އަފްޣާނިސްތާން

މޯބް ބޭނުންކުރީ ރަނގަޅު ވަގުތުގައި: އެމެރިކާ

Apr 15, 2017

ނިއުކްލިއަ ހަތިޔާރުތައް ފިޔަވައި އެމެރިކާއިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ހަތިޔާރު ކަމަށްވާ ޖީބީޔޫ-43/ބީ މެސިވް އޯޑިނެންސް އެއާ ބްލާސްޓް (މޯބް) އަފްޣާނިސްތާނަށް އަމާޒުކޮށް ބޭނުންކޮށްފައި ވަނީ ރަނގަޅު ވަގުތުގައި ކަމަށް އެމެރިކާއިން ބުނެފި އެވެ.

އަފްޣާނިސްތާނުގައި ތިބޭ އެމެރިކާގެ ލަޝްކަރުތަކުގެ ކޮމާންޑަރު ޖޯން ނިކޮލްސަން އިއްޔެ ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ އެ ހަތިޔާރު ބޭނުންކުރީ ރޭވުންތެރިކަމާ އެކު ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެއް ކަމަށެވެ. އަފްޣާނިސްތާނުގެ ދިފާއީ އޮފިޝަލުން ވިދާޅުވެފައި ވަނީ އެ ހަމަލާގައި އައިއެސް ހަނގުރާމަވެރިންގެ ތެރެއިން 36 މީހުން މަރުވި ކަމަށާއި އާއްމުންގެ މީހަކު މަރުނުވާ ކަމަށެވެ.

އަފްޣާން ސަރުކާރުން އެހެން ބުނި ނަމަވެސް އައިއެސްއާ ގުޅިފައިވާ އާމާގް ނިއުސް އެޖެންސީން ބުނީ ހަމަލާގައި އައިއެސްގެ އެއްވެސް މީހަކު މަރުނުވާ ކަމަށެވެ.

ނިކޮލްސަން ވިދާޅުވެފައި ވަނީ ހަމަލާ ދިން އިރު އޭނާ ގެންދެވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ތިއްބެވި އެ ގައުމުގެ އިސްވެރިންނާ ކެނޑިނޭޅި މުވާސަލާތު ކުރައްވަމުން ކަމަށެވެ. ނަމަވެސް އެ ހަަމަލާއަކީ އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތަށް ރިއާޔަތްކޮށްގެން އެޅި ފިޔަވަޅެއް ކަމަށެވެ.

މޯބް ބޮން ބޭނުންކޮށްފައި މިވަނީ ޓްރަމްޕް ސަރުކާރުން އަފްޣާނިސްތާނަށް ފޮނުވާ މަތީ ފެންވަރުގެ ފުރަތަމަ ވަފުދު ފޮނުވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 9000 ސިފއިންނާ މެދު ޓްރަމްޕް ސަރުކާރުން ނިންމާނެ ގޮތެއް އަދި ވަނީ ނޭނގިއެވެ.

"އެއީ އަހަރެމެންގެ ކުރިއެރުމަށް ބޮޑު ހުރަހެއް ކުރިމަތިިވި ފުރަތަމަ ފަހަރު. އެއީ އެހަތިޔާރު ރޭވުންތެރި ކަމާ އެކީ ހަނގުރާމައިގެ މައިދާނުގައި ރަނގަޅު އަމާޒަކަށް ބޭނުންކުރަން ރަނގަޅު ވަގުތު،" ނިކޮލްސަން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ހަމަލާއިން ކުރީ ކޮން އަސަރެއް؟

"ބޮންތަކުގެ މަންމަ" ގެ ގޮތުގައި އެމެރިކާއިން ސިފަކުރާ ބޮން އެޅި ހޮހަޅަތަކާ އެންމެ ކައިރީގައިވާ އަފްޣާނިސްތާނުގެ އާބާދީއަކީ އަޗިން ޑިސްޓްރިކްޓުގެ މޮމާން ނަމަކަށް ކިޔާ އަވަށެކެވެ. ބޮން އެޅިތަނާ އެއަވަށާ ދެމެދު ހުރީ ގާތްގަނޑަކަށް ތިން މޭލުގެ ދުރުމިނެވެ. އެއަވަށުން ރޮއިޓާސްއާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ބޮން ގޮވި އަޑުގެ ގަދަ ފަދަ ކަމުން ، ބޮން ގޮވީ އެއަވަށުގައި ކަމަށް ހީވި ކަމަށެވެ. ގާރީ މެހްރާޖުއްދީން ނަމަކަށް ކިޔާ އެމީހާ ބުނެފައި ވަނީ އެފަދަ ގަދަ ފަދަ ގޮވުމެއް އެ ސަރަހައްދުގެ މީހުން ކުރިން ތަޖުރިބާކޮށްފައި ނުވާ ކަމަށެވެ.