ދުނިޔެ

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ޔުރޭނިއަމް ފެނުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ހީތުރޯ އެއާޕޯޓުން ރޭޑިއޯއެކްޓިވް ޔުރޭނިއަމް ފެނުނު މައްސަލާގައި ދޮށީ އުމުރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ބީބީސީން ބުނާ ގޮތުން އޭނާ މިވަގުތު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އެހެން ނަމަވެސް މި މައްސަލައިގެ ތަހުގީގަށް މި އަހަރުގެ އޭޕްރީލަށް ފަހު އޭނާ ހާޒިރުކުރެވޭނެ އެވެ.

ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ބުނާ ގޮތުން އޭނާ ހައްޔަރުކުރީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫންގެ ދަށުން އޭނާއަށް ތުހުމަތުކުރެވޭތީ އެވެ. އަދި އޭނާގެ އަމަލުތަކުގައި ޓެރަރިޒަމްގެ ސިފަ ޖެހިފައި ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޔުރޭނިއަމް އަކީ ނުރައްކާތެރި ރޭޑިއޯއެކްޓިވް މާއްދާ އެކެވެ. މިއީ އާންމު ގޮތެއްގައި ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ މާއްދާ އެކެވެ.

ހީތުރޯ އެއާޕޯޓުން ޑިސެމްބަރު 29ގައި މި މާއްދާ ދެނެގަނެވުނީ އާދައިގެ މަތިން ދޭތެރެ ދޭތެރެއިން ކުރެވޭ ޓެސްޓަކުންނެވެ.

ބޯޑަރު ބަލަހައްޓާ ފުލުހުން ކުރިން ބުނި ގޮތުން ޔުރޭނިއަމްގެ މިހާ ކުޑަ މިންވަރަކުން އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އަދި އެއީ ބަޔަކު ގަސްދުގައި ނުރައްކާތެރި ހަތިޔާރު އުފައްދަަން ކުރި މަސައްކަތަކަށް ވެސް ނުވެދާނެ ކަމަށެވެ.

އޭއެފްޕީ ބުނާ ގޮތުން ޔުރޭނިއަމް ފެނުނީ އުމާންގެ ވެރިރަށް މަސްގަތުން ފުރައިގެން ހީތުރޯއަށް ދަތުރުކުރި މަތިންދާބޯޓަކުން ބޭލި ޕާރުސަލަކުންނެވެ. އަދި އުމާންއަށް އެ ޕާރުސަލް ދަތުރުކީ ޕާކިސްތާނުން ކަމަށް ބޯޑަރު ފުލުހުން ބުނާ ކަމަށް އޮތީ ޚަބަރު ފެތުރިފަ އެވެ.

އެހެން ނަމަވެސް، ޕާކިސްތާންގެ އޮފިޝަލުން ބުނީ އެއީ ޕާކިސްތާނާ ގުޅުން ހުރި ޕާރުސަލެއް ނޫން ކަމަށާއި އިނގިރޭސިން އެ ވާހަކަތައް ޕާކިސްތާނާ ގުޅުވަނީ އެ ގައުމުގެ ނަން ޚަރާބުކުރަން ކަމަށް ވެސް އޮތީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރި ނަމަވެސް މިއީ ޓެރަރިސްޓް ހަމަލާއަކާ ސީދާ ގުޅުން ހުރި އަމަލެއް ކަމަށް ނުބެލެވޭ ކަމަށް މެޓްރޮޕޮލިޓަން ފުލުހުންގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޔުނިޓްގެ ކޮމާންޑަރު ރިޗަޑް ސްމިތް އަދިވެސް ވިދާޅުވެ އެވެ.