ދުނިޔެ

ބަންގާޅަށް ގޮސްފިނަމަ ޝަމީމާއަށް މަރުގެ އަދަބު ދީފާނެ

May 4, 2019
5

ޑާކާ (އޭޕްރީލް 5) - ދީނީ ހަރުކަށި ހިޔާލުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ ދިޔަ ބަންގްލަދޭޝް ދަރިކޮޅުގެ އިނގިރޭސި ޒުވާން އަންހެން ކުއްޖާ ބަންގްލަދޭޝަށް ގޮސްފި ނަމަ އޭނާއަށް މަރުގެ ހުކުމް އިއްވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ އެ ގައުމުގެ ފޮރިން މިނިސްޓަރު އިންޒާރު ދެއްވައިފި އެވެ.

ބަންގްލަދޭޝް ދަރިކޮޅުގެ ޝަމީމާ ބޭގަމް، 19 އައިއެސް އާ ގުޅުމަށް ޔޫކޭ ދޫކޮށް ސިރިއާއަށް ގޮސްފައި ވަނީ 2015 ވަނަ އަހަރު އެވެ. ނަމަވެސް، ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅެނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފެނުނު ޝަމީމާ އެނބުރި ޔޫކޭއަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމައިފަ އެވެ. އިނގިރޭސި ގާނޫނުތައް ބުނާ ގޮތުން، އެހެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެހެން ގައުމެއްގެ ރައްޔިތުކަން ލިބެން އޮތް މީހެއްގެ ރައްޔިތުކަން އަތުލެވިދާނެ އެވެ. ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމާފައި ވަނީ އޭނާއަކީ ބަންގްލަދޭޝް ދަރިކޮޅުގެ މީހަކަށްވެފައި އެ ގައުމުން އޭނާއަށް ރައްޔިތުކަން ލިބޭނެ މަގު އޮތީމަ އެވެ.

ނަމަވެސް، މީގެ ކުރިން ވެސް ބަންގްލަދޭޝް ސަރުކާރުން ޝަމީމާއާ ހަވާލުވާން ދެކޮޅު ހަދާފައި ވަނިކޮށް، އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުލް މުއުމިން ވިދާޅުވީ ބަންގްލަދޭޝާ ޝަމީމާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެއްވެސް އިރެއްގައި ޝަމީމާ ނުވަތަ އޭނާގެ މައިބަފައިން ވެސް ނެތް ބަންގްލަދޭޝްގެ ރައްޔިތުކަން ހޯދަން އެދިފައެއް. އޭނާއަކީ އިނގިރޭސި ރައްޔިތެއް. އެހެންވީމަ، ޝަމީމާއަށް ޒިންމާވާން ޖެހޭނީ އިނގިރޭސި ސަރުކާރުން،" ޝަމީމާއަށް ބަންގްލަދޭޝްގެ ރައްޔިތުކަންދީ އެ ގައުމަށް އައުމުގެ ފުރުސަތު ނުދޭނެކަން ތަކުރާރު ކުރައްވަމުން މުއުމިން ވިދާޅުވި އެވެ.

އަދި ޝަމީމާ ބަންގްލަދޭޝަށް ގޮސްފި ނަމަ، އެ ގައުމުން ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލަރަންސް ޕޮލިސީގެ ދަށުން މަރުގެ ހުކުމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

"ބަންގްލަދޭޝްގެ ގާނޫނުތައް ވަރަށް ސާފު. ޓެރަރިސްޓުންނަށް މަރުގެ އަދަބު ދިނުމުގެ ފުރުސަތު އޮންނާނެ،" މުއުމިން އިންޒާރުދެއްވި އެވެ.

ބަންގްލަދޭޝްގެ އެ އިންޒާރާއެކު، ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމި ނިންމުމަށް އިނގިރޭސި ހޯމް އޮފީހަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން، އެއްވެސް ގައުމަކަށް ނިސްބަތްނުވާ ގޮތަށް އެއްވެސް މީހެއްގެ ރައްޔިތުކަން އަތުލުމަކީ ކުށެކެވެ.

އައިއެސް ހަނގުރަމާވެރިއަކާއި ކައިވެނި ކޮށްގެން އުޅެނިކޮށް ބަލިވެއިން ޝަމީމާ ވަނީ، ފެބްރުއަރީ މަހުގެ ތެރޭގައި ފިރިހެން ކުއްޖެއް ވިހައިފަ އެވެ. ނަމަވެސް، އޭގެ ތިން ހަފްތާ ފަހުން އެ ކުއްޖާވަނީ ނިއުމޯނިއާ ޖެހިގެން މަރުވެފަ އެވެ.