ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު

"ގައުމު ތަމްސީލުކުރަން ބޭރަށް ދަނީ ފިލާކަށް ނޫން"

ރާއްޖެއިން ބޭރަށް ގޮސް، ރާއްޖެ ތަމްސީލު ކުރަން ލިބޭ ފުރުސަތުތަކުގައި އެ މަސައްކަތް ކުރުމަކީ ފިލުން ނުވަތަ ފިލައިގެން ދިއުން ނޫން ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ. ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެ އިއްތިހާދުން މިއަދު ވަނީ ޑރ. އަލީ ނަސީރަށާއި އޭނާގެ އަނބިކަނބަލުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފަ އެވެ. އެ އިއްތިހާދުން ބުނީ، އަލީ ނަސީރު ރާއްޖެއިން ބޭރުގެ ވަޒީފާއަކަށް ހަމަޖެއްސަވާފައިވަނީ ދައުލަތުން ވައްކަން ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން ފަރާތްތައް ރާއްޖެއިން ފިއްލެވުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ.

މިހެން އިއްތިހާދުން ބުނީ، ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅުއްވަފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އަދި ކެނެޑާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް އަލީ ނަސީރު ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނަސީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ރާއްޖެ ތަމްސީލުކުރާ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއިން ބޭރަށް ސަފީރުން އައްޔަންކުރަނީ ފިލުވަން ނުވަތަ ފޮރުވަން ނޫން ކަމަށް ވިދާޅުވި އެވެ. އެއީ، ދައުލަތްގެ އުސޫލުތައް ޕްރޮމޯޓް ކުރުމަށް އައްޔަންކުރާ ބައެއް ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.

އަލީ ނަސީރަށް އިދިކޮޅު އިއްތިހާދުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު މިއަދު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އަލީ ނަސީރުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ދުންޔާ ވިދާޅުވީ، އަލީ ނަސީރަކީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ހާރިޖީ ދާއިރާއަކީ ބޭރުގެ އެކިއެކި ގައުމުތަކު ވެސް މަސައްކަތްކުރަންޖެހޭ ދާއިރާއެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ، ބޭރުގައި ތިބޭ ސަފީރުން ރާއްޖެ ބަދަލުކޮށް، ރާއްޖެގައި ތިބޭ ފަރާތްތައް ބޭރަށް ދާން ވެސް ޖެހޭ ކަމަށާއި އެއީ ފޮރިން މިނިސްޓްރީގައި އޮންނަ އުސޫލެއް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ފިލުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.