ސޯޝަލް ހައުސިންގެ ދަށުން ގާ ކޮށީގައި އާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން ހެދި ފްލެޓްތަކަށް ދައްކަން ޖެހޭ ކުލީގެ އަގު ބޮޑުވުމައި ގުޅިގެން އެމްޑީޕީއިން ހުށަހެޅި ގަރާރު ރައްތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް ހުށަހެޅި މި ގަރާރު ބަލައިގަތުމަށް 22 މެންބަރުން ވޯޓުދެއްވި ނަމަވެސް އެ ބޭރުކޮށްލުމަށް 31 މެންބަރުން ވޯޓުދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ އެއް މެންބަރަކު އިންނެވި އެވެ. އެހެން ކަމުން މަޖިލީހަށް އެމައްސަލައާ ގުޅިގެން ހުށަހެޅި ގަރާރު ފާހެއް ނުވާ ކަމަށް ރިޔާސަތުން ނިންމެވި އެވެ.
އަބްދުލް ކަރީމް ހުށަހަޅާފައިވާ މި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުން ގާ ކޮށީގައާއި އަރަބިއްޔާ ބިމުގައި ހުރި ފްލެޓުތައް އިމާރަތް ކުރަން އެޕެކްސް ރިއާލިޓީ ކުންފުންޏާއެކު އެއްބަސްވީ 1.2 މިލިއަން ރުފިޔާ 25 އަހަރު ތެރޭގައި ދެއްކުމަށް ކަމަށާއި އޭރު ރޭވިފައި ވަނީ ކުލީގެ ގޮތުގައި 6568ރ. ދެއްކުމަށް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން މުއްދަތު ފަސް އަހަރަށް ކުޑަ ކުރުމުން ކުލީގެ އަގު 33،333 ރުފިޔާއަށް ބޮޑުވެފައިވާ ކަމަށް ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
"33،333.33 ރުފިޔާގެ ނުކުޅަދާނަވާ ވަރުގެ ބޮޑު އަދަދެއް ކުއްޔަށް ދައްކަން ޖެހުމާއި އެކު އެއީ މާލޭގައި ބޯހިޔާވަހިކަން ލިބިަފއިނުވާ އާދައިގެ މީހުނަށް ނުއުފުލޭނެ ބޮޑު ބުރައެއް ކަމަށް ވުމާއި އޭގެ ސަބަބުން ބޯހިޔާވެހިކަން ލިބުމުގެ ފުރުސަތު ގެއްލިގެންދާނެ،" ގަރާރުގައި ބުނެފައި ވެއެވެ.
އަބްދުލް ކަރީމް ބުނީ ރާއްޖޭގެ ބަޖެޓަށް ބަލާއިރު 280 ފުލެޓަށް 18 މިލިޔަން ޑޮލަރަކީ ބޮޑު އެއްޗެއް ނޫން ކަމަށާއި އެ ދެއްކުމަށް އެޗްޑީސީއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި ޑައުންޕޭމަންޓުގެ 20 ޕަސަންޓުވެސް ދައްކާ ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.