އިލެކްޝަންސް ކޮމިޝަން

ޑިމޮކްރަސީ ވީކްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

މިދިޔަ ފެބްރުއަރީ މަހު އިލެކްޝަން ކޮމިޝަނުން ހއ. ހޯރަފުށީގައި ބޭއްވި ޑިމޮކްރަސީ ވީކްގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދީފި އެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އެވެ. ޑިމޮކްރަސީ ވީކްގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ބައިވެރިވި އެވެ. ޑިމޮކްރަސީ ވީކް އަކީ ޑިމޮކްރަސީގެ ހަމަތަކަށް ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތައް އަހުލުވެރިކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ތަރައްގީއަށްޓަކައި ހަރުދަނާ ޑިމޮކްރަސީއެއް އޮތް ވެއްޓެއް ބިނާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހަރުދަނާ ޑިމޮކްރަސީއެއް ބިނާ ކުރެވޭނީ، ޑިމޮކްރަސީއާ ބެހޭގޮތުން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ލިބިގެން ކަމަށް ވާތީ އިލެކްޝަން ކޮމިޝަނުން ޑިމޮކްރަސީ ވީކްގެ ނަމުގައި ފަށާފައިވާ މަސައްކަތަކީ ޒިންމާދާރު މަސައްކަތެއް ކަމަށެވެ.

"އާންމުން ހޭލުންތެރި ކުރެވިގެން ނޫނީ ހަރުދަނާ ޑިމޮކްރަސީއެއް ބިނާ ނުވާނެ. މީގެ ތެރޭގައި އެބަ އާދޭ އިންތިހާބުތަކާއި ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވައިދިނުން ވެސް. އިންތިހާބުތަކާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ސުވާލުތަކާއި އޮޅުންތައް ހައްލުކޮށްދިނުމާއި މިކަންކަމަކީ ހައުދަނާ ޑިމޮކްރަސީއެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަން،" ބިޝާމް ވިދާޅުވި އެވެ.

އީސީ އިން ބުނީ، އަންނަ އަހަރުގެ ޑިމޮކްރަސީ ވީކް ބާއްވާނީ ދެކުނުގެ އަތޮޅެއްގައި ކަމަށެވެ.