ.
"ޕޮގްބާ އަށް އަދި 100 މިލިއަން ހައްގެއް ނޫން. މިއީ ފައިސާ ބޭކާރު ކުރުން. މީހަކު އޭނާގެ ކާރު ދުވަސްކޮޅަކު ބޭނުން ކުރަން ދީފައި ދެން އެކާރު ނުލިބުނީމަ އެވާނީ ވަރަށް ބޮޑު ގެއްލުމަކަށް. އެފަދަ ކަމެއް މިއީ. މިވަގުތު ޕޮގްބާ އަށް މި އަގު ހައްގެއް ނޫން،" ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ފައިނަލްގައި ބްރެޒިލްކޮޅަށް ތިން ވަނަ ލަނޑު ޖެހި ކުޅުންތެރިޔާ ބުންޏެވެ.
އޭނާ އަދި ބުނީ ޕޮގްބާ އަކީ ކުރިމަގު އުޖާލާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ކުލަބާއި ގައުމީ ޓީމުގައި އަދި ޕޮގްބާ އަކީ ދުނިޔޭގެ ފެންވަރުގެ ތަރިއެއް ނޫން ކަމަށެވެ.
"އަދި އޭނާ އަށް އެއްވެސް ކަމެއް ސާބިތެއް ނުކޮށްދެވޭ. އެހެންވީމަ މިވަގުތު އޭނާ ސްޓާރަކަށް ހަދައިގެން ޕްރެސްކޮންފަރެންސްތަކުގައި އަބަދު އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. އޭނާ އަށް މާތައް ފޮނުވާ ހެދުމަކީ އަދި ގޯހެއް. އޭނާ ސްޓާރަކަށްވާން އަހަރުމެން އެބަޖެހޭ ފުރުސަތުދޭން. އޭނާ އެ މަގާމަށް އަންނާނެ ކަމާމެދު އަހަރެން ޝައްްކެތް ނުކުރަން. އެކަމަކު މިވަގުތަށް ބަލާއިރު ޗެމްޕިއަންސް ލީގު ވެސް ލިބުނީކީ ނޫން. ބޮޑު މުބާރާތެއް ގައުމީ ޓީމުގައި ނުލިބޭ. އަހަންނަކަށް އަދި [100 މިލިއަން ހޭދަކުރަންޖެހޭ ވަރުގެ] ޕޮގްބާއެއް ނުފެނޭ. އަހަރެން 100 މިލިއަނަށް ގަންނާނީ ބާސެލޯނާގެ ލުއިސް ސުއަރޭޒް" 2000 ވަނަ އަހަރުގެ ޔޫރޯ ހޯދި ފްރާންސް ޓީމުގައި ވެސް ކުޅުނު ޕެޓިޓް ބުންޏެވެ.
އާސެނަލް އަށް ވެސް ކުޅުނު ޕެޓިޓް ބުނީ ޕޮގްބާ ގަތުމުގެ ރޭހުން ރެއާލް މެޑްރިޑް ވަކިވުމުގެ ފަހަރުގައި ފޮނުވިފައިވާ މުހިންމު ސަބަބެއްވާނެ ކަަމަށެވެ.
"ރެއާލް މެޑްރިޑުން ކުޅުންތެރިއަކު ބޭނުންވެއްޖެނަމަ ފައިސާއަކީ އެއްވެސް އެއްޗަކަށް ނުވާނެ. އެކަމަކު ޕޮގްބާ ނުގަންނަން އެމީހުން ނިންމީ އެއިން އެބަދޭ ވަރަށް މުހިންމު މެސެޖެއް. މިއީ ވިސްނާލަންޖެހޭ ކަމެއް،" ޕެޓިޓް ބުންޏެވެ.