ބަންގްލަދޭޝް

ބަންގާޅަށް އައިއެސްގެ ވަރުގަދަ ހަމަލާއެއް!

Jul 2, 2016
2
  • 40 މީހުން ޒަހަމްވެފައި
  • ވިއްސަކަށް މީހުން ރަހީނުވެފައި
  • ދެ މީހަކު ވަނީ މަރުވެފައި

ޑާކާ (2 ޖުލައި) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަޝްހޫރު ކެފޭއަކަށް ޓެރަރިސްޓުންގެ ވަރުގަދަ ހަމަލާއެއްދީ ގިނަ އަދަދެއްގެ ބަޔަކު މިރޭ ރަހީނުކޮށްފި އެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު، ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މި ހަމަލާގެ ޒިންމާ ނަގައިފަ އެވެ.

ހަތިޔާރު އެޅި، ގާތްގަނޑަކަށް އަށް މީހަކު ވެގެން ހިސޯރުކޮށްފައި ވަނީ ޑާކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނާއި ޑިޕްލޮމޭޓުންގެ މެދުގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ހޮލޭއި އާޓިޝަން ބޭކަރީ އެވެ. ހަނގުރާމަވެރިން އެތަނަށް ވަނުމާއެކު ފިލައިގެން ސަލާމަތްވެފައިވާ އެ ތަނުގެ ވެރި މީހާ ބުނެފައި ވަނީ ބޭރު ގައުމުތަކުގެ މީހުންނާ އެކު ވިއްސަކަށް މީހަކު ހަނގުރާމަވެރިންގެ އަތްދަށުވެފައިވާ ކަމަށެވެ.

މިހާތަނަށް ސިފައިންނާއި ހަނގުރާމަވެރިން މި ކެފޭ ކައިރީގައި ބަދަލުކުރި ހަމަލާތަކުގައި ފުލުހުންގެ އިސް ދެ އޮފިސަރަކު މަރާލާފައިވާއިރު 40 މީހަކު ޒަޚަމްވެފައިވެ އެވެ.

އައިއެސްގެ ވަރުގަދަ ހަމަލާއެއް ބަންގާޅުގެ "ހިތަށް" އަމާޒުކޮށްފައި މި ވަނީ ދީނީ ތަޅާފޮޅުންތައް އެގައުމުގައި ވަރަށް ބޮޑަށް އިތުރުވެ އައިއެސްގެ ބާރު ގަދަކޮށްފައި ވަނިކޮށެވެ. ފަހަކަށް އައިސް ބަންގާޅުގައި، އެކި ދީންތަކުގެ މީހުންނަށް ހަމަލާދީ މެރުން އާންމުވެފައިވާއިރު މިފަދަ ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ފިކުރުގެ މީހުންކަން ފާހަގަކޮށްލެވެ އެވެ.

ދީނީގޮތުން ހައްދުފަހަނަޅައިދިއުން ބަންގާޅުގައި މި ދުވަސްވަރު ވަރަށް ވެސް ބޮޑެވެ. އެގައުމަކީ 150 މިލިއަން މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ.