ދުނިޔެ

ބަންގާޅުންވެސް ހަވާލުނުވުމުން އައިއެސް އާގުޅުނު ޔޫކޭ ކުއްޖާ ގައުމެއް ނެތި!

Feb 21, 2019
6

ޑާކާ (ފެބްރުއަރީ 21) - ދީނީ ހަރުކަށި ހިޔާލުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ ދިޔަ ބަންގްލަދޭޝް ދަރިކޮޅުގެ އިނގިރޭސި ވިލާތުގެ ޒުވާން އަންހެން ކުއްޖާގެ ރައްޔިތުކަން އަތުލަން އެ ގައުމުން ނިންމާފައި ވަނިކޮށް، އޭނާއާއި ހަވާލުވާން ބަންގްލަދޭޝުން ވެސް ދެކޮޅު ހަދައިފި އެވެ.

ބަންގްލަދޭޝް ދަރިކޮޅުގެ ޝަމީމާ ބޭގަމް، 19 އައިއެސް އާ ގުޅުމަށް ޔޫކޭ ދޫކޮށް ސިރިއާއަށް ގޮސްފައިވަނީ 2015 ވަނަ އަހަރެވެ. ނަމަވެސް، ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅެނިކޮށް މިދިޔަ ހަފުތާގައި ފެނުނު ޝަމީމާ އެނބުރި ޔޫކޭއަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އައިއެސް ހަނގުރަމާވެރިއަކާއި ކައިވެނި ކޮށްގެން އުޅެނިކޮށް ބަލިވެއިން ޝަމީމާ ވަނީ، މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ފިރިހެން ކުއްޖެއް ވިހައިފަ އެވެ. އަދި އޭނާ ބޭނުން ވަނީ ދަރިފުޅު ގޮވައިގެން އެނބުރި ޔޫކޭއަށް ގޮސް އާދައިގެ ދިރިއުޅުމެއް އުޅެން ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމައިފަ އެވެ. އިނގިރޭސި ގާނޫނުތައް ބުނާ ގޮތުން، އެހެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެހެން ގައުމެއްގެ ރައްޔިތުކަން ލިބެން އޮތް މީހެއްގެ ރައްޔިތުކަން އަތުލެވިދާނެ އެވެ. ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމާފައިވަނީ އޭނާއަކީ ބަންގްލަދޭޝް ދަރިކޮޅުގެ މީހަކަށްވެފައި އެ ގައުމުން އޭނާއަށް ރައްޔިތުކަން ލިބޭނެ މަގު އޮތީމަ އެވެ.

ނަމަވެސް، ބަންގްލަދޭޝް ފޮރިން މިނިސްޓްރީން ބުނީ ޝަމީމާ އަކީ ބަންގްލަދޭޝް ރައްޔިތެއް ނޫން ކަމަށާއި، އޭނާއަށް އެ ގައުމަށް ނާދެވޭނެ ކަމަށެވެ. އަދި ޝަމީމާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ބަލައިގެން އެކި ފަރާތްތަކުން ވާހަކަތައް ދައްކާތީ އެކަމާއި ކަންބޮޑުވާކަމަށް ވެސް ބަންގްލަދޭޝް ފޮރިން މީނިސްޓްރީން ބުނެފައިވެ އެވެ.

ޝަމީމާ ސީރިއާއަށް އެތެރެވެފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ އެހެން ކުއްޖެއްގެ ޕާސްޕޯޓުގަ އެވެ. ނަމަވެސް، އޭނާ ސީރިއާ ބޯޑަރު ހުރަސް ކުރުމާއެކު އެ ޕާސްޕޯޓް އަތުލާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝަމީމާގެ ދިފާއުގައި އިނގިރޭސި މަޖިލީހުގެ ބައެއް މެމްބަރުން ވެސް މިހާރު ވަކާލާތު ކުރަމުންދާއިރު، އިނގިރޭސި ހޯމް އޮފީހުން ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ.