ޓޫރިޒަމް

އެންމެ ބޮޑު ސުވިމިން ޕޫލާއެކު ކަނޑިންމަ ރިސޯޓް ހުޅުވަނީ

Jun 23, 2016
1
  • މި ރިސޯޓުގައި 274 ވިލާ
  • ފެމެލީ ސްކައި ސްޓޫޑިއޯއެއް
  • މެރިން ބަޔޮލޮޖީ ސްކޫލެއް ހުރޭ

ދ. ކަނޑިންމާގައި ތަރައްގީކޮށްފައިވާ ރިސޯޓް ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލާއެކު، މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "އައިޓީސީއެމް" ގައިވާ ގޮތުން ޕްލަސް ޓްރެވަލް ހޮޓެލް ގްރޫޕުން ތަރައްގީކުރާ ރިސޯޓަކީ މަތީ ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ތަރައްގީކުރާ ތަނެކެވެ. މި ރިސޯޓުގައި 11 ކެޓަގަރީއެއްގެ 274 ވިލާ ހުންނާނެ އެވެ.

އެ ވެބްސައިޓުގައިވާ ގޮތުން ކަނޑިންމާގައި ތަރައްގީކުރާ މި ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލް ވެސް ހުންނާނެ އެވެ.

ރިސޯޓުގެ ބައެއް ހިދުމަތްތައް

  • ބީޗް އެންޑް ސްކައި ސްޓޫޑިއޯތައް
  • ފެމިލީ ސްކައި ސްޓޫޑިއޯ
  • ބީޗް ޕޫލް ވިލާތައް
  • އަކުއާ ވިލާތައް
  • އަކުއާ ޕޫލް ވިލާއެއް

"އައިޓީސީއެމް" ގައިވާ ގޮތުން ދިގު މިނުގައި ތިން ކިލޯ މީޓަރު ހުންނަ މި ރަށުގައި ތަރައްގީ ކޮށްފައިވާ ގެސްޓް ވިލާތައް ހަދާފައި ވަނީ ޓޫރިސްޓުން އެންމެ ގަޔާވާނެ ގޮތަށެވެ. މީގެ އިތުރުން މި ރިސޯޓުގައި މޫދު ކުޅިވަރުގެ އެކި ހިދުމަތްތަކާއި ޖިމްގެ އިތުރުން ކަނޑުގެ އެކި ދިރާސާތައްކޮށް، ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހާއްސަ މެރިން ބައިލޮޖީ ސްކޫލަކާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ބޮޑު ރެސްޓޯރެންޓަތަކާއި ކެފޭތައް ވެސް ހުންނާނެ އެވެ.