އިސްލާމިކް ސްޓޭޓް

އައިއެސްގެ ބާރު މަޑުމަޑުން ކެނޑެނީ!؟

އިސްލާމިކް ސްޓޭޓް އިރާގް އެންޑް ލެވަންޓް (އައިއެސްއެލް) ގެ ނަމުގައި، ޖަމާއަތެއް ހެދިބޮޑުވެ ފުޅާވަމުން އައި މަންޒަރު ދުނިޔޭގެ ސަމާލުކަން ލިބުނީ 2014 ވަނަ އަހަރުއެވެ. އިރާގްގެ އިރުމަތީގެ ދައްޔާލާ ޕްރޮވިންސުން ފެށިގެން ސީރިޔާގެ ހަލަބާ ހަމަޔަށް އެ ޖަމާއަޔުގެ ބާރު ގަދަ ކުރިއެވެ. އެއަށްފަހު 2014 ވަނަ އަހަރު ޖުލައި މަހު "ދައުލަތުލް އިސްލާމިއްޔާ" ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ދައުލަތެއް އިއުލާން ކުރިއެވެ. އައިއެސްގެ ބާރުގެ ދަށުގައި އޮތީ ބައިނަލް އަގުވަމީ ގޮތުން އިން ކަނޑައަޅާފައިވާ އިރާގާއި ސީރިޔާގެ ސަރަހައްދެވެ.

އެ ޖަމާއަތުން އެ ސަރަހައްދުގެ ބާރުވެރިކަން ހޯދަން ކުރި މަސައްކަތް މުޅި ދުނިޔެ ސިއްސުވާލިއެވެ. ދެހާސް ސާދަ ވަނަ އަހަރު ނިމުނު އިރު އިރާގާއި ސީރިޔާގެ ތިން ބައިކުޅަ އެއްބައި ކޮންޓްރޯލް އޮތީ އައިއެސްގެ އަތް ދަށުގައެވެ. ގާއްގަނޑަކަށް 10 މިލިއަން މީހުން އައިއެސްގެ ކޮންޓްރޯލް އޮތް ސަރަހައްދުގައި ދިރިއުޅެމުން ދިޔައެވެ.

އައިއެސްއިން އެޖަމާއަތުގެ ސްޓްރެޓެޖީކް ކުޅިބައި ރާވަލި ގޮތުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ޒުވާނުންގެ "ލޯބި" އައިއެސްއިން ހޯދިއެވެ. ޢިލުމް މަދު ބައެއް ޒުވާނުންނަށް ވިސްނުނީ އައިއެސްއަކީ ހައްގު ޖަމާއަތެއް ކަމެވެ. ނަތީޖާއަކަށްވީ ބޭރު ގައުމުތަކުން އައިއެސްއާ ގިނަ އަދަދެއްގެ ޒުވާނުން ގުޅި، އެޖަމާއަތާއެކު ހަނގުރާމައަށް ނިކުތުމެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު އެމެރިކާގެ ނިއުޔޯކްގެ ދިފާއީ ކަންކަމާ ބެހޭ ކޮންސަލްޓެންސީ ގުރޫޕަކުން އާންމު ކުރި ރިޕޯޓެއްގައިވަ ގޮތުން ދުނިޔޭގެ 86 ގައުމުން 27000 ޒުވާނުން ވަނީ އައިއެސްއާ ގުޅިފައެވެ.

ނަމަވެސް ވަރުގަދަ ނުފޫޒާއި ބާރު އޮތް އައިއެސްގެ ބާރު މިހާރު ދަނީ ކޮންމެވެސް މިންވަރެއްގައި ކެނޑެމުންނެވެ. އެޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ބިންތައް، އިރާގާއި އެމެރިކާގެ އަސްކަރީ ކޯލިޝަނުން ދަނީ އަތުލަމުންނެވެ. މި މަހާއި ހަމައަށް މީގެ ދެ އަހަރު ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ބިމުގެ ސަރަހައްދުގެ ތެރެއިން 40 ޕަސަންޓް ސަރަހައްދު ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށުން ދޫވެފައެވެ. ސީރިޔާގެ ބިމުގެ ސަރަހައްދުގެ ތެރެއިން 10 އަކާއި 20 ޕަސަންޓް ސަރަހައްދެއް ވަނީ ގެއްލިފައެވެ.

އައިއެސްގެ ބާރު ފަނޑު ވަނީ ކީއްވެ؟

އައިއެސްއިން ހިފި ބިންތަކަކީ ގުދުރަތީ މުއްސަނދި ކަމުގެ ގޮތުން އެއްގަމުގައި އޮތް "ރޯދި" ރަނގަޅު ސަރަހައްދަކެވެ. އިރާގާއި ސީރިޔާގެ ތެޔޮވަޅު ތަކެވެ. އައިއެސް އާންމުދަނީ ހޯދުމުގެ އެންމެ ބޮޑު ވަސީލަތަކީ ތެލެވެ. ކަޅު ބާޒާރުގައި ބައެއް ގައުމުތަކަށް ސާފު ނުކުރާ ތެޔޮ ވިއްކައިގެން އައިއެސްއިން ބޮޑު އާންމުދަނީއެއް ހޯދަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ނޮވެމްބަރު މަހުން ފެށިގެން އެމެރިކާގެ އަސްކަރީ ކޯލިޝަނުން ވަނީ ސީދާ، އައިއެސްގެ ބާރުގެ ދަށުގައި ހުރި ތެޔޮވަޅުތައް ހުރި ސަރހައްދުތައް ފާހަގަކޮށް ވަރުގަދަ ވައިގެ ހަމަލާ ތަކެއްދީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައެވެ.

އައިއެސްއިން ކަޅު ބާޒާރުގައި ތެޔޮ ވިއްކައިގެން ބޮޑު ނަފާއެއް ހޯދުންވީ އެކަމުގެ ސަބަބުން ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތައް ހިމެނޭ އިއްތިހާދު އޯޕެކަށްވެސް ކުރިމަތިވި ގޮންޖެހުމަކަށެވެ. އެހެންވެ ގައުމުތަކުން މަޝްވަރާކޮށް މިއިން ދުވަހަކު ތެޔޮ އަގު ހެޔޮ ނުކުރާ މިންވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރިއެވެ.

މިކަންވީ ކަޅު ބާޒާރުގައި ތޮޔޮ ވިއްކަމުން ދިޔަ އައިއެސްއަށްވެސް ކުރިމަތިވި މައްސަލަކަށެވެ. ރައްކާކޮށްފައި ހުރި ތެޔޮތައްވެސް ވިއްކުމަށް ހުރަސްތައް ކުރިމަތިވެގެން ދިޔައެވެ.

އައިއެސްއާއެކު ހަނގުރަމައަށް ދިޔަ ބޭރު ގައުމުތަކުގެ މީހުންގެ ކަންކަން މެނޭޖު ކުރުމުގައި އައިއެސްއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ދިޔައެއެވެ. އައިއެސްއާ އެކު ހަނގުރަމާއަށް ނިކުތް މީހުންނަށް އެ ޖަމާއަތުން ވަނީ މުސާރައެއް ދީފައެވެ، ނަމަވެސް ތެޔޮވަޅުތަކަށް ލިބުނު ގެއްލުންތަކާއި، ތެޔޮ ވިއްކަން ކުރިމަތިވި ހުރަސްތަކާއެކު މާލި ގޮތުން ބޮޑެތި ދަތިތަކެއް އައިއެސްއަށް ކުރިމަތި ވިއެވެ.

ހަނގުރާމަ ވެރިންނަށް މުސާރަ ނުދެވި ޖަމާއަތް ބަނގުރޫޓް ވުމުގެ ބިރު ކުރިމަތިވުމުން ހަނގުރާމަވެރިންގެ މުސާރަ ކުޑަ ކުރިއެވެ. ކުރިން އައިއެސްގެ ބާރު ދަށުގައި އޮތް ސަރަހައްދަކުން އާންމު ކުރި ރިޕޯޓެއަގައި ވާގޮތުން ހަނގުރާމަ ވެރިންނަށް މުސާރައިގެ ގޮތުގައި މިހާރު ދެނީ މަހަކު 50 އެމެރިކާ ޑޮލަރެވެ. ނަތީޖާއަކަށްވީ ބޭރު ގައުމުތަކުން އައިއެސްއާ ގުޅުނު ހަނގުރާމަވެރިން އެ ޖަމާއަތް ދޫކޮށްލުމެވެ. އޭގެ ކުރިން ހަނގުރާމަ ވެރިންނަށް މުސާރައިގެ ގޮތުގައި 360 އެމެރިކާ ޑޮލަރު ދެމުން ދިޔަކަމަށް އައިއެސްގެ މުސާރަ ޝީޓަކުން ވަނީ ހާމަވެފައެވެ.

މިދިޔަ ބްރާސްފަތި ދުވަހު އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން ވިދާޅުވި ގޮތުގައި އިރާގާއީ ސީރިޔާގައި އައިއެސްއާއެކު މިހާރު ހަނަގުރާމަ ކުރަމުންދަނީ 18000 އާއި 22000 ދެމެދުގެ ހަނގުރާމަވެރިންނެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން އައިއެސް ބަލިކޮށްލުމަށް ގެންގުޅުނު ސްޓްރެޓަޖީ ބަދަލު ކުރިއެވެ. ހަނގުރާމަވެރިންގެ ކުލަ ޖައްސައިގެން ހުޅަނގުން އައިއެސްއާ ގުޅުނު ބައެއް މީހުންގެ ތެރޭގައި ހުދު ސީއައިއޭގެ އެޖެންޓުންވެސް ހިމެނެއެވެ. މިއީ ދުރާލާ ރާވައިގެން އައިއެސް ބަލިކޮށްލުމަށް އެމެރިކާއިން ރޭވި ރޭވުމެކެވެ.

މިހުރިހާ ކަމެއް ޝާމިލުވެ، މިއަދު އިރާގާއި ސީރިޔާގެ ބިންތަކުގައި އިސްލާމިކް ސްޓްޓްގެ ނަމުގައި ދައުލަތެއް އިއުލާން ކުރި ޖަމާއަތް މިވަނީ ވަރަށް ބަލިކަށިވެފައެވެ. ކުރިން ބާރުގެ ދަށުގައި ހުރި ބިންތައް އަތުން ދޫވެ ހަރަކާތް ވަނީ ފަނޑުވެފައެވެ.