ޔުކްރޭން ހަނގުރާމަ ކުރިން ހީކުރި ގޮތާ ޚިލާފަށް -- ކާމިޔާބުނުވެދާނެ ކަމަށް ބަލައި، އެ އުއްމީދު ދޫކޮށްލެއްވުމަށް ޖޯ ބައިޑަންގެ ސަރުކާރުން ވިސްނަން ފަށައިފި ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފި އެވެ.
ރަޝިއާއާ ދެކޮޅަށް ޔުކްރޭން ލައްވައި މިހާތަނަށް އެމެރިކާ އާއި ބައިވެރިން ހަނގުރާމަ ކުރުވީ ރަޝިއާ ބަލިކޮށް ކުޑަކަކޫ ޖައްސުވާނެ ކަމަށް -- ޔުކްރޭންގެ ވެރިންނަށް ބުއްދިލައިދީ ގެންނެވެ. އެހެން ނަމަވެސް، އެމެރިކާގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައި ކަމަށް، ނަން ނުޖަހާ ގޮތަށް އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދިން އެމެރިކާ ސަރުކާރުގެ އޮފިޝަލަކުން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ޔުކްރޭނާ މެދު ދެން ކަންކުރާނެ ގޮތަކާ މެދު ސިޔާސީ ތަޖުރިބާކާރުން މިހާރު ބޮޑަށް ބުރަވަނީ، އެމެރިކާއިން އަފްޣާނިސްތާންއާ މެދު ކަންކުރި ގޮތަށެވެ.
އަފްޣާނިސްތާންގައި އެއިރު ވެރިކަމުގައި ހުންނެވި އަޝްރަފް ޣަނީއަށް އެމެރިކާއިން އޮތީ ހިމާޔަތްދޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ދީފަ އެވެ. އަދި ތާލިބާނުންގެ އަތްމައްޗަށް އަފްޣާނިސްތާން ނުވެއްޓޭނެ ކަމަށް ބުނެވެސް އެމެރިކާއިން ވަނީ ބޮޑެތި ދޮގުތަކެއް ހަދާފަ އެވެ.
ޔުކްރޭންގެ ހާލަތު މިހާރު އޮތީ އަފްޣާނިސްތާންގައި އެއިރު އޮތް ހާލަތާ ދާދި އެއް ސިފައެއްގަ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިންގެ މަދަދާ އެކު ވެސް ޔުކްރޭނަށް ރަޝިއާ ސައިޒުކުރެވޭ ވަރުގެ ހަމަލާތަކެއް ދެވިފައެއް ނުވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން އެމެރިކާއަށް ދެވެން ހުރި އެންމެ ގިނަ އަދަދަކަށް ޔުކްރޭނަށް ވަނީ ހަތިޔާރު ދީފަ އެވެ. އަދި ވަގުތާ އެކު އެމެރިކާގެ ޝައުގުވެރިކަން ފަނޑުވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ.
ޔުކްރޭން ހާލުގައި ޖެހެން ދޫކޮށް ނުލާނެ ކަމަށް އެމެރިކާ ބުނި ނަމަވެސް، ދޮރު ބަންދު ބައްދަލުވުންތަކުގައި ޔުކްރޭންގެ ހާލަތާ މެދު އެމެރިކާ ކަންބޮޑުވާކަން ފާޅުކޮށްފައިވާ ކަމަށް ނޫސްތަކަށް މައުލޫމާތު ދިން އޮފިޝަލް ވަނީ ބުނެފަ އެވެ.