މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އިދިކޮޅުގެ އިހުތިޖާޖުން ތިން މީހަކު ހައްޔަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

މިރޭގެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިރޭ އޮތް އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްުޔަރުކޮށްފައިވާ ކަަމަށެވެ. އެ މީހުން ވަގުތުން ދޫކޮށްލުމަށްވެސް ހީނާ ގޮވާލެއްވިއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުން އަނިޔާވެރި ކަމާއެކު ރައްޔިތުން ހައްޔަރު ކުރަމުން ގެންދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ވަނީ ވަރަށް ބޮޑަށް ފުޅާކުރައްވާ ވަރުގަދަ ކުރައްވާފައެވެ.

ނަމަވެސް އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.