ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ހުށަހައިފި

Jun 21, 2016
  • ގްރީންޓެކްސްގެ ގޮތުގައި ނަގަނީ ހަ ޑޮލަރު
  • މިކަމުގައި ދާއިރާގެ ކަންބޮޑުވުން އެބަހުރި
  • މީގެ ސަބަބުން ވިޔަފާރި ހީނަރުވާނެ

ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގާ ގޮތަށް ސަރުކާރުން ޓޫރިޒަމް ގާނޫނަށް އަނެއްކާވެސް، އިސްލާހު ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފްކުރި "ގްރީން ޓެކްސް" މިހާރު ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. މި ޓެކްސް ނަގަނީ ދުވާލަކަށް ބޮލަކަށް ހަ ޑޮލަރުގެ މަގުންނެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން މަޖިލީހަށް ހުށަހެޅުއްވައި މިހާރު ބަހުސް ފަށާފައިވާ އިސްލާހުގައިވާ ގޮތުން ޓެކްސް ނެގުމުގެ ޒިންމާއާ ހަވާލުވާނީ އެމީހަކު ހުރި ތަނަކުންނެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ހުށަހަޅާފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ރޭޓް ބޮޑުވެ، ގެޓްސްހައުސް ވިޔަފާރިއަށް ގެއްލުންވާނެ ކަމަށް މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މީގެކުރިން ވަނީ ބުނެފަ އެވެ. މި ޓެކްސް ފުރަތަމަ ތައާރަފު ކުރުމާ ގުޅިގެން އޮތީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާ ގޮތަށެވެ. ނަަމަވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުމާއެކު އެކަން ވަނީ ބަދަލުކޮށްފަ އެވެ.

ގްރީން ޓެކްސް ގެސްޓް ހައުސްތަކުން ނަގަން ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 45.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.