ރިޕޯޓް

މުވައްޒަފުން ހެޔޮގޮތުގައި މޯޓިވޭޓް ކުރުވުމުގެ ފައިދާ ވަރަށް ބޮޑު!

Jun 28, 2016
1

މޯޓިވޭޝަން އަކީ ކޮބައިތޯއެވެ. މެނޭޖްމަންޓާއި ބެހޭ ފޮތްފޮތުގައި މޯޓިވޭޝަން މާނަކޮށްފައި ހުންނަނީ، ކަނޑައެޅިފައިވާ ލަނޑުދަނޑިއަކަށް ވާޞިލްވުމަށް މަސައްކަތްކުރުމަށް ބާރުދޭ ކަންތައްތަކެއް ނުވަތަ އެލަނޑުދަނޑިއަށް ވާޞިލްވުމަށް މަސައްކަތްކުރާ ސަބަބުތަކަށެވެ. ދިވެހިބަހުން މަސައްކަތަށް އަހުލުވެރި ކުރުވުން، މޯޓިވޭޝަންގެ މާނައިގައި ބޭނުންކޮށް އުޅެއެވެ.

ޙަޤީގަތުގައި މޯޓިވޭޝަން އަކީ ހަމައެކަނި މެނޭޖްމަންޓާއި ނުވަތަ މަސައްކަތާއި ގުޅުވައިގެން އަންނަކަމެއް ނޫނެވެ. ކޮންމެ އިންސާނަކުމެ އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް މޯޓިވޭޝަން އަކީ ބޭނުންތެރި ކަމެކެވެ. މިސާލެއް ދަންނަވަންޏާ، ޤަވާއިދުން ދުވާލު ފަސްވަގުތު ނަމާދުކުރުމަށް ވިސްނާވަޑައިގަންނަވާށެވެ. އެކަން ޤަވާއިދުން ކުރުމަށް މޯޓިވޭޓް ވާ މީހާ، އެކަން ކުރާހިތުން ކުރާނެއެވެ. ނަމަވެސް އެކަމުގެ މޯޓިވޭޝަން ނެތްމީހާ ނަމާދުކުރާނީ ކޮންމެވެސް އެހެން ސަބަބެއް މެދުވެރި ވެގެންނެވެ. ނުވަތަ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކަސްރަތު ކުރާ މީހާ އެކަންކުރުމަށް މޮޓިވޭޓްވެފައިވާނަމަ، ޤަވާއިދުން ކަސްރަތު ކުރާނެއެވެ. އެމޯޓިވޭޝަން ނެތް މީހާ ޤަވާއިދުން ކަސްރަތުކުރުމާ ތަންކޮޅެއް ދުރުހެލި ވާނެއެވެ.

މެނޭޖްމަންޓަށް ބަލާއިރު މޯޓިވޭޝަން ނުވަތަ މޯޓިވޭޓް ކުރުވުމޭ ބުނެވެނީ، އެމީހަކު އަދާކުރާ ވަޒީފާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަޢް ފުރިހަމަ އަށް އަދާކުރުވުމަށް ބާރުއެޅުމުގެ ގޮތުން ކުރާ ކަންތައްތަކެއްގެ މައްޗަށެވެ.

މޯޓިވޭޝަންއަކީ އެކަމުގެ މައްޗަށް 1940 ހުގެ އަހަރުތަކުންފެށިގެން ދިރާސާތައް ކުރެވި އެކަމާބެހޭ ގިނަ ތިޔަރީތަކެއް ލިޔެވިފައިވާ ކަމެކެވެ. މި ތިޔަރީތަކުގެ ތަފްޞީލަށް ނުގޮސް ވަރަށް ކުރުގޮތަކަށް އިންސާނުން ކަމަކަށް މޯޓިވޭޓް ވަނީ ކީއްވެގެން ކަމާގުޅޭގޮތުން މިތިޔަރީ ތަކުގެ އަލީގައި ކޮންމެވެސް އެއްޗެއް ދަންނަވާލެވޭތޯ ބަލާނަމެވެ.

މޯޓިވޭޝަން އަކީ ކޮންއެއްޗެއްކަން ދެނެގަތުމަށްޓަކައި އެކި ވައްތަރުގެ މޯޓިވޭޝަންގެ ދެކޮޅަށް ބަލާލުމުން ތަންކޮޅެއް ފަސޭހަވެގެން ދާނެއެވެ. ފުރަތަމަ ގޮތަކީ ޕޮސިޓިވް ނުވަތަ ކަމެއް ވާން އެދޭގޮތް ޙާޞިލްކުރުމަށް މޯޓިވޭޓް ވުމާއި ނެގެޓިވް ނުވަތަ ކަމެއް ވިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރުމަށް މޯޓިވޭޓް ވުމެވެ. މިސާލަކަށް ތިބާ ވަޒީފާ އަދާކުރާ އޮފީހަށްދަނީ، އޮފީހުގައި އެކުވެރިންނާއި އެކު އުޅުމުގެ ހިތްހަމަޖެހުމަށް (ޕޮސިޓިވް) ކަމުގައި ވާއިރު، ތިބާ އޮފީހަށްދަނީ ކެއިންބުއިމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެނޫންގޮތެއް ނެތިގެން (ނެގެޓިވް) ކަމުގައި ވެދާނެއެވެ. އަނެއް ގޮތަކީ އިންޓަރ ނަލް ނުވަތަ އެތެރެފުށުން މޯޓިވޭޓް ވުމާއި އެކްސްޓަރނަލް ނުވަތަ ބޭރުފުށުން މޯޓިވޭޓް ވުމެވެ. އިންޓަރނަލް މޯޓިވޭޝަންއަކީ ކަމެއް ޙާޞިލްކުރުމަށް ތިމާގެ އަމިއްލަ ނަފްސުން އެދޭ އެދުމެވެ. އެކްސްޓަރނަލް މޯޓިވޭޝަން އަކީ އެކަން ޙާސިލްކުރުމަށް ތިމާގެ ނަފްސުގެ ބޭރުން ބާރުއަޅާ އެކި ކަންތައްތަކެވެ. ތިންވަނަ ގޮތަކީ ބޭސިކް ނުވަތަ އެންމެ އާދައިގެ މޯޓިވޭޝަންއާއި ލާރންޑް ނުވަތަ ދަސްކުރެވޭ މޯޓިވޭޝަން އެވެ. ބޭސިކް މޯޓިވޭޝަންގެ ތެރޭގައި ބަނޑުހައި ވުމުން ކެއުމާއި ޖިންސީ އެދުން ފުއްދުމަށް ބޭނުންވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ލާރންޑް ނުވަތަ ދަސްކުރެވޭ މޯޓިވޭޝަންގެ ތެރޭގައި ކަންތައްތައް ޙާޞިލްކުރުމާއި، ބާރުވެރިކަން ފަދަ ކަންތައްތައް ހިމެނެއެވެ.

ވަރަށް ކުޑަގޮތަކަށް މިބަލާލެވުނީ މީހުން ކަމަކަށް މޯޓިވޭޓްވާ މައިގަނޑު ގޮތްތަކާއި މެދުގައެވެ. މީގެ އިތުރުން މޯޓިވޭޝަން އާއި ބެހޭގޮތުން އެކި މުފައްކިރުން ތައްޔާރުކޮށްފައިވާ ގިނަ ތިޔަރީތަކެއް ވެއެވެ. މި ތިޔަރީތަކުގައި ބުނާ އެއްޗަކާމެދު ކުޑަގޮތަކަށް ނަމަވެސް ބަލާލުމަކީ މުހިންމުކަމެއްކަމުގައި އަޅުގަނޑުދެކެމެވެ. މިދެންނެވުނު ތިޔަރީ ތަކުގަތެރެއިން އެންމެ މަޝްހޫރު ތިޔަރީތަކުގައި ބުނާގޮތުން މީހުން މޯޓިވޭޓްވަނީ:

  • ނީޑްސް ތިއަރީ: އިންސާނާގެ އެތެރެފުށުގެ ބޭސިކް ކަންތައްތަކެއް ޙާޞިލްކުރުމުގެ މަޤްސަދުގައި މޯޓިވޭޓްވުން
  • އިކުއިޓީ ތިޔަރީ: އިންސާނާ މަސައްކަތެއް ކުރާނީ އެމަސައްކަތަކުން އޭނާއަށް ލިބޭ އެއްޗަކާއި، އެއްހަމައެއްގައި ކަމާއި، އެހެން މީހުންނަށް ލިބޭ އެއްޗަކާއި އަޅުވާކިޔާފައިކަން
  • ޓޫ ފެކްޓަރ ތިޔަރީ: ހައިޖީން ފެކްޓަރސް ނުވަތަ ދެރައެއް ލިބުނަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ނުކުރެވުމުން ލިބިދާނެ ގެއްލުމުން ސަލާމަތްވުމާއި މޯޓިވޭޓިން ފެކްޓަރސް ނުވަތަ އުފަލެއް ޙާޞިލް ކުރެވިދާނެ ކަންކަން ކުރުން
  • އެކްސްޕެކްޓަންސީ ތިޔަރީ: އިންސާނަކު މަސައްކަތްކުރަނީ ލިބިދާނެ ދެރައެއް އެންމެ ކުޑަކޮށް، ޙާޞިލްކުރެވިދާނެ އުފަލެއް އެންމެ ގިނަކުރުމުގެ ވިސްނުމުގައި ކަން.
  • ޖޮބްޑިޒައިން މޮޑެލް: ވަޒީފާއެގައި ހިމެނޭ މުހިންމު ކަންތައްތައް، އިންސާނުން އެކަމަށް އެންމެ ބޮޑަށް މޯޓިވޭޓް ކުރުވާނެ ގޮތަކަށް ޑިޒައިން ކުރެވިދާނެކަން

މީހުން މޯޓިވޭޓް ކުރުވުމުގެ ޒަމާނީ ހޯދުންތައް ގުޅުވާފައި ހުންނަނީ މިދެންނެވުނު ތިޔަރީތަކާއި ނުވަތަ އެއިން ކޮންމެވެސް އެއް ތިޔަރީ އަކާއިއެވެ. މާތްﷲ ގެ ވާގިފުޅާއިއެކު، ކުރިއަށް އޮތްތާނގައި މި ކަންތައްތަކާއި ގުޅޭގޮތުން އިތުރު ލިޔުންތައް ލިޔަމުން ގެންދާނަމަވެ. ނަމަވެސް މިލިޔުމުގައި މިހާރުވެސް އަޅުގަނޑު ބޭނުންވިވަރަށްވުރެ ތަންކޮޅެއް ބޮޑަށް ތިޔަރީގެ ވާހަކަތައް ގިނަވެގެން ހިނގައްޖިޔަތީ، މިހާހިސާބުން އަޅުގަނޑު ބަލާލާނީ މީހުން މޯޓިވޭޓް ކުރުމުގައި އަޅުގަނޑުމެންނަށް ގެންގުޅެވޭ ބައެއް ނުރަނގަޅު ވިސްނުންތަކާއި މެދުގައެވެ.

އަޅުގަނޑުމެން ވަރަށް ގިނަ މީހުން ޤަބޫލުކުރާގޮތުގައި މީހުން އެންމެ ބޮޑަށް މޯޓިވޭޓްވަނީ ފައިސާ އަށެވެ. އެހެންނަމަވެސް މަތީގައި ދަންނަވާލެވިފައިވާ ތިޔަރީ ތަކަށް ރަނގަޅަށް ވިސްނާ ވަޑައިގަތުމުންވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫންކަން އެނިވަޑައިގަންނަވާނެއެވެ. ކުޑަ މިސާލެއް ދަންނަވާލާނަމަވެ. މީހުން އެންމެ ބޮޑަށް މޯޓިވޭޓްވަނީ ފައިސާއަށް ކަމުގައިވާނަމަ، ކޮންމެ އޮފީހެއްގައިވެސް އެންމެ ރަނގަޅަށް މަސައްކަތްކުރާނީ އެންމެ ގިނަ ފައިސާ ލިބޭ މީހެއް ނޫންތޯއެވެ. އެހެން ނަމަވެސް ތިބާ މަސައްކަތް ކުރައްވާ އޮފީހަށް ވިސްނާލެއްވިޔަސް، މިކަން އޮންނަނީ މިގޮތަށް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ. ކޮންމެހެން އެންމެ ރަނގަޅަށް މަސައްކަތްކުރަނީ އެންމެ ގިނަ ފައިސާ ލިބޭމީހާ ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.

މޯޓިވޭޝަން އާއި ބެހޭގޮތުން އަޅުގަނޑުމެން ގެންގުޅޭ އަނެއް ނުރަނގަޅު ވިސްނުމަކީ ކެރެޓް އެންޑް ސްޓިކް (ކެރެޓާއި ދަނޑިބުރި) ސިސްޓަމަކީ މީހުން މޯޓިވޭޓް ވާނެ ރަނގަޅު ގޮތެއް ކަމުގަދެކުމެވެ. އިހުޒަމާނުގައި އަހާއި ހިމާރު ފަދަ ޖަނަވާރުގެ މޫނާދިމާ ކުރިމަތީގައި ދަނޑިކޮޅެއް ގައި ވާފަށެއް ޖަހާ އޭގައި އައްސާފައިވާ ކެރެޓެއް ހަރުކޮށްފައި ހުރެއެވެ. އެ ކެރެޓް ކެއުމުގެ ބޭނުމުގައި އެސޮރު އެކެރެޓާއި ދިމާލަށް ހުއްޓުމެއްނެތި ދެއެވެ. އެހެން ނަމަވެސް އެ ދަނޑިކޮޅު އައްސާފައި ހުންނަނީ އެސޮރުގެ ބޮލުގައި ކަމުގައި ވާތީ އެސޮރު ކުރިއަށްދާވަރަކަށް ކެރެޓްވެސް ކުރިއަށް ދެއެވެ. އަދި އެސޮރަކަށް ދުވަހަކުވެސް ކެރަޓަކަށް އަނގައެއް ނުފޯރައެވެ. އަދި ދުވެލި މަޑުވެއްޖެނަމަ އެސޮރުގައިގައި ޖެހުމަށް ބޭނުންކުރާ ދަނޑިބުރިއެއް އޮވެއެވެ.

މިމިސާލަކީ މުވައްޒަފުން މިވެނި ކަމެއް ޙާޞިލްކޮށްފިނަމަ، މެނޭޖްމަންޓުން މިވެނި ކަމެއް ކޮށްދޭނެކަމުގައި ބުނެ މީހުން މޯޓިވޭޓް ކުރުމަށް ބޭނުންކޮށްއުޅޭ މިސާލު ބަހެކެވެ. މިފަދަ ކަންތައްތަކުގެ މިސާލަކީ ބޯނަސް ދިނުން ފަދަ ކަންތައްތަކެވެ. މުވައްޒަފު، ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކަކަށް މަސައްކަތް ފުރިހަމަ ކޮށްފިނަމަ، އޭނާއަށް ވަކި "އިނާމެއް" ލިބުމެވެ.

މިފަދަ އަނެއް ކަމަކީ، މުވައްޒަފުންނަށް ކަންތައްތައް ފަސޭހަކޮށް ހިތްހަމަޖައްސައިދިން ވަރަކަށް މުވައްޒަފުން މަސައްކަތަށް މޯޓިވޭޓްވާނެ ކަމަށް ދެކޭ ދެކުމެވެ. މުވައްޒަފުން ހިތްހަމަޖައްސައިދިނުމަކީ މުވައްޒަފުން މޯޓިވޭޓް ވާ ކަމަކެވެ. ނަމަވެސް ހިތްހަމަޖެއްސުމަށް، އިތުރަށް ކުރާ ކޮންމެ ކަމަކަށް މުވައްޒަފުންގެ މޯޓިވޭޝަން އިތުރަށް ރަނގަޅުވާނެކަމަށް ދެކުމަކީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. މިޒަމާނުގެ ހޯދުންތަކުން ދައްކާގޮތުގައި ހިއްހަމަޖެއްސުމަށް ކުރާ ކަންތައްތަކާއި މުވައްޒަފުންގެ މޯޓިވޭޝަން އާއި ދެމެދު އޮންނަ ގުޅުމަކީ އެހާ ވަރުގަދަ ގުޅުމެއް ނޫނެވެ.
އާދެ އެހެންކަމުގައި ވާނަމަ މީހުން މޯޓިވޭޓް ކުރުމަށް ކުރަން އެންމެ ރަނގަޅީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލާލަން ޖެހޭ އެހެންނޫންތޯއެވެ. މިލިޔުން ތަންކޮޅެއް ދިގުވެއްޖިޔަތީ، މާތްﷲ ގެ ވާގިފުޅާއިއެކު، ދެން ލިޔާ ލިޔުމެއްގައި ތަންކޮޅެއް ތަފްޞީލުކޮށް މީހުން މޯޓިވޭޓް ކުރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އަލިއަޅުވާލެވޭތޯ ބަލާލާނަމެވެ.