މިދިޔަ މާޗްމަހު ހުޅުވާ ބޭނުންކުރަން ފެށި ސުނާމީ ބިނާ މައިޒާނުގެ ބޭރު ތޮށިގަނޑުގެ ފެންސްގައި ފެރީއެއް ޖެހި ހަލާކުވެފައިވާ ބައި އަދިވެސް މަރާމާތު ނުކޮށް އޮންނަތާ މަސް ދުވަސް ވެއްޖެ އެވެ.
މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭ ފަޅު ތެރެއަށް ވަންނަން އައި ފެރީއަކުން ޖެހި ސުނާމީ ބިނާގެ މައިޒާންގެ ބޭރު ތޮށިގަނޑުގެ ފެންސަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވެ އެވެ. އަދި މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭވެސް މާލޭ ފަޅު ތެރެއަށް ވަންނަން އައި ދޯންޏެއް ޖެހި ސުނާމީ ބިނާ މައިޒާންގެ ބޭރު ތޮށިގަނޑުގައި ޖަހާފައިވާ ފެންސަށް ވަނީ ގެއްލުންތަކެއް ލިބިފައި ވެއެވެ.
ސުނާމީ ބިނ މައިޒާނަށް ގެއްލުންތަކެއް ލިބުނު ފަހުން މިިދިޔަ މެއި މަހުގެ ތެރޭގައިވަނީ އެމްޕީއެލްގެ ކޮންޓެއިނާ އުފުލާ ވެހިކަލަކުން ޖެހުމާ ގުޅިގެން ހާބަރު ސަރަހައްދުގައި ހަދާފައިވާ ރައިވެރިބޭ މައިޒާނަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އެތަން މިހާރުވަނީ މަރާމާތުކޮށް ނިންމައި އިތުރު ވަސީލަތްތަކާއެކު ބޭނުން ކުރަން ހުޅުވާލާފައެވެ.
ސުނާމީ ބިނާ މައިޒާންގެ ފެންސް މަރާމާތު ނުކުރެވި ވާއިރު އެތާ ޖަހާފައި ހުރި ބައެއް ބޮކި ވެސް މިހާރު ނުދިއްލެ އެވެ. އެ މައިޒާނަކީ އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މައިޒާނެކެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.