ހަނގުރާމަ އާއި ތަޅާފޮޅުމާއި ތައުލީމާއި ސިއްހަތާއި ހަމަޖެހުމާއި އަމަންއަމާން ދިރިއުޅުމަކަށް އެދި ޒަރޫރީ ވަސީލްތައް ފަހި ދިމަދިމާލަށް ހިޖުރަކުރުން މިއަދު އާއްމުކަމެކެވެ. ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ރޭ ފްރާންސްގައި ނިމިދިޔައިރު ފައިނަލްގައި ވާދަ ކުރި ދެ ޓީމަކީ ވެސް މިފަދަ އެތައް ހިޖުރަކުރުމަކުން އުފާ ހޯދައިގެން ތިބި ދެ ގައުމެވެ. މި ދެ ގައުމުގެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ އެފްރިކާގެ އެކި ހިސާބުތަކަށެވެ. މިހެންވެ ޕޯޗުގީޒުންނާއި ފަރަންސޭސީންނެކޭ އެއްފަދައިން މި ކުޅުންތެރިން ނިސްބަތްވާ ގައުމުތަކުން ވެސް ތިބީ އެމީހުންގެ ކުޅުންތެރިޔާ ކުޅޭތީވެ ޔޫރޯ އަށް ވަރަށް ބޮޑަށް ލޯހުޅުވައިގެންނެވެ.
ފަރަންސޭސި ކުޅުންތެރިންގެ ތެރެއިން ބަލައިސް މަޓުއިޑީ އަކީ އެންގޯލާގެ ދާހީލީ ހަނގުރާމައިން ސަލާމަތްވުމަށް 1980ގެ ތެރޭގައި ފްރާންސަށް ހިޖުރަކުރި ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. އާއިލާގެ ބައެއް މެމްބަރުންނާއެކު އޭނާ އުޅެ ބޮޑުވީ ފްރާންސްގެ ޓައުލަންސްގަ އެވެ. ބައްޕަގެ ގައުމު އެންގޯލާ އަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށް އޭނާ ފްރާންސްގެ ޖާޒީގައި ނުކުތީ 2006 ވަނަ އަހަރު އެވެ. ރޭ ފްރާންސް ބަލިވިއިރު އޭނާ ކުޅޭތަން ބަލަން އާއިލާގެ އެންމެން ދަނޑުގައި ތިއްބެވެ.
ފަރަންސޭސި ކުޅުންތެރިންގެ ތެރެއިން އޭނާގެ އަގު 100 މިލިއަން ޕައުންޑަށް އަރާފައިވާ ޕައުލް ޕޮގްބާ އަކީ ފްރާންސްގައި ދިރިއުޅުނު ގިނީގެ ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. ފެޓްރިސް އެވްރާގެ އާއިލާ ގުޅިފައިވަނީ ސެނަގާލްއާ އެވެ. މެންޗެސްޓާ ސިޓީގެ އެލިއަކުއިމް މަންގާލާ އާއި ކްރިސްޓަލް ޕެލަސްއަށް ބަދަލުވެފައިވާ ގޯލްކީޕަރު ސްޓީވް މަންޑަންޑާ އަކީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެެވެ. ފްރާންސްގެ ކުޅުންތެރިންގެ ތެރެއިން އެފްރިކާގެ އުތުރަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިއަކީ އާދިލް ރަމީ އެވެ. އޭނާގެ ބައިންބަފައިންނަކީ މޮރޮކޯގެ ބައެކެވެ.
ޔޫރޯ އަށް ފަހު ބާސެލޯނާގެ ފަހަތުން ފެނިގެންދާނެ ޒުވާން ޑިފެންޑަރަކީ ސެމިއުލް އުމިޓީ އެވެ. އޭނާ ފްރާންސްގެ ރައްޔިތަކަށްވީ އުމިޓީ ވިހޭތާ އެންމެ ދެ އަހަރު ނުވަނީސް މަންމަ އާއި ބައްޕަ އާއިލާއާއެކު ކެމަރޫން ދޫކޮށްލުމުންނެވެ. މެދުތެރޭގައި ވަރުބަލިވުމެއްނެތް އަސްތަކެއް ފަދައިން ހަރަކާތްތެރިވާ މޫސާ ސިސޯކޯ އާއި އެންގޯލޯ ކޯންޓޭ އަކީ މާލީ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.
1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ހޯދި ފްރާންސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ތިއޭރީ އޮންރީ އާއި ލިލިއަމް ތުރާމް އަކީ ވެސްޓް އިންޑީޒަށް ނިސްބަތްވި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ ހަނދާންތައް މިހާރުގެ ޓީމުގައި އާކޮށްދެނީ ރޭގެ މެޗުގައި ފްރާންސް ކަރުތާ ފެނަށް ދިއުމުން ފެނިގެންދިޔަ ޒުވާން ފޯވަޑް އެންތަނީ މާޝިއަލް އެވެ. ވެސްޓް އިންޑީޒަކީ ފްރާންސްގެ ބާރުގެ ދަށުގައި އެތަކެއް ދުވަހެއްވަންދެން އޮތް ގައުމެކެވެ.
ފްރާންސެކޭ އެއްގޮތަށް ޕޯޗުގީޒުންނަކީ ވެސް އެކިގައުމުތަކުގެ ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތް ޓީމެކެވެ. ޕޯޗުގަލްގައި އުފެދުނު އެންމެ މަޝްހޫރު ކުޅުންތެރިޔާ ޔޫސޭބިއޯ އަކީ އެފްރިކާގެ މޮޒަންބީކަށް އުފަން މީހެކެވެ. ތަށި ހިފައިގެން ރޭ ޕޯޗުގަލް ޓީމު ގައުމަށް ދިޔައިރު ތައްޓާއެކު ކުޅުންތެރިން ފްލައިޓުގައި ތިބީ ޔޫސޭބިއޯގެ ފޮޓޯ އެއް ވެސް އެމީހުގެ ކުރިމަތީގައި ބަހައްޓައިގެންނެވެ.
ޕޯޗުގަލްގެ މިހާރުގެ ކުޅުންތެރިންގެ ތެރެއިން ވައިސް ކެޕްޓަން ނާނި އުފަންވީ ކޭޕްވާޑޭ އަށެވެ. އުމުރުން 20 އަހަރުގައި ގައުމީ ޖާޒީގައި ފެނިގެންދިޔަ އެލިސޭއު ޑޮސް ސަންޓޯސްގެ މަންމަ އަކީ ކޭޕްވާޑޭގެ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރި އަންހެނެކެވެ. ބައްޕަ އަކީ ޕޯޗުގަލްގެ އެމްބިއުލާންސް ޑްރައިވަރެކެވެ. އޭނާ ވަރަށް ކުޑައިރު މައިންބަފައިން ވަކިވުމުން އުޅެ ބޮޑުވީ ބައްޕާގާތުގަ އެވެ.
ފްރާންސް ބަލިކޮށް ޕޯޗުގަލް އަށް ތަށި ހޯދައިދިން ލަނޑު ޖަހައިދިނީ އެޑާ އެވެ. ފުރިހަމަ ނަމުންނަމަ އެޑިޒީޓޯ އެންޓޯނިއޯ ލޮޕޭޒް އެވެ. އޭނާގެ މައިންބަފައިންނަކީ ގިނީގެ ބައެކެވެ. އުމުރުން އެންމެ 11ގައި އޭނާ ފްރާންސަށް ބަދަލުވީ އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ޕޯޗުގަލްގެ ޑިފެންޑަރު ރަފޭލް ގުއެރެއިރޯ އަކީ ފްރާންސަށް އުފަން ކުޅުންތެރިއެކެވެ. އޭނާގެ ބައްޕަ އަކީ ޕޯޗުގަލްގެ މީހެކެވެ. މަންމަ އަކީ ފްރާންސްގެ ރައްޔިތެކެވެ.
ޕޯޗުގަލްގެ މެދުތެރެ އާއި ފޯވަޑް ލައިނަށް ބޯޅަ ސަޕްލައިކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އޮތީ ރެނާޓޯ ސަންޗޭޒަށެވެ. އޭނާ އަކީ ޕޯޗުގީޒް ބައްޕަ އަކާއި ކޭޕްވާޑޭގެ މަންމައަކަށް ލިބުނު ކުއްޖެކެވެ. ޕޯޗުގަލްގައި ސަންޗޭޒް ވިހޭތާ ވަރަށް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައްޕަ އާއި މަންމަ ކައިވެނީގެ ގޮށް މޮހާލި އެވެ. އެއަށްފަހު ބައްޕަ ދިޔައީ ފްރާންސަށެވެ. މިހެންވެ ސަންޗޭޒް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ވެސް އެތައް ދުވަހެއް ވަންދެން ފަސްވެގެންދިޔަ އެވެ. އެންމެފަހުން 18 އޮގަސްޓް 1997ގައި ޕޯޗުގަލް އަށް އުފަން ރައްޔިތެއްގެ ގޮތުގައި ސަންޗޭޒް ރަޖިސްޓްރީ ކުރެވުނީ އޭނާގެ ބައްޕަ 2002 ވަނަ އަހަރު ފްރާންސުން އެނބުރި ޕޯޗުގަލް އައުމާއެކުގަ އެވެ. ނަމަވެސް މިއަދު ސަންޗޭޒަކީ އޭނާގެ ހިދުމަތަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ބޭނުންވާ އަގުހުރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.