ދުނިޔެ

އަލްގައީދާގެ ލީޑަރު އައިމަން ޒަވާހިރީ މަރާލައިފި

އަލްގައީދާގެ ލީޑަރު އައިމަން އައްޒަވާހިރީ މަރާލައިފި އެވެ. އޭނާ މަރާލިކަން ދުނިޔެއަށް އިއުލާންކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ.

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ، ސީއައިއޭ ބުނާ ގޮތުން ޒަވާހިރީ މަރާލީ އަފްޣާނިސްތާންގައި އޭނާ ދިރިއުޅޭ ގޭގެ ބެލްކަނީގައި ހުއްޓައި ޑްރޯނަކުން ފޮނުވާލި ދެ މިސައިލުންނެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ހަމަލާ ދިނީ ވަރަށް ބޮޑަށް ރާވައިގެންނެވެ. އަދި ޒަވާހިރީ ފިޔަވައި އިތުރު އެއްވެސް މީހަކަށް ގެއްލުން ނުވާ ގޮތް ބަލައި ވަރަށް ހުށިޔާރުކަމާ އެކު ހަމަލާ ދެވުނު ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

އަލްގައީދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ޕާކިސްތާންގައި އުޅެނިކޮށް މެއި 2، 2011 ގައި މަރާލި ފަހުން އަލްގައީދާގެ ލީޑަރުކަމާ ހަވާލުވީ ޒަވާހިރީ 71, އެވެ.

އެއަށްފަހު ވެސް އަލްގައީދާ އިން ވަނީ ޒަވާހިރީގެ މާލިމީ ކަމުގައި ދުނިޔޭގެ ކަންކޮޅުގައި ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގާފަ އެވެ.

އަލްގައީދާ ނައްތާލަން އެމެރިކާ ނުކުތީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް ފަހު އެވެ. އެ ހަމަލާގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ޒަވާހިރީ އަކީ މިސްރަށް އުފަން މެޑިކަލް ޑޮކްޓަރެއް -- ސާޖަން އެކެވެ. އޭނާ މަރާލި މީހަކަށް 25،000 އެމެރިކާ ޑޮލަރު އެމެރިކާއިން އޮތީ ހުށަހަޅާފަ އެވެ.

ޖޯ ބައިޑަން މިވަގުތު އުޅުއްވަނީ ކޮވިޑްގެ އާލާސްކަމުގަ އެވެ. އެހެންނަމަވެސް ވައިޓް ހައުސްގެ ގޯތި ތެރެއަށް ނުކުމެ ވަޑައިންގެން ވިދާޅުވީ ސެޕްޓެމްބަރު 11 ގައި މަރުވި މީހުންނަށް އިންސާފު ހޯދައި ދެވުނީ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ކިތަންމެ ޒަމާނެއް ހޭދަކުރައްވަން ޖެހިވަޑައިގަތް ނަމަވެސް އެމެރިކާއަށް ނުރައްކަލެއް އޮތް ނަމަ ނައްތާލައްވާނެ އެވެ. އެމެރިކާ މީހުންނަށް ނުރައްކާ ބޮޑު މީހެއް ނަމަވެސް ޒަމާން ދުއްވާލައްވާނެ ކަމަށް ވިދާޅުވި އެވެ.