މާލޭ ސިޓީ ކައުންސިލް

ހުޅުމާލޭގައި ކެޓް ޝެލްޓާ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭގެ ފަރުކޮޅުފުށި ސަރަހައްދުގައި ބުޅޭ ބޭތިއްބުމަށް ކެޓް ޝެލްޓާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް ބޭތިއްބުމަށް ކެޓް ޝެލްޓަ އެޅުމަށް ހަމަޖެހިފައިވާ 5،000 އަކަފޫޓުގެ ބިން ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ހ. ހުޅުގަލި އެއްވަނަ ފަންގިފިލާގައި ގާއިމުކޮށްފައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިން ރޫމްގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހިގެން ހުށަހަޅާ ބީލަން ބަލައިނުގަންނާނެ ކަމަށެވެ. މަސައްކަތުގެ އަގު ހުށަހަޅަންޖެހެނީ މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހ. ހުޅުގަލި އެއްވަނަ ފަންގިފިލާގައި ގާއިމުކޮށްފައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަނަށެވެ.

ކެޓް ޝެލްޓާ އެޅުމަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް އެޅުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުގެ ވިސްނުން ހުރީ މުސްތަގުބަލްގައި އަތޮޅު ތެރޭގައިވެސް މިފަދަ ސެންޓަރުތަކެއް އެޅުމަށެވެ.