އެކްސިޑެންޓް

ވޭނުންޖެހި އަނިޔާވި މީހާގެ ހާލު ރަނގަޅު، ޑްރައިވަރު ހައްޔަރުކޮށްފި

ރޭ "މީރުބަހުރު" ބަނދަރުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުނުވެ ގޮސް، ފަޅުގައި އަޅާފައި އޮތް ބޯޓެއްގެ ތެރެއަށް އަރައި ޖެހުމުގެ ސަބަބުން އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. ވޭނުން ޖެހި އަނިޔާ ވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ގިނަ ޒަހަމްތަކެއް ލިބިފައިވިޔަސް އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ކަމަށައި އޭނާ އޮތީ ނުރައްކަލުން ބޭރުގައި ކަމަށެވެ. މިވަގުތު އެޑްމިޓްކޮށްފައި އޮތީވެސް ވޯޑުގައި ކަމަށެވެ.

"އޭނާ މިހާރު ސްޓޭބަލް. އަނެއްހެން ވަރަށް ސީރިއަސް މައްސަލަތަކެއް ނޫޅޭކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވަނީ. އެކަމަކު އުނަގަނޑުން ތިރީގެ ކަށިގަނޑުގައި ފްރެކްޗާއެއް [ރެނދެއް] އެބަހުރި،" ޒީނަތު ވިދާޅުވި އެވެ.

ވޭން އެކްސިޑެންޓްގެ ސަބަބުން އަނިޔާވި މީހާއަށް ފަރުވާދެމުންދާއިރު، ރޭގެ އެކްސިޑެންޓްގެ ވަގުތު ވޭން އެރި ބޯޓްގެ ފަހަތުގައި ހުރި ދޮރުފަތް އެކީ ނައްޓައިގެން ގޮސް ދޮރުގެ ބިއްލޫރިތައް ވެސް ވަނީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ.

އެ ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ވޭން ދުއްވި ބިދޭސީ ޑްރައިވަރު ހައްޔަރުކޮށްފަ އެވެ. މިއީ ފަހަކަށް އައިސް މިފާޑުގެ އެކްސިޑެންޓެއް ރާއްޖޭގައި ހިނގި ފުރަތަމަ ފަހަރެވެ.