ބޭރު ކުޅިވަރު

އަހަރެން ހޯދަން ފާގަސަން އައީ ގެއަށް، މަޑުކުރަން ބޭނުމެއްނުވި: ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ބަހައްޓަން ބޭނުންވެގެން އެކުލަބުގެ އެއިރުގެ ކޯޗު ސާ އެލެކްސް ފާގަސަން އޭނާގެ ގެއައި ނަމަވެސް އެކުލަބުގައި މަޑުކުރަން ބޭނުންނުވީ ކަމަށް ޕައުލް ޕޮގްބާ ބުނެފި އެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ބުނީ ފާގަސަން ވާހަކަ ދެއްކުމުން އޭނާގެ ނިންމުން ވަރަށް ސާފުކޮށް ކިޔާދީފައިވާނެ ކަމަށެވެ.

"ފާގަސަން އަކީ އަހަރެން ވަރަށް އިހްތިރާމްކުރާ ކޯޗެއް. (އެކަމަކު) ފާގަސަން އަށް ވިޔަސް، (އެމެރިކާގެ ރައީސް ބަރަކް) އޮބާމާ އަށް ވިޔަސް އަހަރެން ބުނާނަން. އަހަރެން ނިންމީ (މެންޗެސްޓާގައި) މަޑުނުކުރަން. އަަހަރެން އެނިންމުމާމެދު ދެރަނުވަން،" ޕޮގްބާ ބުންޏެވެ.

ޔުވެންޓަސް އަށް ޕޮގްބާ ބަދަލުވުމުގައި މައިގަނޑު ސަބަބަކީ ކުޅެން ފުރުސަތު ނުލިބުމާއި ކާމިޔާބު ހޯދަން ބޭނުންވުމެވެ. ޔުވެންޓަސް އށް ބަދަލުވުމަށްފަހު މިދިޔަ ހަތަރު އަހަރު ވެސް އޭނާ ވަނީ އެކުލަބާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. މިހާރު އޭނާ އަކީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އެންމެ ބޭނުންވާ ކުޅުންތެރިޔާ އެވެ. އަލުން އޭނާ ގެންދިއުމަށް ޔުނައިޓެޑުން ވެސް ބޭނުންވެ އެވެ.

މާދަމާ އަމިއްލަ ގައުމުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ޕޮގްބާ ބުނީ އޭނާ އަށް ތަޖުރިބާކާރު ދުވަސްވީ ކުޅުންތެރިން ކަމަށްވާ ޔުނައިޓެޑުގެ ޕޯލް ސްކޯލްސް އާއި ރަޔަން ގިގްސް އަދި އިޓަލީގެ އަންދްރޭ ޕިރްލޯގެ ކިބައިގެން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށެވެ. އަދި އެ ތަޖުރިބާގެ އަލީގައި މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ފްރާންސަށް ޔޫރޯ ކާމިޔާބު ކޮށްދިނުމަށެވެ.