ދުނިޔެ

ސާދިގު ޚާން ލަންޑަންގެ މޭޔަރުކަމަށް ތިންވަނަ ދައުރަކަށް

އިނގިރޭސިވިލާތުގެ ވެެރިރަށް ލަންޑަންގެ މޭޔަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި ލޭބާ ޕާޓީގެ ސާދިގު ޚާން -- ބުރާސްފަތި ދުވަހު ލަންޑަންގައި އޮތް މޭޔަރު އިންތިޚާބު ކާމިޔާބުކުރައްވައި -- ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.

ސާދިގް ޚާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ ކޮންޒަވޭޓިވް ޕާޓިގެ ވާދަވެރިޔާ ސޫޒަން ހޯލްގެ މައްޗަށް ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ލަންޑަންގެ މޭޔަރުގެ މަގާމަށް ސާދިގު ޚާން ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ އެކު، އެ މަގާމު އެންމެ ގިނަ ދުވަހު ފުރުއްވި މޭޔަރުގެ ޝަރަފު އޭނާއަށް ލިބިވަޑައިގަންނަވާނެ އެވެ.

އިންތިޚާބުގެ 14 ދާއިރާގެ ނަތީޖާ އިއުލާނުކޮށްފައި ވާއިރު ސާދިގު ޚާން ވަނީ ނަތީޖާތައް ދެން ބަދަލުނުވާނެ ބޮޑު ކާމިޔާބެއް ކަށަވަރުކުރައްވާފަ އެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ސާދިގު ޚާންއަށް 44 ޕަސެންޓް ލިބިފައިވާއިރު އިދިކޮޅު ކެންޑިޑޭޓަށް ލިބިފައި ވަނީ 33 ޕަސެންޓް ވޯޓެވެ.

ސޫޒަން ހޯލްއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް، ސާދިގު ޚާން ވަނީ އެކަން އޮތީ އެ ގޮތަށް ނޫންކަން ސާބިތުކުރައްވާފަ އެވެ.

ސާދިގު ޚާން ހޯއްދެވި މި ނަތީޖާ އާއެކު އޭނާގެ މަގުބޫލުކަން ކުރިއަށް ވުރެވެސް ވަނީ ބޮޑުވެފަ އެވެ. އަދި އޭނާއަށް އޮތް އިތުބާރު މި ދައުރުގެ ތެރޭގައި ތަފާތު ބޮޑުކޮށް ފެންނާނެ ކަމަށް ބުނެވެ އެވެ.

ޕާކިސްތާން ނަސްލުން އިނގިރޭސިވިލާތަށް ހިޖުރަކުރި ދެމަފިރިއަކަށް ލިބުނު ސާދިގު ޚާން ހަޔާތުގެ ކުރީކޮޅު ހޭދަކުރެއްވީ އާއިލާ އާއެކު އާދައިގެ ދެރަ ހާލަތެއްގަ އެވެ. އޭނާގެ ބައްޕަ އަކީ ލަންޑަންގެ ބަސް ޑްރައިވަރެއް ގޮތުގައި މަސައްކަތްކުރި މީހެކެވެ.

ސާދިގު ޚާން ތައުލީމީ ހަޔާތުގައި ޔުނިވާސިޓީ އޮފް ނޯތު ލަންޑަނުން ގާނޫނީ ގޮތުން ކިޔަވައި ވިދާޅުވި އެވެ.

އެއަށް ފަހު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން ބައެއް ދާއިރާތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު 2016 ގައި އޮތް ލަންޑަން މޭޔަރުގެ އިންތިޚާބުގައި ވާދަކުރައްވައި މުސްލިމް މޭޔަރެއް ގޮތުގައި އިންތިޚާބުވެ ވަޑައިގެންނެވީ އެވެ.