- ބަޖެޓް ދަރަނި ފޫބައްދާ އެއްޗަކަށް ރާއްޖޭގެ ރީތިކަން ހަދާ
- ނުހެދި ހުރި ރަށްތަކަށް ގޮތެއް ނިންމަން ވެއްޖެ
- އާ އިސްލާހާ އެކު އަނެއްކާ ވެސް އިތުރު ރަށްތަކެއް ދޫކުރުމަށް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމަށް 2004 ގައި ދޫކުރި 60 އަށް ވުރެ ގިނަ ރަށުގެ ތެރެއިން ހަދާ ނިމުނީ އެންމެ 14 ވަރަކަށް ރަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ދޫކުރި 26 ރަށުގެ ތެރެއިން ނިމުނީ ދެތިން ރަށެކެވެ. އެއްބައި ތަރައްގީކޮށް ހުއްޓިފައި ހުރި ގިނަ ރަށްތައް ވަނީ ވީރާނާވުމާ ކައިރިވެފަ އެވެ. ބައެއް ރަށްރަށް ތަރައްގީކުރަން ފަށައިގަންނާނެ ދުވަހެއް ވެސް ނޭނގެ އެވެ. ކުރިން ދޫކުރި އެތައް ރަށެއް ތަރައްގީ ނުވެ ހުރީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ރާއްޖޭގެ ޓޫރިޒަމަށް މިއީ ކިހާ ބޮޑު ގޮންޖެހުމެއް ހެއްޔެވެ؟
"ވަރަށް މަދު ބަޔަކަށް ރަށްތައް ހެދިފައި މިހިރީ. މިއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް. އެކަން އެބަޖެހޭ ވަރަށް ރަނގަޅަށް ދިރާސާ ކުރެވި ބަލަން ކިހިނެއްތޯ މި ވަނީ. އެތައް އިންވެސްޓަރުންނެއް އެ ތިބީ އަދިވެސް ބިކަވެފައި. އަޅުގަނޑުގެ ވިސްނުމުގައި ޑިވެލޮޕް ނުވެގެން މިއުޅެނީ ދުނިޔޭގެ މާލީ ބާޒާރުގެ ތެރެއަށް ވަނުމުގައި މައްސަލަތަކެއް ހުރީމާ،" ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވެފައިވެ އެވެ.
އެތައް ރަށެއް ނުހެދި ހުންނަ މައްސަލައަށް އަލިއަޅުވާލައްވާ އޭނާ އެންމެ ބޮޑު މައްސަލައަކަށް ފާހަގަ ކުރައްވަނީ ގާނޫނުތަކުގެ ދޯހަޅިކަމެވެ. ދުނިޔޭގެ މާލީ ބާޒާރުތަކަށް އެކަށީގެންވާ ގޮތަށް ރާއްޖޭގެ މާލީ ގާނޫނުތައް ބައްޓަންވެފައި ނެތުމެވެ. އޭޝިއާ ބައްރަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދަށް ވާއިރު ވެސް ރާއްޖެ އަންނަން ގިނަ އިންވެސްޓަރުން ބިރުގަންނަނީ ގާނޫނުތަކުން އެ މީހުންގެ އިންވެސްޓްމަންޓް ކުރިއަށް ގެންދަން ލުއިތަކެއް ނުދެވޭތީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ބޭރުގެ އިންވެސްޓަރުންނާ މެދު ދިވެހިން ދެކެމުންދާ ގޮތަކީ އާ ރިސޯޓްތައް ހެދުމަށް އިންވެސްޓަރުން ނުލިބުމުގެ އެންމެ ބޮޑު ގޮންޖެހުމެވެ.
"އެ ހުރަސްތައް ގިރާ ނުކުރެވިއެއް ނުވާނެ. ތަންކޮޅެއް ފަހަތަށް ބައްލަވާ، 1980-1990 ގައި ރަށްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ދިން އިރު އޭރުގައި ރަށަކަށް 20-30 މީހުން ބިޑްކުރި މަންޒަރު ފެނުނު. މި ރީޖަން އަށް އައި ބަދަލު ބައްލަވާ، ރާއްޖޭން އެއްކަލަ އެތި ކޮންޓްރޯލް ކޮށްގެން ބަލަން ތިބެފައި، ދުބާއީ ގަތަރު ތަންތަނުން މެލޭޝިޔާ ތަންތަން އެ މީހުން އާޓިފިޝަލް ރަށްތައް ވެސް ހަދައިގެން އޭރުގައި އަޅުގަނޑުމެންނަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުން ގެންގޮސްގެން އާމްދަނީ ހޯދަމުން އެ ދަނީ،" އެބޭފުޅާ ވިދާޅުވި އެވެ.
އެތައް ރަށްތަކެއް ތަރައްގީ ނުކުރެވި ހުރި އިރު ކޮންމެ އަހަރަކު ވެސް އެތައް ރައްތަކެއް މާކެޓަށް އަދިވެސް ދަނީ ފުލަޑް ކުރަމުންނެވެ. މިއަހަރު ބަޖެޓްގައި ވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. އަދި އެމްއެމްޕިއާރުސީ ތެރެއިން އެކި ގޮތްގޮތަށް ހިތަށް އެރި ގޮތަކަށް ހިތައް އެރި މީހަކަށް ރަށްތައް ހުރީ ބަހާލައިފަ އެވެ. ބައެއް ރަށްތައް އެކި މީސް މީހުންނަށް ދެތިން ހަތަރު ފަހަރަށް ވެސް ވިއްކާލާފައި އެބަ ހުއްޓެވެ.
މީގެ ނަތީޖާ އަކަށް ވަނީ އޭގެ ތެރެއިން ކާމިޔާބުވަނީ މަދު އިންވެސްޓަރެކެވެ. އެހެން ނޫނީ އެ ރަށުގެ މައްސަލަ ބޮޑު ކަންތައްގަނޑެއްގައި ތާށިވެ ބެދޭނީ އެވެ. ސަރުކާރުތަކުގެ ވިސްނުމަކަށް ވެފައި އޮންނަނީ ބަޖެޓް ޑެފިސިޓް ފޫބައްދާލަން، އެތައް ރަށެއް ވިއްކާލައި މިލިއަނުން ޑޮލަރު ހޯދުމެވެ. އެކަމަކު އޭގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ހިތައް އަރާހާ ގޮތަކަށް މާކެޓަށް ރަށްތައް ފްލަޑް ކުރުމަކީ ވަރަށް ދެރަކަމެކެވެ. އެއްޗެއް މާބޮޑަށް އާންމުވެއްޖެ ނަމަ އެ އެއްޗެއްގެ އަގު ނެތުމަކީ ވިޔަފާރީގެ އެންމެ އަސާސީ އުސޫލެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބޭނުމަކީ ވެސް އިތުރު ރަށްތަކެއް މާކެޓްގެ ތެރެއަށް ދޫކޮށްލުމަށް މަގުފަހި ކުރުމެވެ. ބީލަމުގެ އުސޫލުން ނޫން ގޮތަށް ވެސް، އާންމު ފަރާތްތަކަށް ރަށްތައް ދިނުމުގެ އެ އިސްލާހުގެ ދަށުން ހުއްދަ ލިބޭނެ އެވެ. އެކަމަކު އެކަން ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ރަށްތައް ހޯދުމަށް އާންމު ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި މިންކުރާނެ އާންމު މިންގަނޑެއް ކަނޑައަޅަން ޖެހެ އެވެ. އަދި ދޫކުރާ ރަށްތަކުގެ މައުލޫމާތު އޭސީސީ އަދި އޮޑިޓާ ޖެނެރަލަށް ހިއްސާ ކުރަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވަނީ އިއުލާން ނުކޮށް ރަށްތައް މިހާރު ދެނީ، ސަރުކާރުން ޖޭވީ ކުންފުންޏެއް ހަދައިގެން ކަމަށެވެ. އަދި އެކަން ކުރެވެނީ ސީދާ ޓޫރިޒަމް މިނިސްޓަރު ކައިރިއަށް އައިސް އާދޭސްކޮށްގެން ކަމަށެވެ. އަދި އެކަން އެގޮތަށް ވަނީ ބީލަމަށް ނުލައި ގާނޫނުތަކުގެ ތެރެއިން، ރަށްތައް ނުދެވޭތީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މި އިސްލާހުގެ ބޭނުމަކީ އެކަން ނިމުމަކަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ އެއްގޮތަކުން ވިސްނާ ނަަމަ އޭގެ ޒާތުގައި ރަނގަޅު އިސްލާހެކެވެ.
އެކަމަކު އޮތީ އެންމެ ސުވާލެކެވެ. އިތުރު ރަށްތަކެއް އަނެއްކާ ވެސް މާކެޓަށް ދޭ އިރު ކުރިން ނުހެދި ރަށްރަށް ހެދުމަށް އޮތް ސަރުކާރުގެ ބޮޑު ޕްލޭނަކީ ކޮބައިހެއްޔެވެ؟ އާ އެކެވެ. ރަށްތަކެއް ވިއްކާލައިން 40 މިލިއަން ޑޮލަރު ވެސް ހޯދި ދާނެ އެވެ. އެކަމަކު އެ ރަށްތައް މާކެޓަށް ނާންނަހާ ހިނދަކު އެއީ ހަމަ ވަގުތީ ކަމެކެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔަކު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަށް އޮތް ހައްލަކީ އެކްސްޓާނަލް ފައިނޭންސް އިތުރުކޮށް އިންވެސްޓަރުންނަށް އިތުރު ފައިސާ ހޯދައިދޭން މަސައްކަތްތަކެއް މި ވަނީ ކުރަން ޖެހިފަ އެވެ. ރިސޯޓްތަކެއް ތަރައްގީ ނުވެ ހުރުމާ ގުޅިފައި ވަނީ ދުނިޔޭގެ މާލީ ބާޒާރުތަކާ ރާއްޖެއާ ރަށްޓެހި ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ އެ މީހުންނަށް ގޮތްތަކެއް ހޯދައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"ދިވެހިރާއްޖޭގެ ބޭންކުތަކުގައި ފައިނޭންސް ނެތުމުގެ މައްސަލައެއް މިއީ. ރިސޯޓެއް ހެދުމަކީ މާ ފަސޭހަ ކަމެއް ނޫން. އެތައް ބަޔަކު އިނދަވެސް ޖެހޭ ކަމެއް. މި ސަރުކާރުގެ މަގުސަދަކީ ގިނަ ރަށްތަކެއް ދިނުމެއް ނޫން. މަދުން ދީގެން ނަމަވެސް ]ރިސޯޓްތައް[ ހުޅުވި، އޮޕަރޭޝަނަށް އައުން. ވަޒީފާތައް އައުން މީގެ މުހިންމު ކަމަކީ،" އޭނާ ވިދާޅުވި އެވެ. "ސުވާލަކީ ނުހެދި ހުރި ރަށްތައް ހެދެންދެން އަހަރުމެން މަޑުކުރަންވީހޭ؟ ނޫން. ލ. އާއި ގއ. މިތަންތަން ޑިވެލޮޕް ކުރަން އެބަޖެހޭ. އަލަށް މި ހުޅުވާލާ ރަށްތައް ވެސް މި ހުރީ ބަލާފައި، މިހާރު ވެސް އެނދު މަދު ދިމަދިމާލަށް ބަލައިގެން ކުރީގެ އިންވެސްޓަރުންނަށް ވެސް އުނދަގޫ ނުވާނެހެން މިފަހަރު ރަށްތަކެއް ދޫކޮށްލެވެނީ. ކުރިންހެން އެގޮތަށް ހަމަ ރަށްތަކެއް ދޫކޮށްލަން ދޫކޮށްލަނީއެއް ނޫން."
ހާއްސަ އިގްތިސާދީ ސަރަހައްދު ނޫނީ އެސްއީޒެޑް ގާނޫނުގައިވާ ގޮތުގައި ޒޯންތަކުގެ 40 ޕަސެންޓް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ އެވެ. އެހެން ވީމާ، ނުހެދި ހުރި ރަށްތައް ވެސް ހިމެނޭ ގޮތަށް މިފަދަ ޒޯންތަކެއް ކަނޑައެޅިދާނެ އެވެ. އޭރުން ހަމަ ގައިމު ވެސް ލުއިތަކެއް ނުލިބިގެން ރިސޯޓް ތަރައްގީ ނުކުރެވިފައި ތިބޭކަށް ނުޖެހޭނެ އެވެ. މިހާރު މައްސަލައަކަށް ވަނީ ރިސޯޓް ނުހެދެނީސް، ހިންގާ ރިސޯޓްތަކާ އެއްވަރުގެ ބިމު ކުއްޔެއް ސަރުކާރަށް ދައްކަން ޖެހޭތީ އެވެ. އެސްއީޒެޑްތަކުގެ ތެރެއިން މިގޮތަށް ހުރި ގިނަ ރަށްތަކެއް މާކެޓަށް ނެރުމަކީ ސަރުކާރުގެ ވިސްނުމުގައި ވެސް އޮތް ކަމެކެވެ.
"ރަން ވަޅެއް، ވަރުގަދަ މައުދަންތަކެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެންގެ އޮތީ ބިއުޓީއެއް. އެކަން މި ދެއްކެނީ ޓޫރިޒަމުން. އެހެންވީމާ، އެސްއީޒެޑްތަކުގެ ތެރޭގައި ޓޫރިޒަމް ވެސް އެ އޮތީ ކޮމްޕޯނެންޓަކަށް ހިމަނާފައި. އެއީ ޓޫރިޒަމް އޭގައި ހިމެނުނީމާ ރާއްޖެ އަށް ވެސް ދިވެހިންނަށް ވެސް އެންމެ ބޮޑެތި ފައިދާތަކެއް އަންނަނީ. މީގެ ތެރެއިން ނުހެދި ހުރި ރަށްތަކަށް ވެސް ހައްލު ހޯދުން އޭގެ ބޭނުމަކީ،" އެސްއީޒެޑް ބޯޑްގެ ޗެއާ އިކޮނޮމިކް މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ބަލަންވީ އިތުރު ރިސޯޓްތަކެއް ދިނުމުގެ ބަދަލުގައި މިހާރު ނުހެދި ހުރި ރިސޯޓްތަކަށް ދޫތަކެއް ދިނުމަށެވެ. އެ ރިސޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން ވެސް މިހާރަށް ވުރެ ބޮޑަށް އިސްކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ފައިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެބަހުރި 30 ޕަސެންޓް ނިމިފައި ހުރި ރިސޯޓްތައް. އެމީހުންނަށް ހަމަ ބޮޑެތި ގެއްލުން މިވަނީ. ދެން މި ފެންނަނީ އިތުރު ރަށްތައް މާކެޓަށް ދޫވާތަން. އެތަންތަން ވެސް ނުހިނގާ، އަނެއްކާ އެއްކަލަ ނުހެދޭ ރިސޯޓްތައް އިތުރުވަނީ. ބައްލަވާ މީގެ ކުރިން މިދިޔަ އަހަރުތަކުގައި ދޫކުރެވުނު ރަށްތަކުގެ ކަންތައްތައް ވެސް ކާމިޔާބެއް ނުވި. ހަމަ އެ ގޮތަށް މިދަނީ. އެހެންވީމަ ސަރުކާރުން އެބަ ޖެހޭ ގެރެންޓީ ދީގެން ނަމަވެސް އެކްސްޓާނަލް ފައިނޭންސް ހޯދައިގެން މި ހުރި ތަންތަން މީހުން އަތުން ހަދުވާފައި އެތަންތަން އޮޕަރޭޝަނަށް ގެންނަން،" އޭނާ ވިދާޅުވި އެވެ. "ދެން ނިކުންނަން މިއުޅޭ ރިސޯޓްތަކުގައި ވެސް ސްކޯޕަކީ ކޮބައިތޯ [ބަލަން]."
ރިސޯޓްތައް ނުހެދި އާ ރިސޯޓްތަކެއް ހަަދަން ރަށްތަކެއް ދޫކޮށްލުމަކީ ވެސް ހައްލެއް ނޫނެވެ. ނުހެދި ހުރި ރަށްތަކާ މެދު ކޮންމެވެސް އެއްގޮތެއް ނިންމަން ޖެހެ އެވެ. ސަރުކާރުން ލުއި ދިނުން ނޫނީ ވަކިވަކި މައްސަލަ ދިރާސާކޮށް އެފަދަ ފަރާތްތަކުގެ އަތުން ރަށްތައް ނަގަން ވެސް ޖެހެ އެވެ. އެންމެ އާދައިގެ މީހާ ވެސް ރަށެއް ހިފައިގެން ރިސޯޓެއް ހަދަން އިންވެސްޓަރެއް ހޯދަން އުޅުމަކީ މަލްޓިމިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހާ ފައިދާ ބޮޑު ކަމެއް ނޫނެވެ. އެކަމަކު އެކަމަކަށް ނުބަލާ، "ދަށުން ދަމާ ކުޅެގެން" އެމްއެމްޕީއާރުސީ އިން އެކި މީހުންނަށް މި ވަނީ 100 އެއްހާ ރަށް ދީފަ އެވެ.
އެހެން ވިއްޔާ ހައްލަކީ ނުހެދި ގިނަ ދުވަސް ވެފައި ހުރި ރަށްތައް އެ މީހުންގެ އަތުން އަތުލުމެވެ. އެއީ ސިޔާސީ ގޮތުން އެންމެ ރަނގަޅު ނިންމުމަކަށް ވެސް ނުވެދާނެ އެވެ. އެއީ އެކަހަލަ ގިނަ ރަށްތައް ނަގާފައި ހުރި ސިޔާސީ މައިދާނުގައި އަޑު ގަދަ ކޮންމެވެސް ނުފޫޒު ގަދަ މީހެކެވެ. އެކަމަކު އެ މީހުންނަށް ޓަކައި ގައުމުގެ އެންމެ ބޮޑު ސިނާއަތް ގުރުބާންކޮށް ކަތިލަންވީ ހެއްޔެވެ؟ ސަރުކާރުން މިހާރު ވެސް މި ވަނީ ނުހެދި ހުރި ރަށްތައް ހެދުމަށް ޓާގެޓްކޮށްގެން ރިސޯޓް ހަދަން ގެންނަ ތަކެތިން ޑިއުޓީ މާފުކޮށްދޭން ނިންމައިފަ އެވެ. އަދި ބޭންކްތަކުން ލޯނު ލިބުން ފަސޭހަ ކުރުމަށް އެމްއެމްއޭގައި ބޭންކްތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދުތައް މި ވަނީ ކުޑަކޮށްފަ އެވެ. އެހެން ވެއްޖެ ނަމަ، ފޮތުގައި ބުނާ އުސޫލުން، ލޯނު ލިބުން ފަސޭހަވާން ޖެހޭނެ އެވެ. މި ލުއިތަކުގެ ތެރެއިން 30 ރިސޯޓެއް މިހާރު ވެސް ހަދަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
ގަބޫލު ކުރަން ޖެހެނީ ނުހެދި ހުރި ރަށްތަކަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހިޔަންޏެކެވެ. ޓޫރިޒަމް އެހެން ފެންވަރަކަށް ގެންގޮސް އެނދުގެ ނިސްބަތް ބޮޑު ކުރަން ބޭނުން ނަމަ، ނުހެދި ރަށްތަކާ މެދު ސަރުކާރުން ގޮތެއް ނިންމުގެ ވަގުތު މި ވަނީ ޖެހިފަ އެވެ. އެކަން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. އެކަމަަށް އެކަށީގެންވާ ފުރުސަތު މިހާރު ވެސް އޮތީ ދެވިފަ އެވެ. ސަރުކާރަށް އޮތީ މިހާރު ދެ ގޮތެވެ. ރަށްތައް ނެގުން ނޫނީ ރަށްތައް ނުހެދި ހުރި ފަރާތްތަކަށް ކޮންމެވެސް ތަނަކުން ހޯދައިގެން ފައިނޭންސް ގެނެސްދިނުމެވެ. އޭގެން ކޮންމެވެސް އެއްގޮތެއް ހިޔާރު ކުުރުމަށް ސަރުކާރަކަށް މާކަ ގިނަ ވަގުތެއް ނެތެވެ.