ދުނިޔެ

ލަންޑަންގެ ހީތްރޯ އެއާޕޯޓުގައި ޕެކޭޖަކުން ރޭޑިއޯއެކްޓިވް ޔޫރޭނިއަމް ފެނިއްޖެ

ލަންޑަންގެ ހީތްރޯ އެއާޕޯޓުގައި ޕަސެންޖަރެއްގެ ޕެކޭޖަކުން ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޔުރޭނިއަމްގެ އަސަރު ފެނިއްޖެ އެވެ. އޮފިޝަލުން ބުނާ ގޮތުން އެއީ ވަަރަށް ޑުޑަ މިންވަރެއް ނަމަވެސް ރަސްމީ އިދާރަތަކުގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ.

އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުން ބުނީ ރޭޑިއޯއެކްޓިވް މާއްދާއާ ގުޅުން ހުރި ތަކެތި – އިނގިރޭސިވިލާތުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި ޕާރުސަލަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އީރާންގެ މީހަކަށް ޕާކިސްތާނުން ފޮނުވި އެއްޗެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި ޕާރުސަލް ދަތުރުކޮށް އިނގިރޭސިވިލާތަށް ދިޔައީ އޮމާން މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކައުންޓާ ޓެރަރިޒަމް ކޮމާންޑަރު ރިޗަޑް ސްމިތު ވިދާޅުވި ގޮތުގައި އެ ވަރުގެ މިންވަރަކުން ގެއްލުމެއް ދެވޭ ވަރުގެ ކަމެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް، ސަމާލުވާން ޖެހެނީ އެ ނެޓްވޯކްގެ ތެރޭގައި ޔޫރޭނިއަމް ހުރެދާނެ މިންވަރަކާ މެދު އެވެ.

އޭނާ އަދި ވިދާޅުވީ އެއީ ސީދާ އެއްވެސް ނުރައްކަލަކާ ގުޅިފައިވާ ކަމެއް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެ ކަމުގައި އޮތީ ކޮން ބޭނުމެއްތޯ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޗަޑް ވިދާޅުވި ގޮތުގައި ރޭޑިއޯއެކްޓިވް ކުޑަ މިންވަރެއް ނަމަވެސް ދެގެނަގެވުން ދޭހަކޮށްދެނީ އިނގިރޭސިވިލާތުގައި ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ހަރުދަނާ ކަމެވެ.