މާލޭ ސިޓީ

މާލެއާ ހުޅުމާލޭގެ ކަރަންޓުވިއުގަ ޑިޒައިން ކުރަން އިނގިރޭސި ކުންފުންޏަކަށްދީފި

މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށް ހަދަންޖެހޭ ޑިޒައިންތަކާއި ޓެންޑާ ޑޮކިއުމަންޓު ތައްޔާރު ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ސީމަންސް ކުންފުންޏާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ސީމަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާ މރ. މާކް ލޫން އެވެ.

މިމަސައްކަތް ސީމަންސް ކޮމްޕެނީ ލިމިޓެޑާއި އާއި ހަވާލުކުރެވިފައިވަނީ 369,051 އެމެރިކާ ޑޮލަރަށެވެ. މި އެއްބަސްވުމުގެ ދަށުން މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމުގެ މަސައްކަތަށް ބޭނުންވާ ޑިޒައިންތަކާއި ޓެންޑާ ޑޮކިއުމަންޓު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ނިންމަންޖެހޭނެއެވެ. މި މަސައްކަތް ނިމުމާއި އެކު މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލެވޭނެ ކަމަށް އެންވަޔަރަމެންޓުން ބުނެ އެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މި ދެރަށްގުޅުވައިދޭ ބްރިޖް މަތިންއަޅާ ހައިވޯލްޓޭޖް ކޭބަލެއް މެދުވެރިކޮށެވެ. މި ކޭބަލްއާއި އަދި މި އާ ގުޅިގެން ބެހެއްޓޭ ސަބްސްޓޭޝަންތަކުގެ ސަބަބުން މާލެއާއި ހުޅުމާލެއަށް ކަރަންޓުދިނުމަށް ގާއިމްކުރެވިފައިވާ ވަސީލަތްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެ އެވެ. މި ސަރުކާރުގެ އަމާޒަކީ ބްރިޖްގެ މަސައްކަތްނިމި ބޭނުންކުރަންފަށާއިރު މާލެއާއި ހުޅުމާލެއަށް އެއްވިއުގަ އަކުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފެށުން ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.