މާލެއަށް މިހާރު ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ހައުސިން މިނިސްޓްރީ އާއި އެންވަޔަރަންމެންޓް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމެޓީގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓުންނެވެ. ކޮމެޓީގައި މިއަދު މަޝްވަރާކޮށްފައި ވަނީ މާލޭގެ ކުނި މެނޭޖް ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުންނެވެ.
ކޮމެޓީގައި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ މުއައްސަސާތައް ވަކިވަކިން ހާޒިރު ކުރުމުގެ ބަދަލުގައި އެއްކޮށް ހާޒިރުކޮށްގެން ނޫނީ މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭނެ ކަމަށާއި އެއް މުއައްސަސާއަކުން ދައްކާ ވާހަކަ ދޮގު ކުރަންޏާ އަދި ދޮގުކުރާ މިންވަރު އެނގޭނީވެސް އެގޮތަށް ހާޒިރު ކުރުމުން ކަމަށެވެ.
މާލޭގެ ކުނީގެ ކަންކަން ދުވަހުން ދުވަހަށް މިހާރު ބަލަނީ ހައުސިން މިނިސްޓްރީންނެވެ. އެންމެ ފަހުން ބޭއްވި މި ކޮމެޓީގެ ޖަލްސާއަށްފަހު ހައުސިން މިނިސްޓްރީން އެ ކޮމެޓީއަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް އަންގާފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އިން މި މައްސަލައިގައި އެންމެ ފަހުން ހާޒިރުކޮށްފައިވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ. ނަަމަވެސް އެކުންފުނިން ވަނީ މާލޭގެ ކުނި މެނޭޖްކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ އެ ކުންފުނިން ނޫން ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ސްޓްރެޓެޖިކް ޕްލޭން އެއް އެކުލަވާލާފައިވާ ކަމަށް ކޮމެޓީގައި ބުނެފައެވެ.