ގެސްޓް ހައުސް ވިޔަފާރި

ގޭމް، ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނަށް

Sep 18, 2021

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ނަން، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭ) އަށް ބަދަލު ކުރަން ފާސްކޮށްފި އެވެ.

ރާއްޖޭގެ ގެސްޓްހައުސްތައް ބަލަހައްޓާ ގޭމް އިން މިއަދު މާފުށީގައި ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މެންބަރުންގެ ވޯޓާއެކު ނިންމާފައިވަނީ ކުރިން ހަމައެކަނި ގެސްޓްހައުސްތަކުގެ ނަމުގައި ވަކާލާތު ކުރަމުން ދިޔަ އެސޯސިއޭޝަން، ހޮޓާތަކުގެ ހައްގުގައި ވެސް ވަކާލާތު ކުރެވޭ ޖަމިއްޔާ "ރީބްރޭންޑް" ކޮށް ނަން ވެސް ބަދަލު ކުރާށެވެ.

މާފުށީގައި މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ގޭމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުންދާއިރު ގިނަ ރަަށްރަށުގައި އޮކިއުޕެންސީ އެއްވަރެއްގައި ހިފެހެއްޓޭނެ ގޮތެއް ރޭވުން މުހިންމު ކަމަށެވެ.

"މިހާރު މާފުށި ފަދަ ރަަށްރަށުގައި އޮކިއުޕެންސީ އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް ގިނަ ރަށްރަށުގައި ނުހިފެއްޓޭ. އެހެންވެ އެކަމަށް ހުރި ގޮންޖެހުންތައް ބަލައި ސަރުކާރާ ގުޅިގެން އެކަން ހައްލު [ކުރަން މަސައްކަތް ކުރުން މުހިންމު،" އަބްދުﷲ ވިދާޅުވި އެވެ.

ގޭމްގެ ނަން ބަދަލުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އަބްދުﷲ އަވަސް އަށް ވިދާޅުވީ ގޭމް އަކީ ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ހޮޓާ ތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށް ބަދަލު ކުރަން ނިންމީ މުސްތަގުބަލަށް ބަލާފައި ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީން ވަރަށް އަވަހަށް ނިންމާނެ 10 ކޮޓަރިއަށް ވުރެ ކޮޓަރި ގިނަ ތަންތަނަކީ ކުދި އަދި މެދުފަންތީގެ ހޮޓާތައް ކަމަށް. މި ބަދަލު ގެނައުމާއެކު ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ކުދި ހޮޓާ ތަކަށް ވެގެންދާނެ. އެހެންވެ އެކަމަށް ބަލައި ގެނައި ބަދަލެއް މިއީ،" އަބްދުﷲ ވިދާޅުވި އެވެ.

އެންއެޗްޖީއޭގެ އަހަރީ އާއްމު ޖަލްސާގައި ވަނީ އެ ޖަމިއްޔާ ރީބްރޭންޑް ކުރުމާއި މާކެޓިންގެ މަސައްކަތް ކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ވެސް ފާސްކޮށްފަ އެވެ. އެގޮތުން މަސައްކަތް ހަވާލުކޮށްފައިވަނީ މިކަމަށް އާއްމުކޮށް އިއުލާނުކޮށްގެން ކުރިމަތިލި ތިން ފަރާތުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު އޯޓީއޯ ކްރިއޭޓިވް ކުންފުންޏަށެވެ.

މީގެ އިތުރުން ދާއިމީ ވަޒީފާއެއްގެ ގޮތުގައި އެ ޖަމިއްޔާއަށް ސެކްރެޓަރީ ޖެނެރަލްއެއް އައްޔަންކޮށް އޭނާ އަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފަކަށް ހެދުމަށް ވެސް ފާސްކޮށްފައިވެ އެވެ.

ގެސްޓްހައުސް ވިޔަފާރި އަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ހިންގާ އެއް ވިޔަފާރި އެކެވެ. ރާއްޖޭގައި ހުރި ގެސްޓްހައުސްތަކުގެ އަދަދު 600 އަށް ވުރެ ގިނަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި ވިޔަފާރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.